މިހާރުގެ ރައީސް ރޫހާނީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ލަފާކޮށްފި

ތެހެރާން (މޭ 20) : އީރާނުގެ ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ހަސަން ރޫޙާނީ ކަމަށް ޚަބަރު ލިބިއްޖެ އެވެ. އީރާނުގެ އިންތިޚާބުތަކާ ބެހޭ މަސްއޫލުވެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިހާތަނަށް ވޯޓުގެ 80 ޕަސެންޓް ވޯޓް ގުނާފައިވާ އިރު ރޫހާނީ އާ އެންމެ ގާތުން ވާދަކުރައްވާ އިބްރާހީމް ރައީސީ އަށް ވުރެ ރޫހާނީ އަށް ލިބިފައިވާ ވޯޓުގެ އަދަދު ވިއްސަކަށް މިލިޔަން އިތުރެވެ. އެހެންކަމުން އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ރޫހާނީކަން މިހާރުވަނީ ގާތްގަނޑަކަށް ކަށަވަރު ވެފަ އެވެ.

އީރާނުގެ ރިޔާސީ ރޭހުގައި އެންމެ ގާތުން ވާދަ ކުރައްވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކަނީ އިސްލާޙީ ފިކުރުގެ ރައީސް ހަސަން ރޫޙާނީ އާއި ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެއްކަމަށްވާ އިބްރާހީމް ރައީސީ އެވެ. މިދެބޭފުޅުންގެ ތެރެއިން ރޫޙާނީއަކީ އީރާނާ ދެކޮޅަށް އދ. އާއި ޔޫރަޕާއި އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްކޮށްދީ އީރާނާއި ހުޅަނގާ ދެމެދު ގުޅުންތައް ރަނގަނޅު ކޮށްދިން ޕްރެގްމެޓިކް ޝަޚްސިއްޔަތެވެ.

ރޫޙާނީގެ ވެރިކަމުގައި އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ސޮއިކޮށް ކުރިން އީރާން އޮތް އެކަހެރިކަމުން ސަލާމަތްކޮށްދެއްވާފަ އެވެ. މިކަމުގެ ސަބަބުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ބޮޑުބަޔަކުން އީރާން ސަލާމަތްވެ ދުނިޔޭގެ އިޙްތިރާމް އީރާނަށް ލިބި އިގްތިސާދީ ގިނަ ފައިދާތަކެއް އީރާނަށް ލިބިގެން ގޮސްފައިވެ އެވެ.

އީރާނުގެ ދައުލަތުގެ ވެރިޔާކަމަށް ބެލެވޭ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް