ހޯމް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ޝިފާގު މުފީދު އައްޔަން ކޮށްފި

ޝިފާގު މުފީދު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވި ޝިފާގު މުފީދު (ހިސްޓޯ) އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ޝިފާގު ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް އޭނާ ވިދާޅެއްނުވެ އެވެ.

ފުވައްމުލަކު މެދު ދާއިރާ މެންބަރު ކަން ވެސް ކުރެއްވި ޝިފާގު ވަނީ ހިއުމަންރައިޓްސް ކޮމިޝަންގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހިވަޑައިގެން، މީޑިއާގައި ވާހަކަފުޅު ދައްކަވައިފަ އެވެ. ހިސްޓޯ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ކަށަވަރެއް ނުވެވެ.

ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ޝިފާގު އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

އޭނާ އެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ސަރުކާރު ހިންގާ ޕީޕީއެމްގެ އާންމު މެމްބަރެއްގެ ގޮތުގަ އެވެ. ހިސްޓޯ ސިޔާސީ ދާއިރާއަށް ނުކުންނެވީ އަދާލަތު ޕާޓީންނެވެ. އެއަށް ފަހު އެމްޑީޕީގެ ޓިކެޓުގައި 2009 ވަނަ އަހަރު މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައި ފުވައްމުލަކު މެދު ދާއިރާ ގޮނޑިއަށް އިންތިހާބު ވެވަޑައިގެންނެވި އެވެ. އެއަށް ފަހު 2012 ވަނަ އަހަރު އޭރުގެ އިދިކޮޅު ޕާޓީ، ޕީޕީއެމާ ގުޅިވަޑައިގެންނެވުމަށް ފަހު، ޖެހިގެން އައި 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީއަށް ވެސް ސޮއި ކުރެއްވި އެވެ.

comment ކޮމެންޓް