މުންނާރު ރައްކާތެރި ކުރުމަށް އިތުރު ފަށަލައެއް(ވީޑިއޯ)

ހުކުރު މިސްކިތު މުންނާރު: އެމުންނާރު ގިނަ ދުވަހު ބެހެއްޓުމަށް ވަނީ ފިޔަވަޅު ތަކެއް އަޅަން ފަށާފައި--

ތިން ސަތޭކަ ސާޅީސް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުކުރު މިސްކިތު މުންނާރު މަރާމާތުގެ މަސައްކަތް އަނެއްކާ ވެސް މިވަނީ ފަށައިފަ އެވެ. ފެނާއި އަވީގެ އަސަރު ކުރުމާ އެކު ހިރިގަލުން ހަދާފައިވާ އެބިނާއަށް އަންނަނީ އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ. މިފަހަރުގެ މަރާމާތުގައި އެކަން ހައްލުކުރުމަށް ބޮޑު އިސްކަމެއް ވަނީ ދީފަ އެވެ.

މިފަހަރު މަރާމާތު ކުރާއިރު މުއްނާރު ގިނަ ދުވަހަށް ހުންނާނެ ގޮތަށް ބެހެއްޓުމަށް އަމާޒުކޮށްގެން ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދެ ބުރިއަށް ހަދާފައިވާ މުންނާރުގެ ހުޅަނގު ފަރާތުން ފެން ހިފައި އެފަރާތުގައި ފެހިޖެހުމުން ގަލަށް ގެއްލުންވަމުން އަންނާތީ އެކަން ހައްލު ކުރަން ވަނީ ފިޔަވަޅުތައް އަޅަން ނިންމާފަ އެވެ.

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު ކުރިން މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

"މަތީގައި އުޅޭ މައްސަލަ މިފަހަރު ރަނގަޅު މިކުރީ، މުންނާރު ވަށައިގެން މަތީ ތުންފަތް ކައިރިން އިތުރު ފަށަލައެއްލީމި، މާނައަކީ ދެން އެތަނަށް ފެން އޮހުނީމާ އެތެރޭގައި ހަރުކުރެވިފައިމިވާ ދިވަދޮވިން ފައިބައިގެން އަންނާނީ އެންމެ ތިރިއަށް،" ހެރިޓޭޖް ޑިޕާޓްމެންޓުގެ އެސިސްޓެންޓް ރިސާޗް އޮފިސާ އަހުމަދު ޒަމީރު ވިދާޅުވި އެވެ.

އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް މިވަނީ އުވައިގެ މަސައްކަތާއި ދަވާދު ލުމުގެ މަސައްކަތް ފަށާފަ އެވެ. މުންނާރު ވަށައިގެން ލިޔެފައިވާ ބަންގީގައި އަންނަނީ ރީތިކޮށް ދަވާދުލަމުންނެވެ.

މިމަހުގެ 27 އަށް އެ މަސައްކަތް ނިންމުމަށް ނިންމާފައިވާ އިރު އެއީ ރީތި އަދި ގިނަދުވަހަށް ދެމި ހުންނާނެހެން ހަދާފައިވާ ތަނަކަށްވާނެ ކަމަށް ހެރިޓޭޖުން ބުނެ އެވެ.

"އަޅުގަނޑުމެން ހެރިޓޭޖްގެ ވިސްނުމަކީ ރީތި ކުރުމެއް ނޫން، މީތި ގިނަ ދުވަހަށް ބެހެއްޓުން، ރީތިވެސް ވާނެ، އަޅުގަނޑުމެންގެ ބޭނުން ވެސް ފުދޭނެ، ބަލާމީހާގެ ބޭނުންވެސް ފުދޭނެ،" ޒަމީރު ވިދާޅުވި އެވެ.

މުންނާރުގެ ތާރީހު:

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތުގެ މުންނާރަކީ 1674 ވަނަ އަހަރު އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވި މުންނާރެކެވެ. އެރަދުން އެމުންނާރު ބިނާކުރެއްވީ 1668ގައި ހައްޖަށް ވަޑައިގެންނެވި އިރު މައްކާއިން ފެނިވަޑައިގެން މުންނާރުތައް ހުރި ގޮތަށެވެ.

އެޒަމާނަށް ބަލާއިރު ވަރަށް އުސްކޮށް ހަދާފައިވާ އެބިނާހަދާފައި ވަނީ ހިރިގާ ކޮށާ މަށައިގެންނެވެ.

ހިޖުރައިން 1324 ވަނަ އަހަރު އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި މުންނާރު ވަށާ އުވަޖައްސައި މަރާމާތުކުރެއްވުމުގައި "ރޯނު ބަންދު"ގެ ބަދަލުގައި ލޮއިން ބަންދު އަޅުއްވައި މުންނާރުގައި ހުރި ލިޔުންތައް އާކޮށް ނޫކުލައިގެ ދަވާދު ވަނީ ލާފަ އެވެ.

އިސްކަންދަރު ރަދުން މުންނާރު އަޅުއްވާ ނިންމެވުމަށް ފަހު ނަމާދު ވަގުތު ޖެހުމުން މުންނާރު މައްޗަށް އަރާ ބަންގިގޮވަމުން ގެންދެވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް