ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް ބާތިލްކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ކޯޓުގައި އެދެފިއެވެ.
ގާސިމް އެންމެ ފަހުން ހައްޔަރުކުރުމަށް ފަހު އެމަނިކުފާނު ދޫކޮށްލީ ކްރިމިނަލް ކޯޓުން ޝަރުތުތަކެއް ކުރުމަށްފަހުއެވެ. ނަމަވެސް ޕީޖީ އޮފީހުން ގާސިމްގެ މައްޗަށް އެ މައްސަލާގައި ދައުވާ ނުކުރަން ނިންމާގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް ބާތިލްކޮށްދިނުމަށް އެދި ސިޓީއަކުން އެދިފައެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި، ގާސިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވޭތޯ ގާސިމްގެ ފަރާތުން ސުވާލު ކުރުމުން އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ނުވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި، އެ މައްސަލަ ހަމަ އެ ދުވަހުގެ ވަގުތެއްގައި ޕީޖީން އަނބުރާ ފުލުހުންނަށް ފޮނުވާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ކުރި ޝަރުތުތައް:
- ތަހުގީގަށް އެއްބާރުލުން ދިނުން
- ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަަށް ނުދިއުން
- މުޖުތަމައުތަރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވުން
- މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުން
- މުޖުތަމައުތެރޭގައި ފިތުނަ އުފައްދާ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުން
- މުޖުތަމައުތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހީމްގެ ގޯތި ގެދޮރު ބޭނުން ނުކުރުމަށާއި، އެފަދަ ކަންކަން ކުރަން އެހެން މީސްމީހުންނަށް އެތަންތަން ނުދިނުން
- ދައުލަތުގެ ތިންބާރާއި ތިންބާރުގެ ވެރިންނާއި ބެހޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކުން
ގާސިމް އިބްރާހީމް ދެ ފަރަހަކަށް ހައްޔަރުކޮށްފައިވާއިރު، އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުގައި ދައުވާގެ އަޑުއެހުންތަކެއް ވަނީ ބާއްވައިފައެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވަނީ، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތަކުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.