މިދިޔަ މަހު މީރާއަށް 1.1 ބިލިޔަނުގެ އާމްދަނީއެއް

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

ނިމިދިޔަ އޭޕްރިލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް 1.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ނެރުނު އޭޕްރިލް މަހުގެ އާމްދަނީގެ ރިޕޯޓު ދައްކާ ގޮތުގައި، މީރާއަށް އާމްދަނީގެ ގޮތުގައި 43.1 މިލިޔަން ޑޮލަރާ އެކު، ޖުމްލަ 1,126,163,857 ރުފިޔާ ލިބިފައިވެ އެވެ.

އޭޕްރިލް މަހު ވެސް މީރާއަށް ޓެކްސް އާމްދަނީ އިން އެންމެ ގިނައިން ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޓީޖީއެސްޓީ އިން 412 މިލިޔަން ހިމެނޭ ގޮތަށް، އޭޕްރިލް މަހު ޖުމްލަ 658 މިލިޔަން ރުފިޔާ މީރާއަށް ޖީއެސްޓީ އާމްދަނީ އިން ލިބުނެވެ.

ޖީއެސްޓީގެ އާމްދަނީއާ ޖެހިގެން ދެން އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބުނީ އެއާޕޯޓު ސާވިސް ޗާޖުންނެވެ. އެ ޗާޖުގެ ގޮތުގައި 92 މިލިޔަން ރުފިޔާ މީރާއަށް ލިބިފައިވެ އެވެ.

ފީއާއި އެހެނިހެން ޗާޖުތަކުގެ ގޮތުގައި މީރާއަށް 150 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 14.6 މިލިޔަން ރުފިޔާ ލިބުނު އިރު، ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މިދިޔަ މަހު 65 މިލިޔަން ރުފިޔާ މީރާއަށް ލިބިފައިވެ އެވެ.

މިއަހަރުގެ ޖެނުއަރީން އޭޕްރިލްއާ ހަމައަށް ބަލާއިރު، މީރާއަށް ޖުމްލަ 5.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 26.5 ޕަސަންޓުގެ ކުރިއެރުމެކެވެ.

އޭޕްރިލް މަހު މީރާއަށް ލިބުނު އާމްދަނީއަކީ މީރާ އިން މި މަހަށް ލަފާކުރި އާމްދަނީ އަށް ވުރެ 10.4 ޕަސަންޓު އިތުރު އާމްދަނީއެއްކަން ވެސް ފާހަގަކުރެވެ އެވެ.

comment ކޮމެންޓް