އެމެރިކާގެ އިންތިޚާބަށް ރަޝިޔާގެ ނުފޫޒު ފޯރުވިކަމަށް ބެލެވޭ މައްސަލަ ކުރިޔަށްދާނެ: އެފްބީއައި

އެންޑްރޫމެކޭބް ކޮންގްރެސް އަށް މައުލޫމާތު ދެއްވަނީ

ވޮޝިންޓަން (މޭ 12): އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑައިރެކްޓަރ ޖޭމްސް ކޫމީ މަގާމުން ދުރުކުރި ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް ރަޝިޔާގެ ވަދެ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހްގީގްތައް ހުއްޓުމެއްނެތި ކުރިޔަށްދާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކޮންގްރެހަށް މައުލޫމާތު ދެއްވަމުން އެފްބީއައިގެ ގާއިމް މަގާމްގައި މިވަގުތު ހުންނެވި (އެކްޓިން ޑައިރެކްޓަރު) އެންޑްރޫމެކޭބް ވިދާޅުވީ، ޖޭމްސް ކޮމީ މަގާމުން ދުރުކުރިނަމަވެސް އެ އިދާރާގެ މަސައްކަތްތަކަށް އެއްވެސް ބަދަލެއްނާންނާނެ ކަމަށާއި މިނިވަން މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި އެމެރިކާގެ ސަރުކާރާއި ސިޔާސީ ނުފޫޒުތަކުން އެއްކިބާވެގެން މަސައްކަތް ކުރުމުގެ ގާބިލްކަން އެއިދާރާއަށް ލިބިފައިވާ ކަމުގައެވެ.

އެފްބީއައިގެ ވެރިޔާގެ މަގާމުން ޖޭމްސް ކޮމީ ދުރުކުރުމަށް ރައީސް ޓްރަމްޕް، މިދިޔަ ބުދަދުވަހު ކުއްލި ގޮތަކަށް ނިންމަވައި އެކަން ތަންފީޒު ކުރެއްވުމުން އެމެރިކާގެ ރައްޔިތުންނަށާއި ސިޔާސީ ފަރާތްތަކަށްވަނީ ސިހުން ލިބިފައެވެ. ކޮމީ މަގާމުން ދުރުކުރުމާބެހޭގޮތުން ޓްރަމްޕް އޭނާއަށް ފޮނުއްވި ސިޓީގައިވަނީ އެފްބީއައިއަށް އެމެރިކާގެ ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އައު ވެރިއެއް އެތަނަށް ބޭނުންވާކަމަށް ވިދާޅުވެފައިވެއެވެ.

ކޮމީ މަގާމުން ދުރުކުރުމަށް ޓްރަމްޕް ނިންމެވީ އެމެރިކާގެ ޖަސްޓިސް މިނިސްޓަރ ޖެފް ސިޝްނާޒްގެ ރެކޮމެންޑޭޝަނަކާވެސް ނުލައެވެ. އާންމުގޮތެއްގައި އެފްބީއައިގެ ވެރިއަކު މަގާމުންދުރުކުރާނީ ޖަސްޓިސް މިނިސްޓަރުގެ ރެކޮމެންޑޭޝަނަކާ ގުޅިގެންނެވެ.

ކޮމީ މަގާމުން ދުރުކުރި މައްސަލައިގައި ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިތުރުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީވެސް ހިމެނެއެވެ. އެންމެ ފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް ރަޝިޔާގެ އެކި ގޮތްގޮތުންވަދެ ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކީ ޓްރަމްޕާއި ރަޝިޔާއާ ދެމެދުގައިވާ ކަމަށް ބެލެވޭ ސިއްރުގުޅުންތަކާ ގުޅުންހުރި ކަމެއްކަމަށް އެމެރިކާގެ ބައެއް ފަރާތްތަކުން ދެކެއެވެ.

ކޮމީ މަގާމުން ދުރުކުރީ މިމައްސަލާގައި އެފްބީއައި ކުރަމުން ގެންދާ ތަހްގީގްތަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކަމަށް އެމެރިކާގެ ސިޔާސީ ފަރާތްތަކުން ދެކެއެވެ.

އެމެރިކާއަކީވެސް ގިނަ ކަންތަކެއްގައި ޑިމޮކްރަސީއާއި ގުޑްގަވަރނަންސްއާ ޚިލާފަށް އަމަލުކުރަމުން ގެންދާ ގައުމެކެވެ. ނަމަވެސް އެމެރިކާ ޕްރޮޕަގެންޑާ ކުރަނީ އެމެރިކާއަކީ ދުނިޔޭގައި ނެތްވަރުގެ ލާމަސީލު ޑިމޮކްރަސީއެއްގެ ގޮތުގައެވެ. އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމުގައި ބާރުގަދަ ފަރާތްތަކުގެ ނުފޫޒު ވަރަށް ބޮޑެވެ. އަދި އެފަރާތްތަކުން ބޭނުންވާގޮތަށް ކަންކަންވެސް ބަދަލު ކޮށްލައެވެ. މިކަންކުރަނީ ވަރަށް އަޑިއަޑިން އޮޅުވާލުމެއްގެ ތެރެއިންނެވެ. އެހެންގައުމުތަކުގައި ކުރާހާ ފާޅުކަން ބޮޑު ގޮތެއްގައެއް ނޫނެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުނަމަވެސް ދުނިޔޭގެ އެހެންގައުމުތައްވެސް އިންތިހާއަށް ކުރިއަރާފައިވާތީ ސައިބަރ ޓެކްނޮލޮޖީފަދަ ދާއިރާތަކުގައި އެމެރިކާއަށް ގޮންޖަހާލެވޭފަދަ އެތަށް ގައުމެއް ދުނިޔޭގައިވެއެވެ. އަދި މީގެ ވިއްސަކަށް އަހަރުކުރިން އެމެރިކާއަށް ދުނިޔޭގައި އޮތް ކޮންޓްރޯލްގެ ދެބައިކުޅަ އެއްބައިވެސް މިހާރު ނެތްކަމަށާ އެތަށް މައިދާނެއްގައި ރަޝިޔާއާއި ޗައިނާފަދަ ގައުމުތަކާ ވަރަށް ބޮޑަށް ވާދަކުރަން އެމެރިކާއަށް ޖެހިފައިވެއެވެ.

ކޮމީ މަގާމުން ވަކިކުރީ މިމައްސަލަބެލުމުން ޓްރަމްޕާއި ރަޝިޔާއާ ދެމެދު ސިއްރުގޮޅުންތަކެއް އޮތްކަން ބޭޒާރުވެދާނެތީ ކަމަށް ބުނެ އެމެރިކާގެ އެތެރޭގައި ޓްރަމްޕްވަނީ ސިޔާސީގޮތުން "ހޫނުފެނަށް" ވެއްޓިފައެވެ.

ކޮމީ އެފްބީއައިގެ ޑައިރެކްޓަރ ކަމުގެ މަގާމަށް އައްޔަންކުރެއްވީ ރައީސް ބަރަކް އޮބާމާއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް