ތުއްތު ޒައުލް: ދުވާލަކު އެތައް ފަހަރަކު ފިޓް ޖެހޭ

ޒައުލް: ދުވާލަކު އެތައް ފަހަރު ފިޓް ޖެހުމުގެ މައްސަލަ ކުރިމަތިވޭ--

ކުއްޖަކު އުފަންވާއިރު މަންމައަކަށް އިވޭ ފުރަތަމަ އަޑަކަށްވާނީ އެކުއްޖެއްގެ ރުއިމުގެ އަޑެވެ. ނަމަވެސް އެ ދުވަހު ވެސް އެއަޑެއް ނީވުނެވެ. އޭގެ ފަހުން ދެ އަހަރުވާން ކައިރިވަނީއެވެ. އަދިވެސް ދަރިފުޅުގެ ފަރާތުން ހަރަކާތެއްކޮށް ނޫނީ އަޑެއް ލަށްވާލާ އަޑު އިވެނީ މަދުފަހަރެއްގައެވެ. އެއީ ސ. ހުޅުދޫ، ވައްތީނިމާގޭ، އިބްރާހިމް ޒައުލްގެ ހާލެވެ.

ޒައުލްގެ މަންމަ ސ. މީދޫ ރޯނުގޭ އައިޝަތު ޒާހިރާ، 29، ބުނިގޮތުގައި އޭނާގެ ތިން ވަނަ ދަރިފުޅު ޒައުލް އުފަންވިއިރު ސިކުނޑި ކައިރީގައި ސިސްޓެން އިނުމުގެ ސަބަބުން ނާރު ފިތުމުގެ މައްސަލަ ކުރިމަތިވި ކަމަށެވެ. އެކަން ހައްލު ކުރަން ޒައުލްއަށް މަހެއް ނުވަނީސް ވަނީ އޮޕަރޭޝަނެއްކޮށްފައެވެ.

ޒައުލް ސިކުނޑީގެ އޮޕަރޭޝަންއަށްފަހު---

އޮޕަރޭޝަނަށް ފަހު ދެން ކުރިމަތިލާން ޖެހުނީ މާ ބޮޑު މައްސަލައަކާއެވެ. އެއީ ފިޓް ޖެހުމެވެ.

"ދުވާލަކު ހަތަރު ފަސް ފަހަރު ފިޓް ޖެހޭ، އިންޑިއާ އަމްރީތާއިން ފަރުވާ ހޯދާއިރު ފިޓްޖެހުން މަދު، އެމީހުން ޖަހަނީ އިންޖެކްޝަނެއް، ރާއްޖެއިން އެ އިންޖެކްޝަނެއް ނުލިބޭ،" ޒާހިރާ ބުންޏެވެ.

ޑޮކްޓަރުންގެ ލިޔުންތައް ބުނާގޮތުން ޒައުލަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ވަނީ ދިމާފައެވެ. ޑޮކްޓަރުންނާ ހަވާލާދީ ޒާހިރާ ބުނިގޮތުގައި އޭނާގެ ދަރިފުޅަށް އެކަށޭނަ ހައްލެއް ލިބެން އޮތީ ފިޓުޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެންނެވެ. ނަމަވެސް ރާއްޖޭގައި ދެމުންދާ ފިޓް ބޭހުން އެކަން ހައްލު ނުވާ ކަމަށް ޒާހިރާ ބުންޏެވެ.

ފިޓްޖެހުމަކީ ސިކުނޑިން ފޮނުވާ ސިގްނަލްތައް އާންމުކޮށް ފޮނުވާ ގޮތާ ތަފާތުވެ ނުބައި ސިގްނަލެއް ފޮނުވުމުގެ ސަބަބަނުން ދިމާވާ މައްސަލައެކެވެ. އެގޭ ސަބަބުން އާންމުކޮށް ހޭނެތޭ ގޮތް ދިމާވެ މީހާގެ އާންމު ހަރަކާތްތަކަށް ހުއްޓުން އަންނަ ގޮތް ދިމާވެއެވެ.

އަނެއް މައްސަލަ ކަމަށްވާ "ޑެންޑީ ވޯލްކާ ސިންޑިމް" އަކީ ސިކުންޑީގެ ސެރެބެއްލަމް އަދި ސިކުނޑިގެ ފޯތު ވެންޓްރަލް ގައި އުނިކަމެއް ހުރުމުގެ ސަބަބުން ދިމާވާ ބައްޔެކެވެ. އަދި އޭގެ ސަބަބުން ސިކުނޑިއާ ބޮލުގެ ނާށިގަނޑާ ދެމެދު ހުންނަ ކުޑަ ހުސްތަންކޮޅު ބޮޑުވާ ގޮތް ދިމާވެއެވެ.

އޭގެ އިތުރުން ތުއްތު ތުއްތު ޒައުލް އުފަންވިއިރު އޭނާގެ ފައިތިލަ ވަނީ އެނބުރިފައެވެ. އަތްތިލައިގައިވެސް އައިބުކަމެއް ހުރެއެވެ. އެކަންކަން ރަނގަޅުކުރުމަށްވެސް ޕްލާސްޓަރު އަޅައި ފަރުވާތައް ވަނީ ދީފައެވެ.

ޒައުލް ސިކުނޑީގެ އޮޕަރޭޝަންއަށްފަހު---

އަންނަ މަހު ޒައުލަށް ދެ އަހަރު ވާއިރު އަދިވެސް އޭނާގެ ހަރަކާތްތައް މަދެވެ. ކިތަންމެ އިންތިޒާރު ކުރިނަމަވެސް ގޮވާލާ އަޑެއްވެސް ނީވެނީއެވެ.

"ހަރަކާތެއް ނުކޮށް އޮންނާނީ، އަޑެއްވެސް ނުލައްވާ، ވަރަށް މަދު ފަހަރެއްގައި އަތް އުފުލާލާނީވެސް،" ޒައުލްގެ މަންމަ ބުންޏެވެ.

ޒާހިރާ އާއި އޭނާގެ ފިރިމީހާގެވެސް މަގުސަދަކީ އަދި ހުރިހާވެސް މަސައްކަތެއް ކުރަމުން އަންނަނީ ޒައުލަށް ޝިފާއެއް ހޯދައިދެވޭތޯއެވެ. މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން އިންޑިއާއަށްގޮސް ވަނީ ފަރުވާ ހޯދާފައެވެ. އާސަންދަ ލިބުނުނަމަވެސް ކުރަންޖެހޭ ހަަރަދުތައް ބޮޑެވެ. އެ އާއިލާއިން އެދެނީ ޒައުލަށް ފަރުވާ ކުރުމަށް ދީލަތި އެހީއަކަށެވެ.

އެހީތެރިވުމަށް:

ޒައުލްގެ މަންމަ: 7505384

އެކައުންޓް:

7701166339101 އައިޝަތު ޒާހިރާ

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް