ބަނގްލަދޭޝް މެޑެއްޔަކާ ދިމާލަށް، މެޑެއްޔެއް ހޯދުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަނގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަނގްލަދޭޝް މޮޅުވީ 34 ޕޮއިންޓްގެ ތަފާތަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަމިއްލަ ގައުމުގައި ކުރިއަށްދާ ސަރަހައްދީ ފުރަތަމަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގައި ބަނގްލަދޭޝް އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެއަށް މެޑެއްޔެއް ހޯދުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ބަނގްލަދޭޝް ވަނީ ރާއްޖޭގެ ޓީމާ ދެކޮޅަށް ތަފާތު ދައްކައިފައެވެ. އެ މެޗުން ބަނގްލަދޭޝް މޮޅުވީ 52-86 ޕޮއިންޓުންނެވެ.

މިރޭ ކުޅުނު މެޗުގެ ހަތަރު ކުއާޓާ ވެސް ބަނގްލަދޭޝްއިން ނިންމާލީ ކުރީގައި އޮވެގެންނެވެ. އެ މެޗުގެ ފުރަތަމަ ކުއާޓާގައި ބަނގްލަދޭޝްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ކުއާޓާގައި ރާއްޖޭގެ މައްޗަށް ބަނގްލަދޭޝްއިން ވަނީ 9-12 ޕޮއިންޓުން ކުރި ހޯދައިފައެވެ.

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަނގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަނގްލަދޭޝް މޮޅުވީ 34 ޕޮއިންޓްގެ ތަފާތަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެވަނަ ކުއާޓާގައި ބަނގްލަދޭޝްއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، ފަރަގު ބޮޑުކޮށްފައެވެ. ބަނގްލަދޭޝްއިން ދެވަނަ ކުއާޓާގެ ކުޅުން ނިންމާލީ 17-41 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ތިންވަނަ ކުއާޓާ 26-60 އިން ބަނގްލަދޭޝްއިން ނިންމާލިއިރު، އެޓީމު ހަތަރުވަނަ ކުއާޓާ ނިންމާލީ 34 ޕޮއިންޓްގެ ފަރަގަކާއެކު ކުރީގައި އޮވެގެންނެވެ.

ރާއްޖެ ވަނީ ބަނގްލަދޭޝްގެ އިތުރުން އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ވަރުގަދަ އިންޑިއާ އަތުން ބަލިވިއިރު، ރޭ ކުޅުނު މެޗުގައި ނޭޕާލް އަތުން ވަނީ ބަލިވެފައެވެ. ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އެ ޓީމު ނުކުންނަން ޖެހޭނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

މިރޭ ހޯދި މޮޅާއެކު ބަނގްލަދޭޝްއަށް ވަނީ މުބާރާތުގެ ރަން މެޑެލް ނުވަތަ ރިހި މެޑެލް ލިބޭނެކަން ޔަގީންވެފައެވެ. ބަނގްލަދޭޝް ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން މޮޅުވެފައިވާއިރު، އިއްޔެ ހަވީރު ކުޅުނު މެޗުގައި އެޓީމުން ވަނީ ސްރީ ލަންކާ ބަލިކޮށްފައެވެ. އިންޑިއާއާ ދެކޮޅަށް މާދަމާ ހަވީރު 5:00ގައި ކުޅޭ މެޗުން ބަނގްލަދޭޝް މޮޅުވެއްޖެނަމަ، އެޓީމަށް ރަން މެޑެލް ޔަގީންވާނެއެވެ.

ސާބާ ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަނގްލަދޭޝް މެޗުގެ އިތުރުން ވެސް މާދަމާ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާއާއި ނޭޕާލެވެ. އެ މެޗުން ނޭޕާލް މޮޅުވެއްޖެނަމަ، އެޓީމަށް ވެސް މެޑެއްޔެއް ހޯދުމުގެ ފުރުސަތު ބޮޑުވާނެއެވެ.

comment ކޮމެންޓް