ވޮޝިންޓަން (މެއި 20): ސްޓާބަކްސްގެ ކޮފީއަކުން ގައި ފިހުނު އެމެރިކާގެ އަންހެނަކަށް 100،000 ޑޮލަރުގެ ބަދަލު ދޭން ކޯޓުން އަންގައިފި އެވެ.
ފްލޮރިޑާގެ ރައްޔިތެއް ކަމަށްވާ ޖޯއޭން މޮގަވޭރޯގެ ވަކީލުން ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރު މޮގަވޭރޯ ގަތް ކޮފީއެއްގެ މަތި ކުއްލިއަކަށް ހުޅުވި، އޭނާގެ ގަޔަށް ހޫނު ކޮފީ އެޅުމުން މޮގަވޭރޯއަށް ފަސްޓް އަދި ސެކަންޑް ޑިގްރީ ބާންސް ލިބިފައިވެ އެވެ.
އެހާދިސީ ހިނގީ ޖެކްސަންވިލްގެ ޑްރައިވް ތްރޫއަކުން ކާރެއްގައި ދިޔަ މޮގަވޭރޯ ކޮފީއެއް ގަތުމަށް ފަހު، ކާރުގައި ހުރި އިތުރު މީހަކަށް ކޮފީ ތަށި ދޭން އުޅެނިކޮށެވެ.
އެހެންކަމުން، ސްޓާބަކްސް އިން ދޭ ކޮފީ ތަށީގެ މަތި ކުއްލިއަކަށް ހުޅުވިދާނެ ކަމުގެ އިންޒާރު އެކުންފުނިން ދޭން ޖެހޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެމައްސަލާގައި ކޯޓުން މޮގަވޭރޯއަށް 85،000 ޑޮލަރު ދީފައި ވަނީ އޭނާގެ ވޭނަށާއި ކެކުޅުމަށެވެ. އަދި އަނެއް 15،000 ދިނީ އޭނާގެ ހޮސްޕިޓަލް ބިލަށެވެ.
މޮގަވޭރޯގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައިވާ ގޮތުން ސްޓާބަކްސް އިން ވިއްކާ ކޮފީ ތަށީގެ މަތި ކުއްލިއަކަށް ހުޅުވުން ނުވަތަ ކޮފީ ލިކުވުމާ ބެހޭ 80 ޝަކުވާ ކޮންމެ މަހަކު އެކުންފުންޏަށް ލިބޭ ކަމަށް ސްޓާބަކްސްގެ މުވައްޒަފަކު ކޯޓުގައި ބުނެފައިވެ އެވެ.
ސްޓާބަކްސް އިން ވަނީ މައްސަލަ އިސްތިއުނާފު ކުރަން ވިސްނަމުންދާ ކަމަށް ބުނެފަ އެވެ. (ބީބީސީ)