ޔޫރަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދެމުން އަންނަ ބެލަންޑޯ އެވޯޑް ހޯދުމަކީ ދެކެމުން އަންނަ ހުވަފެނެއްކަމަށް ޗެލްސީގެ ބެލްޖިއަމް ތަރި އެޑިން ހަޒާޑް ބުނެފިއެވެ.
ޗެލްސީން މިފަހަރުގެ އިންގްލިޝް ޕްރިމިއަރ ލީގު ކާމިޔާބުކުރާނޭކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، ޗެލްސީގެ މި ކާމިޔާބީގެ ވަރަށް ބޮޑު ހިއްސާއެއްކަމަށްވާ ހަޒާޑް ވަނީ، މި ކާމިޔާބީއާއެކު ބެލަންޑޯ އެވޯޑަށް ވެސް އޭނާ ފާރަލަމުންދާ ކަމަށް ބުނެފައެވެ.
ވޭތުވެ ދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ބެލަންޑޯ އެވޯޑް ހާސިލްކޮށްފައި ވަނީ، ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާއި ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެހެންނަމަވެސް ހަޒާޑް ގަބޫލުކުރާ ގޮތުގައި އިނގިރޭސި ޕްރިމިއަރ ލީގުގެކުޅުންތެރިއަކަށްވެސް އެ އެވޯޑް ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނެތެވެ.
ހުކުރު ދުވަހުގެ ރޭ މެންދަމު 12:00ގައި ވެސްޓްބްރޮމްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުން އެޓީމަށް ތިން ޕޮއިންޓް ހޯދިއްޖެ ނަމަ، މިފަހަރުގެ ލީގު ޓްރޮފީ ޗެލްސީއަށް ކަށަވަރުވާނައެވެ. އެއާއެކު ބެލޮންޑިއޯއަށް ވެސް ފާރަލަމުން ދާކަމަށް ހަޒާޑުވަނީ ބުނެފައެވެ.
"އަހަރެންގެ އުންމީދެއް ކޮންމެވެސް ދުވަހަކުން ބެލަންޑޯ ހޯދުމަކީ،" ސްކައި ސްޕޯޓްސް ނިއުސްއަށް ހަޒާޑް ބުންޏެވެ.
"އެއީ އަހަރެންގެ ވިސްނުމުގައި އޮތްކަމެއް. އެހެން ނޫންނަމަ އެއީ މައްސަލައެއް ނޫން. އަހަރެން މަސައްކަތްކުރަމުން ދަނީ ރަނގަޅު ކެރިއަރެއް ބިނާކުރަން. އަހަންނަށް ކުރެވޭ އެންމެ ރަނގަޅަކަށް އެކަމަށް މަސައްކަތްކުރަން. އެހެން ނަމަވެސް އެ އެވޯޑް ހައްގުވާ ބައެއް އެހެން ކުޅުންތެރީންވެސް ތިބިކަން އަހަރެން ގަބޫލުކުރަން."
ހަޒާޑް ބުނީ، މިހާރު އެހެން ކުޅުންތެރިއަކަށް ބެލަންޑޯ ނުލިބޭ ނަމަ، މެސީއާ ރޮނާލްޑޯ ރިޓަޔާކުރުމުން ހަމަ ގައިމުވެސް އެހެން ކުޅުންތެރީންތަކެއް އެ އެވޯޑް ހޯދާނޭކަމަށެވެ. އެގޮތުން ބްރެޒިލް ތަރި ނޭމާއާއި އާޖެންޓީނާ ތަރި ޑިބާލާ އަދި ފްރާންސް ތަރި އެންޓޮއޮން ގްރީޒްމަން ފަދަ ކުޅުންތެރީންގެ ނަން އޭނާ ފާހަގަކުރިއެވެ.
"ކާކަށް އެނގެނީ؟ ބަލަން ތިބެމާ، އެހެން ނަމަވެސް އެކަމާ އަދި އެހާބޮޑަކަށް އަހަރެން ނުވިސްނަން،" ހަޒާޑް ބުންޏެވެ.
"ސުވާލަކީ އަހަންނަށް އެ އެވޯޑް ހާސިލްކުރެވިދާނެތޯ؟ ޝައްކެއްވެސް ނެތް، އަހަރެން އަންނަ ސީޒަންގައި ކުޅެފައި، ޗެމްޕިއަންސް ލީގު އަހަރެމެންނަށް ކާމިޔާބުކުރެވި، އަދި ބެލްޖިއަމްއާއެކު ވޯލްޑް ކަޕްވެސް ކާމިޔާބުކުރެވިއްޖެ ނަމަ އެކަން ނުވާންވީ ސަބަބެއް ނެތް.
"ވޭތުވެދިޔަ 10 އަހަރު ބެލަންޑޯ ހޯދި ކުޅުންތެރީން ކުޅެމުން ދިޔައޢި ސްޕެއިންގައި. އެކަމަކު އެއީ އޮޓަމެޓިކުން ވާކަމެއް ނޫން. އިންގްލޭންޑްގައި ކުޅޭ ކުޅުންތެރިއަކުވެސް އެއަށްވުރެ މޮޅަށް ކުޅޭނަމަ، އެ ކުޅުންތެރިއަކަށް ވެސް ހަމަ އެވޯޑް ލިބިދާނެ."