މިއަހަރު ނިމުމުގެ ކުރިން ބްރިޖުގެ ހުރިހާ ތަނބެއް ފެންނާނެ: މުއިއްޒު

މީގެ ކުރިން ބޭއްވި ހަރުގެ ޖަލްސާއެއްގައި ހައުސިންގް މިނިސްޓަރ ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލެއާ ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ހުރިހާ ތަނބެއް މިއަހަރު ނިމުމުގެ ކުރިން ލޮނުގަނޑުން މައްޗަށް އަރައި، ލޯތަކަށް ފެންނަން ފަށާނެ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ތަނބެއްގެ ތައްގަނޑު މިއަދު ނައްޓާލާފައިވާ އިރު، ތަނބުގެ ކޮންކްރީޓުގަނޑު މިއަދު ވަނީ ފާޅުވެފައެވެ.

ސަރުކާރު ކޯލިޝަނުން އެމްޑީއޭގެ ޖަހަގައިގައި މިރޭ ބޭއްވި ޖަލްސާގައި، އެމްޑީއޭގެ ނައިބު ލީޑަރު އަދި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއަދު ފެންނަން ފެށީ މައި ބްރިޖާއި މާލެއާ ގުޅުވައިދޭ އެޕްރޯޗު ބްރިޖުގެ ތަނބެއް ކަމަށެވެ.

"ބްރިޖުގެ އެކި ބައިތަކުގެ ތެރެއިން އެޕްރޯޗު ބްރިޖުގެ ތަނބެއްގެ މަސައްކަތް ނިމުނު ވާހަކަ މި ދެންނެވީ. އެއީ އެއް ތަނބު. މިހާރު ކުރިޔަށްދަނީ އެތައް ތަނބެއްގެ މަސައްކަތް އެކު އެކީގައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މިހާރު މަސައްކަތް ދާ ސްޕީޑުގައި ކުރިޔަށްދާ ނަމަ، ކުރިޔަށް އޮތް ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި މައި ބްރިޖުގެ ކޮންކްރީޓު ތަނބު ފެންނާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބެއްވެސް ފެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބެއްގެ މަސައްކަތް ނިމި، ލޮނުގަނޑު މައްޗަށް ފެންނަމުން ދާނެ،"

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި، މާލެއިން ބްރިޖަށް އަރާ ދިމާލުގެ ބައެއް ނިމޭނެ ކަމަށާއި، "ހަގީގީ ބްރިޖުގެ ޑެކު މަތީގައި ހިނގާލުމުގެ ފުރުސަތު"، ބްރިޖު މަސައްކަތުގައި އުޅޭ އިންޖިނިއަރުންނާއި މަސައްކަތްތެރީންނަށް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް