މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "މައިލޯ 5K ޓީމް ރަން"ގެ ސީނިއަރ ބައިން އެއްވަނަ، ކުޑަ ހުސައިން ސްޕޯޓްސް އެކަޑަމީ (ކޭއެޗް ސްޕޯޓްސް އެކަޑެމީ)ޓީމުން ހޯދައިފިއެވެ.
ހުޅުމާލޭގެ ހިތްފަސޭހަ މާހައުލުގައި، މިއަދު ހަވީ 4:30 އިން 3:30އަށް ކުރިއަށް ގެންދިޔަ ރޭހުގައި ސީނިއަ ކެޓަގަރީންނާއި ޖޫނިއަރ ކެޓަގަރީ ހިމެނޭގޮތަށް ޖުމުލަ 64 ޓީމު ވާދަކުރި އިރު އޭގެ ކޮންމެ ޓީމެއްގައި ފަސް މެންބަރުން ހިމެނެއެވެ.
ޖުމުލަ 45 މިނިޓް ތެރޭގައި ނިންމަން ޖެހޭއިރު، ޓީމްގެ "ފިނިޝް ޓައިމް" އަކަށް ކަނޑައަޅާފައި ވަނީ، ޓީމްގެ ފަސް ބައިވެރިންގެ ތެރެއިން 4 ވަނަ ބައިވެރިޔާ ރޭސް ނިންމާ ގަޑިއެވެ.
ސީނިއަރ ކެޓަގަރީގެ އެއްވަނަ، ކޭއެޗް ސްޕޯޓްސް އެކަޑަމީން ގެންދިޔައިރު، އެބައިގެ ދެވަނަ ހޯދީ ކްލަބް ކާމް ސްޕޯޓްސްގެ ޓީމެވެ. އަދި ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްސް އެސޯސިއޭޝަންގެ ޓީއެފްއޭ ރަނަރސް ޓީމެވެ.
އުމުރުން 14 އަހަރުން ދަށުގެ ކުދީން ހިމެނޭގޮތަށް ޖޫނިއާ ކެޓަގަރީގެ ޓީމުތައް ބައިވެރިވެފައި، މި ރޭހުގެ ޖޫނިއަރ ބައިން އެެއްވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްސް އެސޯސިއޭޝަންގެ ޓީއެފްއޭ ބޯއީސް އެވެ. ކޭވައި ސްޕޯޓްސް އެކަޑަމީގެ ކޭވައި ޗީޓާ، ރޭހުން ދެވަނަ ހޯދިއިރު، އެ ބައިގެ ތިން ވަނަ ހޯދީ ކޭއެޗް ސްޕޯޓްސް އެކަޑަމީގެ ޖޫނިއަރ ޓީމެވެ.
އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުމުގެ އިތުރުން އެކުވެރި މާހައުލެއް ގާއިމްކުރުމުގެ މަގުސަދުގައި ސްޕޯޓްސް ކޯޕަރޭޝަނުން ބޭއްވި މި ރޭހުގައި، ޚާއްސަ އެއީއަށް ބޭނުންވާ ކުދީންގެ ޓީމެއް ވެސް ބައިވެރިވިއެވެ. ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ އެކުދީންނަށް މެޑަލްއާއި ހަނދާނީ ލިޔުމުގެ އިތުރުން މޯލްޑިވިއަންގެ ޕަސެންޖަރ ޓިކެޓެއް ވެސް ދީފައެވެ.
އަގުބޮޑު އިނާމްތަކެއް ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ މި، ރޭހުގައި ބައިވެރިވި ޓީމުތަކުގެ ތެރޭން ގުރުއަތުން ހޮވުނު ހަތަރު ޓީމަކަށް، ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ތިލަފުށި ކޯޕަރޭޝަނުން ހުށަހަޅާފައިވާ ހާއްސަ ފައިސާގެ އިނާމުތަކެއް ދީފައެވެ.
މުބާރާތުގެ ސީނިއާ ކެޓަގަރީން އެއްވަނަ ޓީމަށް 15،000 ރުފިޔާ، ދެވަނަ ޓީމަށް 10،000ރ، ތިން ވަނަ ޓީމަށް 5،000 ރުފިޔާ ހުށަހަޅާފައި ވާއިރު، ޖޫނިއަ ބައިން އެއްވަނަ، ދެވަނަ އަދި ތިން ވަނަ ޓީމަށް ވެސް ވަނީ 5،000ރ ގެ ފައިސާގެ އިނާމު ދީފައެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ މައިލޯ ފައިވް-ކޭ ޓީމް ރަންގެ މެއިން ސްޕޮންސަރަކީ މައިލޯއެވެ. ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި ރޭހުގެ މީޑިޔާ ޕާޓްނަރަކީ ސަން މީޑިޔާ ގްރޫޕެވެ.