ރައީސް އޮފީހުގެ ނަމުގައި މީޑިއާ ކައުންސިލަށް މައްސަލައެއް ހުށަނާޅާ: މުއާޒު

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒު އަލީ --- ސަން ފައިލް ފޮޓޯ

ރައީސް އޮފީހުގެ ނަމުގައި ނޫސްވެރިޔަކާ ދެކޮޅަށް ވެސް އަދި މީޑިއާ އަކާ ދެކޮޅަށް ވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުއާޒު ވިދާޅުވީ "ރައީސް އޮފީހުގެ ނަމުގައި ނޫސްވެރިން، މީޑިއާ އަކާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނުވާ" ކަމަށެވެ. އަދި އެކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ވަނީ އަންގާފައި ކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒު މިހެން ވިދާޅުވިނަމަވެސް މީޑިއާ ކައުންސިލުން އިސްނަގައިގެން ޝަކުވާ ބަލާ ފޯމްގެ ފޮޓޯއެއް ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރު އަލީ ޔޫސުފް ވަނީ ޓްވީޓްކޮށްފައެވެ.

އެ ފޯމުގައިވާގޮތުން މީޑިއާ ކައުންސިލަށް ޝަކުވާ އައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ ފަރާތުންނެވެ.

ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އަބުރާ ބެހުނު ކަމަށް ބުނެ ރާއްޖެ ޓީވީގެ ހަ ނޫސްވެރިއަކާ ދެކޮޅަށް ހުށަހަޅާފައިވާ އަށް މައްސަލައެއްގައި ޖަވާބުދާރީވުމަށް މީޑިއާ ކައުންސިލުން ވަނީ އެ ނޫސްވެރިނަށް އަންގައިފައެވެ.

މެޑަމް ފާތުންގެ އަބުރާ ބެހުނު ކަމަށް ބުނެ "މިހާރު" ނޫހާ ގުޅޭ ގޮތުން ހުށަހަޅާފައިވާ 14 މައްސަލައެއްގައި ޖަވާބުދާރީވާން މީޑިއާ ކައުންސިލުން ވަނީ އަންގާފައެވެ. އަދި މެޑަމް ފާތުންގެ އަބުރާ ބެހުނު ކަމަށް ބުނެ އޮންލައިން ނޫސް "ވީއެފްޕީ"ގެ ޗީފް އެޑިޓަރ އިސްމާއީލް ރަޝީދާ ދެކޮޅަށް ފަސް މައްސަލަ އަދި އެ ނޫހާ ދެކޮޅަށް ހުށަހަޅާފައިވާ ފަސް މައްސަލާގައި ޖަވާބުދާރީވާން އެ ނޫހަށް މީޑިއާ ކައުންސިލުން ވަނީ އަންގާފައެވެ.

comment ކޮމެންޓް