އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ މުބާރާތެއް ބޭއްވުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށާއި މިއަދު އެކަން ހަގީގަތަކަށް ވެގެން ދިޔުމަކީ ކުޅިވަރު ހަޔާތުގައި އެންމެ ހިތްހަމަޖެހުނު އެއް ދުވަސް ކަމަށް ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ ރައީސް އަހުމަދު ހާފިޒް ވިދާޅުވެއްޖެއެވެ.
ސާބާ ޗެމްޕިއަންޝިޕް މިދިޔަ ހުކުރު ދުވަހުން ފެށިގެން މާލޭގައި ކުރިއަށްދާއިރު ސަން ސްޕޯޓްސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ހާފިޒް ވިދާޅުވީ، ރާއްޖޭގައި ބައިނަލްއަގުވާމީ ބާސްކެޓް މުބާރާތެއް ބޭއްވުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށާއި އަދި އޭނާ ސާބާގެ ރައީސަކަށް ހުރި ވަގުތެއްގައި އެ ފުރުޞަތު ލިބިގެންދިޔުމަކީ ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ.
ހާފިޒް ވިދާޅުވީ، އަމިއްލަ ގައުމުގައި މުބާރާތެއް ބޭއްވުމަކީ އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މުހިއްމު މުބާރާތްތަކެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
" އަމިއްލަ ގައުމުގައި މުބާރާތެއް ބޭއްވުމަކީ ވަރަށް ބޮޑު ޝަރަފެއް. އެންމެ ބޮޑު އުފަލަކީ މިއީ އަމިއްލަ ސަޕޯޓަރުން ކުރިމަތީ ހުނަރު ދައްކާލަން ލިބުނު މިފަދަ ފުރަތަަމަ ފުރުޞަތު،" ހާފިޒް ވިދާޅުވިއެވެ.
ދިގު މުއްދަތެއް ވަންދެން ރާއްޖޭގެ ބާސްކެޓް އިދާރާގެ ރައީސްކަން ކުރައްވާފައިވާ ހާފިޒް ވިދާޅުވީ، މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބާސްކެޓްބޯޅަ ބޮޑުތަން ކުރި އަރާފައިވާ ކަމަށާއި އަދި އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ބާސްކެޓް އިތުރަށް ތަރައްގީ ވެގެން ދިޔުން ކަމަށެވެ.
" ރާއްޖޭގަ އެބަތިބި ހުނަރުވެރި ކުޅުންތެރިން. ރާއްޖެއަށް ބާސްކެޓްގައި ކުރިއަށް ދެވިދާނެ ކަމުގެ އަލިގަދަ ހެކިތައް ފެންނަން އެބަހުރި. އެހެންވީމަ ސާބާ ތެރެއިންވެސް ރާއްޖޭގެެ ބާސްކެޓް ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރާނަން."
ސާބާގެ ރައީސްކަމަށް ހާފިޒް އިންތިހާބުވީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. މިއީ ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާއެއްގެ ރައީސްކަން ކުރުމުގެ ފުރުޞަތު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.