އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ނައިބަކަށް ދިވެއްސަކު ފުރަތަމަ ފަހަރަށް

ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އައިމިނަތު ޝާޒްލީން--ފޮޓޯ /ޕީއެސްއެމް

އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ނައިބު ރައީސާއަކަށް ދިވެހިރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން އިންތިހާބުވެއްޖެއެވެ.

މިއީ ބައިނަލްއަގްވާމީ ނެޓްބޯޅަ ފެޑަރޭޝަނުގެ މަގާމެއް ރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަންގެ އިސް ވެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ޝާޒްލީން އެ މަގާމަށް އިންތިހާބުވީ ދެކުނު ކޮރެޔާގައިކުރިއަށްދިޔަ އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަންގެ ކޮންގްރެސްގައެވެ.

އޭޝިއަން ނެޓްބޯލް ފެޑެރޭޝަނަށް ދެ ނައިބު ރައީސުން އިންތިހާބުކުރާއިރު ޝާޒްގެ އިތުރުން އެ ގޮނޑިއަށް ދެން ވާދަކުރީ ޕާކިސްތާނާއި އޮސްޓްރޭލިޔާގެ ދެ ކެނޑިޑޭޓުންނެވެ.

ޝާޒް މަގާމަށް އިންތިހާބުވީ މެމްބަރު ގައުމު ތަކުގެ ތެރެއިން ވޯޓުގައި ބައިވެރިވި 12 ގައުމުގެ ތެރެއިން ނުވަ ވޯޓް ހޯދައިގެންނެނެވެ.

މިވަގުތު ދެކުނު ކޮރެއާގައި ހުންނެވި ނެޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސާ އައިމިނަތު ނިމާ ސަން ސްޕޯޓްސްއަށް ވިދާޅުވީ، ޝާޒަށް ލިބުނު މަގާމަކީ ނެޓްބޯޅަ ކުރިއެރުވުމަށް އޭނާ ކުރައްވަމުން ގެންދަވާ ބުރަމަސައްކަތުގެ ނަތީޖާ ކަމަށާއި އަދި އެ މަގާމަކީ ޝާޒަށް ހައްގު މަގާމެއް ކަމަށެވެ.

" ރާއްޖޭގެ ނެޓްބޯޅަ ވަރަށް ބޮޑަށް ދަށަށް ދަނިކޮށް ޝާޒްގެ ބުރަ މަސައްކަތުން ނެޓްބޯޅައަށް އައު އުންމީދެއް ގެނެސްދީފައި ވަނީ. މިއީ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" ނިމާ ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ ކޮންގްރެސްގައިވަނީ މެމްބަރު ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގައި، ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން، ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޯޗުންނާއި އަމްޕަޔަރުން ތަމްރީނު ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ހިމެނެއެވެ. އަދި ކޯޗުންނާއި އަމްޕަޔަރުން ތަމްރީން ކުރުމަށް ހާއްސަ ކޯސްތަކެއް ކުރިއަށްގެންދިޔުމަށް ރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަނުންވަނީ އެދިފައެވެ.

މިއަދު ކުރިއަށް ދިޔަ ކޮންގްރެސްގައި ރާއްޖެ ތަމްސީލްކުރައްވާފައިވަނީ އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން، ނައިބު ރައީސާ އައިމިނަތު ނިމާ އަދި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރަޓަރީއެވެ.

comment ކޮމެންޓް