އުތުރު ކޮރެއާ އިން އާ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި

އުތުރު ކޮރެއާގެ އަސްކަރީ ހަތިޔާރު ދެއްކުމަށް މިދިޔަ މަހު ބޭއްވި ޕެރޭޑުގެ ތެރެއިން -- ފޮޓޯ: ގެޓީ

ސޯލް (މެއި 13): އުތުރު ކޮރެއާގެ އަވަށްޓެރި ދެކުނު ކޮރެއާއިން އާ ރައީސަކު އިންތިހާބު ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެގައުމުން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި އެވެ.

އުތުރު ކޮރެއާގެ ހުޅަނގު އުތުރުގައި އޮންނަ ކުސޮންގުން ފޮނުވާލި އެމިސައިލް ވެއްޓުނީ 400 ކިލޯ މީޓަރުގެ ދުރުމިނަށް ދަތުރު ކުރުމަށް ފަހު ޖަޕާން ކަނޑަށް ކަމަށް އެގަމުގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެމިނިސްޓްރީން ވަނީ އެމިސައިލަކީ އާބާވަތެއްގެ މިސައިލަކަށް ވެދާނެ ކަމަށް ބުނެފަ އެވެ.

ޔޫއެސް ޕެސިފިކް ކޮމާންޑުން ވަނީ އެއީ ކޮން ބާވަތެއްގެ މިސައިލެއްތޯ ބަލަމުންދާ ކަމަށާއި ނަމަވެސް އެއީ އެމެރިކާއަށް ވާސިލުވެވޭ ފަދަ، އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރެވޭ ބާވަތުގެ މިސައިލެއް ނޫން ކަމަށް ބުނެފަ އެވެ.

އެމިސައިލް ޓެސްޓާ ބެހޭ ގޮތުން އުތުރު ކޮރެއާ އިން ވެސް އަދި އެގައުމަށް އެއްބާރުލުން ދޭ ހަމައެކަނި ގައުމުކަމަށްވާ ޗައިނާ އިން ވެސް ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

އެ މިސައިލް ޓެސްޓާ ގުޅިގެން ދެކުނު ކޮރެއާ އިން ބޭއްވި ކުއްލި ސަލާމަތީ ބައްދަލުވުމެއްގައި އެގައުމުގެ ރައީސް މޫން ޖޭ އިން ވަނީ އެއީ ބިރު ދެއްކުމުގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ.

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭއާ ހިލާފަށް ރައީސް މޫން ވަނީ ކޮރެއަން ޕެނިންސުލާއަށް ސުލްހަ ގެނައުމަށް ޓަކައި އުތުރު ކޮރެއާއާ ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެފަދަ މަޝްވަރާތައް ބޭއްވޭނީ އުތުރު ކޮރެއާ އިން ގެންގުޅޭ ވިސްނުމަށް ބަދަލު ގެނައުމުން ކަމަށް ދެކުނުން ވަނީ ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް