އަމިއްލަ ގައުމުގައި ކުރިއަށްދާ ސަރަހައްދީ ފުރަތަމަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް އަތުން ހިތްދަތިގޮތަކަށް ރާއްޖެ ބަލިވެއްޖެއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެފައިވަނީ ދެ ޕޮއިންޓްގެ ފަރަގަކުންނެވެ.
އެ މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ރާއްޖޭން މޮޅު ކުޅުމެއް ދައްކާ، ލީޑުގައި ނިންމާލިއެވެ. ހަތް ޕޮއިންޓްގެ ލީޑެއްގައި އޮވެ، ރާއްޖޭން ދެވަނަ ކުއާޓާ ނިންމާލި ނަމަވެސް، ތިންވަނަ ކުއާޓާގައި ނޭޕާލްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ.
ނޭޕާލުން ނަތީޖާ އެއްވަރުކޮށްލައިގެން ތިންވަނަ ކުއާޓާ ނިންމާލިއިރު، ހަތަރުވަނަ ކުއާޓާގައި ވަރަށް އެއްވަރުކޮށް ގޮސް، ނޭޕާލުން މެޗު ނިންމާލީ ދެ ޕޮއިންޓްގެ ލީޑެއް ހޯދައިގެންނެވެ. ރާއްޖޭގެ މައްޗަށް ނޭޕާލުން ކުރި ހޯދީ 59-61 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނޭޕާލުގެ އާޝިމް ޝުރެސްތާއެވެ.
ރާއްޖޭން އިއްޔެ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އަތުން ބަލިވިއިރު، ނޭޕާލްގެ ފުރަތަމަ މެޗުގައި ބަނގްލަދޭޝް އަތުން ވަނީ ބަލިވެފައެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސްރީ ލަންކާ ބަލިކޮށް، ބަނގްލަދޭޝްއިން ވަނީ ދެވަނަ މޮޅު ހޯދައިފަ އެވެ. އެ މެޗު ބަނގްލަދޭޝްއިން ކާމިޔާބު ކުރީ 90-80 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިތުން ކުމާރު ބިސްވާސްއެވެ.
މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު 5:00ގައި ކުޅޭ މެޗުގައި ސްރީ ލަންކާ އާއި އިންޑިއާ ބައްދަލުކުރާއިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ރާއްޖެ އާއި ބަންގުލަދޭޝްއެވެ.