ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި: ދައުލަތް

މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑު އެހުމަކަށްގަހު އަމީން ފައިސަލް ކޯޓުން ނުކުމެ ވަޑައިގަންނަވަނީ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހިމާޔަތް ދިނުމުގެ ގޮތުން ކަމަށް ބުނެ ކ. އާރަށުގައި އެމްޑީޕީ ވެރިކަމުގައި ބެހެއްޓި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ދޫކޮށްނުލާނެ ކަމަށް އޭރުގެ ރައީސް ނަޝީދު ވިދާޅުވި ކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން މިހެން ބުނީ އެ މައްސަލާގައި މިއަދު ހެކި ހުށަހަޅަމުންނެވެ. އަދި އެކަން ސާބިތުކުރަން ސިއްރު ހެއްކަކު ހުށަހެޅިއެވެ.

މިއަދު އަމީން ވަނީ ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ މަޖިލިސް މެމްބަރު އަދި ރައީސް ޔާމީން ހާޒިރުކޮށްދޭން އެދިވަޑައިގެންފައެވެ.

އެގޮތުން އަމީންގެ ފަރާތުން ހުށަހެޅި ތިން ހެކިންގެ ތެރޭގައި ހިމެނޭ ޔާމީން ހެއްކެއްގެ ގޮތުގައި ހުށަހަޅަފައިވަނީ، ދައުވާގައި ބުނާ ފަދަ ކަމެއް އެ މަނިކުފާނަށް ކުރިމަތިވެފައިވޭތޯއާއި، ޔަމީން ތަހުގީގަށް ދީފައިވާ ބަޔާނަކީ ސައްހަ ބަޔާނެއްތޯ ކަށަވަރު ކުރުމަށް ކަމަށް ހެކި ހުށަހަޅުއްވަމުން އަމީންގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވި އެވެ.

ޔާމީންގެ އިތުރުން ދިފާއުގައި ހުށަހަޅާފައިވަނީ، އެ ހާދިސާ ހިނގި އިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލެވެ.

މޫސާ އަލީ ޖަލީލް ހެކީގެ ގޮތުގައި ހުށަހަޅަފައިވަނީ، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތު ތަކެއް އޭނާއަށް އެނގޭނެ ކަމަށް ގަބޫލު ކުރެވޭތީއާއި، ޔާމީންގެ ކުރީގެ ގާނޫނީ ވަކީލު އާޒިމާ ޝުކޫރަށް އޭނާ ފޮނުވާފައިވާ ސިޓީއެއްގައި، ޔާމީނަށް ހިމާޔަތް ދިނުމަށް ގެންގޮސްފައިވަނީ، އޭރު މާލޭގެ ހާލަތު ހުރި ގޮތުން އާއްމުންގެ ތެރެއަށް ޔާމީން ދޫކޮށްލެވެން ނެތް ކަމަށް ބުނެފައިވާތީ، އެކަންކަން ސާފު ކުރުމަށް ހަސީން ވިދާޅުވިއެވެ.

ދިފާއުގައި ތިންވަނަ ހެއްކެއްގެ ގޮތުއި ހުށަހަޅާފައިވަނީ، އެ ހާދިސާ ހިނގި އިރު ގާނޫނީ އިސްފަރާތެއްގެ ގޮތުގައި އެމްއެންޑީއެފްގައި ހުންނެވި ޒުބައިރު އަހްމަދު މަނިކެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހާޒިރު ކުރަނީ، އެމްއެންޑީއެފުން ޔާމީނަށް ހިމާޔަތްދިނުމަށް ކޮށްފައިވާ ކަންތައްތަކަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ބެލުމަށާއި، އެކަމުގައި އޭނަ ދީފައިވާ ގާނޫނީ ލަފަޔަކީ ކޮބައިތޯ ބެލުމަށެވެ.

ދައުލަތުގެ ފަރާތުން ސިއްރު ހެކިންގެ ގޮތުގައި ވަނީ ހެކިންތަކެއް ހުށަހަޅަފަ އެވެ. އޭގެ އިތުރުން ސިއްރު ދެ ރިޕޯޓެއްވެސް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އެއް ރިޕޯޓަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ސެކިއުރިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އަދި ދެވަނަ ރިޕޯޓަކީ އެ އޮޕަރޭޝަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެވެ.

އެ ދެ ރިޕޯޓުގެ އިތުރުން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހްމަދު މުއިއްޒު އެމްއެންޑީއެފަށް ފޮނުވާފައިވާ ސިޓީއަކާއި، 15 ޖުލައި 2010 ގައި ބޭއްވި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގެ ހާޒިރީ ވަނީ ހުށަހަޅާފަ އެވެ. ހާޒިރީ ހުށަހަޅާފައިވަނީ، އެ ބައްދަލުވުމުގައި އަމީން އިންނެވިކަން ސާބިތުކޮށްދިނުމަށެވެ.

އޭގެ އިތުރުން ރައީސް ނަޝީދު ދެއްވި ޕްރެސް ކޮންފަރެންސެއްގެ ސްކްރިޕްޓެއްވެސް ވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އަމީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

އެކަމާ މެދު މިއަދު ގާޒީ ވިދާޅުވީ، ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދެވޭނީ، ޖާމިން ކުރެވޭ ފަރާތެއް ހަމަޖެހުމުން ކަމަށެވެ. އަދި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށް ވިދާޅުވިއެވެ.

ޝަރީއަތް ނިންމާލަމުން ގާޒީ ވިދާޅުވީ، އަމީން ބޭރަށް ފޮނުވަން ކަނޑަނާޅާ ކަމުގައިވާނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ.

comment ކޮމެންޓް