ކޮޅުވެއްޓި ހޯދަމުން ދަނިކޮށް ޓީއެމްއޭގެ ސީޕްލޭނަށް އޮޔާދާ އެއްޗެހިތަކެއް ފެނިއްޖެ

ޓީއެމްއޭގެ ސީޕްލޭނެއް -- ސަން ފޮޓޯ/ އަލީ ނަސީރު

ކ. ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ހަ މީހުންނާ އެކު ދަތުރު ކުރި "މާރިޔާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން ޓީއެމްއޭގެ ސީޕްލޭނެއްގައި ސިފައިން އެކޮޅުވެއްޓި ހޯދަމުން ދަނިކޮށް ތެޔޮގަނޑަކާއި އޮޔާދާ އެއްޗެހިތަކެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، އެތަކެތި ފެނިފައިވަނީ ލ. އިސްދޫގެ އިރުއުތުރުން 50 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފުން ޓީއެމްއޭގެ ސީޕްލޭން ބޭނުންކޮށްގެން ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ ފެނުނު ތަކެއްޗަށް ބަލައި ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓީއެމްއޭގެ ސީޕްލޭންގެ އިތުރުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި ކޯސްޓްގާޑުގެ "ހުރަވީ" އާއި އެހެނިހެން އުޅަނދުފަހަރު ބޭނުންކޮށްގެން ގެއްލުނު ކޮޅުވެއްޓި އާއި އޮޔާދަނިކޮށް ފެނުނު ތަކެއްޗާ ގުޅުމެއް ހުރިތޯ ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ ސަރަހައްދުން އެއްވެސް މީހަކު ފެނޭތޯވެސް ބަލަމުން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ކޮޅުވެއްޓި ގެއްލިގެން ރިޕޯޓުކޮށްފައިވަނީ، އިއްޔެ ހަވީރު އެވެ. އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ 9:30 ގައި ކަމަށް އެ އުޅަނދުގެ ވެރިފަރާތުން ބުނާ ކަމަށެވެ.

ގެއްލުނު ކޮޅުވެއްޓީގައި ބިދޭސީ ހަތަރު މީހުންނާއި ދިވެހި އަންހެނަކާއި ފިރިހެނަކާ އެކު ޖުމްލަ ހަ މީހުން ތިބިކަމަށް މައުލޫމާތު ލިބޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޕްރައިވެޓް ލިމިޓެޑްގެ އެ ކޮޅުވެއްޓިއަކީ 168 ފޫޓުގެ ގަދަ ފެހިކުލައިގެ އުޅަނދެކެވެ.

comment ކޮމެންޓް