ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ގްރޭޑް 12ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ފޮރެންސިކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހިނގި އެ ކްލާހުގައި ވިލާ ހައި ސްކޫލުގެ 100 ދަރިވަރަކު ބައިވެރިވެފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ ސެޝަނަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ގްރޭޑް 12ގައި ބަޔޮލޮޖީ ކިޔަވަމުންދާ ދަރިވަރުންގެ ފިލާވަޅަކަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ގޮތުން އެ ސްކޫލްގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ.
ފޮރެންސިކާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މައުލޫމާތު ދެއްވީ، ހެޑް އޮފް ޑީއެންއޭ ލެބޯރޓްރީ ޑެޕިއުޓީ ޑިރެކްޓަރ ހިޝްމަތު އިބްރާހީމް އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޑޮކްޓަރ ހަސަން އުމަރު ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ގްރޭޑް 12ގައި ބަޔޮލޮޖީ ކިޔަވަމުންދާ ދަރިވަރުންނަށް ސިލްސިލާކޮށް އެ ޕްރޮގްރާމު ކުރިއަށް ގެންދާ ކަމަށް ފުލުހުނަ ބުނެއެވެ.
އެގޮތުން ސީއެޗްއެސްއީ އަދި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށްވެސް މިފަދަ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.