ވާވޭ ޕީ10 ފޯނު އުރީދޫއިން ރާއްޖެއަށް ލޯންޗުކޮށްފި

ވާވޭ ޕީ10 އަދި ޕީ10 ޕްލަސް ފޯނު މިރޭ ލޯންޗުކުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޗައިނާގެ ސްމާޓްފޯނު ކުންފުނި ވާވޭގެ އެންމެ ފަހު ފޯނު، ވާވޭ ޕީ10 އަދި ޕީ10 ޕްލަސް އުރީދޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ވާވޭ ޕީ10 އަދި ޕީ10 ޕްލަސް ދުނިޔޭގައި ލޯންޗުކުރީ މިއަހަރުގެ ފެބްރުއަރީ މަހު، ވޯލްޑް މޯބައިލް ކޮންގްރެސްގައެވެ.

މިރޭ މި ފޯނު ރާއްޖެއަށް ލޯންޗުކުރި އިރު، މި ފޯނު އުރީދޫއިން ލިބެން ހުންނާނެއެވެ. ފޯނު ލޯންޗުކުރީ ލައިވް މިއުޒިކާ އެކު، އާޓިފިޝަލް ބީޗުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވި ހަރަކާތެއްގައެވެ.

އެއްފަހަރާ ފައިސާ ދައްކައިގެން ވާވޭ ޕީ10، 8،299 ރުފިޔާއަށް ލިބޭ އިރު، ޕީ10 ޕްލަސް ލިބެން ހުންނާނީ 9،899 ރުފިޔާއަށެވެ.

އިންސްޓޯލްމަންޓުގެ ދަށުން ޕީ10 އަށް ޑައުންޕޭމެންޓުގެ ގޮތުގައި 1،199 ރުފިޔާ ދައްކައި، 12 މަހަށް ބަހާލައިގެން މަހަކު ދައްކަން ޖެހޭނީ 650 ރުފިޔާއެވެ.

އަދި އިންސްޓޯލްމަންޓުގެ ދަށުން ޕީ10 ޕްލަސް ލިބެން ހުންނާނީ 1،399 ރުފިޔާގެ ޑައުންޕޭމެންޓާ އެކު، 12 މަހަށް ބަހާލައިގެން މަހަކު 800 ރުފިޔާއެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި، އުރީދޫ މެދުވެރިކޮށް މި ފޯނު ގަންނަ ފަރާތްތަކަށް 12 މަސް ދުވަހަށް މަހަކު ދެ ޖީބީގެ ހިލޭ ޑޭޓާ އަދި 100 މިނިޓު ހިލޭ ލިބޭނެއެވެ.

ޕީ10 އަދި ޕީ10 ގައި 20 މެގަޕިކްސެލްގެ ޑުއަލް ކެމެރާ ހުންނަ އިރު، އެ ފޯނު ތިން ކުލައަކުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް