ޝަރުތުތަކަކާއެކު ގާސިމް ބަންދުން ދޫކޮށްލައިފި

ގާސިމް އިބްރާހިމް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ބަންދުން ދޫކޮށްލައިފި އެވެ.

ގާސިމް ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ކުރިމިނަލް ކޯޓުން ގާސިމް ދޫކޮށްލާފައިވަނީ ހަތް ޝަރުތަކާ އެކު ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ޝަރުތުތައް:

  • ތަހުގީގަށް އެއްބާރުލުން ދިނުން
  • ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަަށް ނުދިއުން
  • މުޖުތަމައުތަރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވުން
  • މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުން
  • މުޖުތަމައުތެރޭގައި ފިތުނަ އުފައްދާ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުން
  • މުޖުތަމައުތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހީމްގެ ގޯތި ގެދޮރު ބޭނުން ނުކުރުމަށާއި، އެފަދަ ކަންކަން ކުރަން އެހެން މީސްމީހުންނަށް އެތަންތަން ނުދިނުން
  • ދައުލަތުގެ ތިންބާރާއި ތިންބާރުގެ ވެރިންނާއި ބެހޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކުން

ގާސިމް އިބްރާހީމް ދެ ފަރަހަކަށް ހައްޔަރުކޮށްފައިވާއިރު، އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ދައުލަތުން ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުގައި ދައުވާގެ އަޑުއެހުންތަކެއް ވަނީ ބާއްވައިފައެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވަނީ، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތަކުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

comment ކޮމެންޓް