ރަށްފުށު ދިރިއުޅުން ސިފަކޮށްދޭ ސިފައިންގެ އާއިލީ ހަވީރު ރަސްފަންނުގައި

ސިފައިންގެ އާއިލ ހަވީރު ރަސްފަންނުގައި---ފޮޓޯ/އެމްއެންޑީއެފް

ސަތޭކަ ފަންސަވީސް ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ އާއިލީ ހަވީރު ރަސްފަންނުގައި މިއަދު ފަށައިފި އެވެ.

ސިފައިންގެ އާއިލީ ހަވީރު ހުޅުވައި ދެއްވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަލްފާސިލް އަބްދުއްރަޝީދު ހުސައިންނެވެ.

ސިފައިންގެ އާއިލީ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ/އެމްއެންޑީއެފް

ރަށްފުށު ދިރިއުޅުން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ އެ ހަވީރުގައި ބައިވެރިވުމުގެ ފުރުސަތު ސިފައިންގެ އާއިލާތަކުގެ އިތުރުން އާންމުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

މިއަހަރުގެ ސިފައިންގެ އާއިލީ ހަވީރުގައި ދިވެހިންގެ ދިރިއުޅުމުގެ އެހާރާއި މިހާރުގެ އާދަކާދަތަކާއި ދިވެހިން ކުރަމުންދިޔަ ބައެއް މަސައްކަތްތަކާއި ސިފައިންގެ ހިދުމަތްތައް ދައްކުވައިދޭ ސްޓޯލްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ހަރަކާތްތަކާއި ސްޓޭޖް އައިޓަމްތައް ވެސް ކުރިއަށްގެންދިޔައެވެ.

އޭގެ އިތުރުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމުތަކުގައި ފޮޓޯ ނެގުމާއި ރިޔަލު ދޯނި ދުއްވާލުމުގެ ފުރުސަތާއި އަދި އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ވެސް މި އާއިލީ ހަވީރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން---ފޮޓޯ/އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުން މިއަދުގެ ހަވީރުގައި ބައިވެރިވެފައިވާއިރު އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް ދެން އޮންނާނީ މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 ޖެހުމާ ހަމައަށް ރަސްފަންނުގަ އެވެ.

comment ކޮމެންޓް