އެ މައުސޫމު ކުދިންގެ އުފާވެރިކަމަށް އޮތް ހުރަސް!

ކުޑަކުދިންތަކެއް ފުނަދޫ އަތިރިމަތީގައި ކުޅެން އުޅެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްޔެ އުފަލުގައި ސަކަރާތާއި މަޖަލުގައި އުޅުނު ކުއްޖާ މިއަދު ކަންބޮޑުވުންތަކާއި އެކިޒާތްޒާތުގެ މާޔޫސްކަމަތީގަ އެވެ. މުޅި ދިރިއުޅުމުގެ މަތިން ފޫހިވުމެވެ. އުމުރާއި ނުގުޅޭ ކަންކަން ފާހަގަ ވަނީ އެވެ. އުމުރާއި ނުގުޅޭ މިންވަރަށް އިންތިހާއަށް ރުޅިގަދަ ވަނީ އެވެ. މިއީ ކުޑަކުއްޖެއްގެ ފަރާތުން ފެންނަ ކަމެއް ނަމަ އަވަހަށް ވިސްނަވާށެވެ. އޭގެ ފަހަތުގައި ބޮޑު މައްސަލައެއް އުޅެނީ އެވެ.

ޖިންސީ ގޯނާ: މުޅި ދިރިއުޅުން އަނދަވަޅަކަށް

ރާއްޖޭގެ އަންހެން ކުދިންގެ ތެރެއިން އެތައް ބަޔަކަށް ވަނީ ކުޑައިރުގައި ޖިންސީ ގޯނާއެއްގެ ޝިކާރައަކަށްވެފަ އެވެ. މިއަދު ވެސް އެކަންކަން އެބަތަކުރާރުވެ އެވެ. އެނގޭ ހެއްޔެވެ. އެއީ އާދައިގެ މައްސަލައެއް ނޫނެވެ. އެކަމުގެ ސަބަބުން އެގޯނާގެ ޝިކާރައަކަށްވާ ކުދިންގެ މުޅިދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަފްސާނީ ޑޮކްޓަރެއްކަމަށްވާ ޑރ. ބައްޝާރު އަބްދުﷲ ދެކޭ ގޮތުގައި ޅައިރު ޖިންސީ ގޯނާ ލިބިފައިވާ ނުވަތަ ލިބެމުންދާ ގިނަ ކުދިންނަށް "ޑިޕްރެޝަން"ގެ އަސަރުކުރުން ބޮޑެވެ. އެފަދަ ނަފްސާނީ މައްސަލަތަކުގެ ސަބަބުން ގިނަ ކުދިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދެ އެވެ.

"ބައެއް ކުދިން އަބަދު ވެސް އެ ދިމާވި އަނިޔާ ހަނދާން ހުރެ އެކަމާ ބިރުގަތުމުގެ މައްސަލަ ކުރިމަތިވޭ. އެކަމުގެ ސަބަބުން ތައުލީމް ހާސިލް ކުރުމަށާއި ކެއުން ބުއިމާއި ނިދުން ފަދަ ކަންތަކަށް ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވޭ،" ޑރ. ބައްޝާރު ވިދާޅުވި އެވެ.

އެފަދަ ކުދިން އަވަހަށް ދެނެގަނެ ފަރުވާ ނުދެވިއްޖެ ނަމަ މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރާކަމަށް ނަފްސާނީ އިލްމުވެރިން ބުނެ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަނާއި އެހެން މީހުންނަށް އިތުބާރު ނުކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ. ނަތީޖާއަކީ ރަނގަޅު ދިރިއުޅުމެއް ވެސް ނުލިބުމެވެ.

އަނިޔާ ލިބިފައިވާ ކުދިން ދެނަގަންނާނީ ކިހިނެއް؟

އާދައިގެ ކުއްޖެއްގެ ކިބައިން ނުފެންނާނެ ފަދަ އެތައް ކަމެއް ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖެއްގެ ކިބައިން ފެނިދާނެ އެވެ. ކަމާބެހޭ ފަރާތްތަކުން އާންމު ކޮށްފައިވާ އެފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި އެ ކުއްޖަކަށް ނިދަން އުނދަގޫވެގެން އުޅުމާއި މާޔޫސްވެފައި ހުރުމުގެ އިތުރުން އަވަހަށް ހާސްވުމާއި ލަދުވެތި ވުމާއި ރުޅި ގަދަވުން ހިމެނެ އެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ޖިންސީ ގުނަވަނަށް ބަލިޖެހުމާއި ހިނގުމާއި އިށީނދެ އިނުމަށް އުނދަގޫވުމާއި ކުއްޖާގެ އުޅުމަށް ބަދަލުތައް އައުން ވެސް ހިމެނެ އެވެ.

ބްލީގެ ޝިކާރައަކަށްވުން ވެސް އެފަދަ ނުރައްކަލެއް!

ޖިންސީ އެކިއެކި ގޯނާތަކަށް ފަހު ދެން ކުޑަކުދިންނަށް އެންމެ އާންމުކޮށް ރާއްޖޭގައި ދިމާވަމުން އަންނަ މައްސަލައަކީ ބްލީގެ ޝިކާރައަކަށްވުމެވެ. އެއްބައި ފަހަރު ސްކޫލުތެރެއިންނެވެ. އަނެއް ބައިފަހަރު ގޭ ތެރެއިންނެވެ. އެހެން ނޫނީ އާންމުކޮށް އުޅޭ ކޮންމެވެސް މީހެއްގެ ފަރާތުންނެވެ. އެކަމުގެ ސަބަބުން ކުދިންގެ އަހުލާގްގޯސްވެ ރަހުމު ކުޑަ ބަޔަކަށް ބަދަލުވެ އެވެ.

ހަނގާކުރުމުގެ ސަބަބުން އެންމެ ގިނައިން ދިމާވާ ނަފްސާނީ ބައްޔަށް މިކިޔަނީ ޕެރަނޮއިޑް އެވެ. ޕެރަނޮއިޑް އަކީ ދިގުދެމިގެންވާ ގޮތެއްގައި ޝައްކު ކުރުމާއި އާއްމުކޮށް އެންމެނަށް ޝައްކު ކުރުން އެކަމުގައި އެކުލެވޭ ނަފުސާނީ މައްސަލައެކެވެ. އެމައްސަލަ ހުންނަ މީހުންނަކީ މާބޮޑަށް އަސަރުކުރާ ( ހައިޕާ ސެންސިޓީވް) އެހެންމީހުންގެ ފަރާތުން ގޯސްކޮށް ކަންތައްތައްވާ ކަމަށް ފަސޭހައިން ގަބޫލުކުރެވޭ ބައެކެވެ.

ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި ހަނގާކުރުމުގެ ޝިކާރައަށްވެފައިވާ ކުއްޖާގެ ފަރާތުން އޭރު ފެންނަ އަލާމާތްތަކުގެ ތެރޭގައި ނިދަން އުނދަގޫވެގެން އުޅުމާއި ރަނގަޅަށް ނުކެއުމުގެ އިތުރުން ތައްމައްޗަށް ހީސްލުން ހިމެނެ އެވެ. ހަމައެއާ އެކު އެކަހެރިކޮށް އުޅުމާއި ހިތްބަލިވެ އަވަހަށް ރުއިމާއި އިންތިހާއަށް ރުޅިގަދަވުމަކީ އޭގެ އަލާމާތްތައް ކަމަށް ސައުދާ ވިދާޅުވި އެވެ.

ސައުދާ ވިދާޅުވި ގޮތުގައި ހަނގާ ކުރުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު އެއްކޮށް ގެއްލިގެންދެ އެވެ. ހަމައެއާ އެކު އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރުމުގެ މައްސަލަ އަކީ ދިމާވާ ކަމެއް ކަމަށް ސައުދާ ވިދާޅުވި އެވެ.

"އެކުއްޖަކަށް ފަންކްޝަންވާންވާ ގޮތަކަށް ނުވެވޭނެ، އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭ ނަމަ ކުރެވޭނެ ކަމެއް ނޯންނާނެ، އަމިއްލަ ނަފްސާ ދޭތެރޭގައި ނެގަޓިވްކޮށް ދެކޭ ކަމަށް ވަންޔާމު ތިމާއަކީ އެއްވެސް މީހަކަށް ނުވާނެ،" ސައުދާ ވިދާޅުވި އެވެ.

ސައުދާ ވިދާޅުވާ ގޮތުގައި ޕެރަނޮއިޑްގެ ސަބަބުން ގޯސްހާލަތަށް ގޮސްފައިވާ ފަރާތްތައް ހައްލުކުރެވޭނީ އެކަމަށް ބޭސް ކައިގެންނެވެ. ބޭހުގެ އިތުރުން ތަފާތު އެކި ސައިކޯތެރަޕީތައް ނެގުން މުހިންމެވެ. އޭރުން އެކުއްޖާގެ ކަންކަން ގޯހުންގޯހަށް ނުދަނީސް އެކަމުން ސަލާމަތް ކުރެވޭނެ އެވެ.

ސްކޫލުތަކުން އެފުރުސަތެއް ނުދޭނަން: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ ބުލީ ކުރުން ފަދަ ގޯނާތައް ދެނަގެނެ އެކަންކަން ހުއްޓުވުމަށް ސްކޫލުތަކުން ޕުރޮޓުކޯލްތަކެއް ކަނޑައަޅާފަވާ ކަމަށެވެ.

ބުލީ ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ޓީޗަރުންނަށް ތަމްރީނުތައް ދީފައިވާއިރު ކުދިންގެ ލައިފް ސުކިލް ޕްރޮގުރާމްތަކާއި އެކިއެކި މާއްދާތަކުގެ ތެރެއިން ކުދިން ވެސް އެކަންކަމަށް ހޭލުންތެރިކުރަމުން އަންނަ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު: --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"މިކަހަލަ ކަންކަން ފުރުސަތު ނުދިނުމަށް މަސައްކަތްތަކެއް އެބަހިނގާ، ހަމައެކަނި ޓީޗަރުންނެއް ނޫން، ކުދިން ވެސް އެކަކު އަނެ ކަކަށް އިހުތިރާމް ކުރުމާއި އަމިއްލަ ނަފްސަށް އިހުތިރާމް ކުރުމަށް ދަސްކޮށްދިނުމުގެ ކަންތައްތަކެއް އެބަހިނގާ،" ޝަފީއު ވިދާޅުވި އެވެ.

ބެލެނިވެރިންގެ ދައުރު ބޮޑު ކުރަންޖެހޭ

ކުރިން ނުފެންނަ އުޅުންތަކެއް ކުދިންގެ ފަރާތުން ފެންނަނަމަ ފުންކޮށް އެކަމާއި ވިސްނައި ފިޔަވަޅު އަޅަންޖެހެ އެވެ. އުމުރާ ނުގުޅޭ ކަންތައްތަކެއް ނުވަތަ އަމަލުތަކަށް ފާހަގަވާ ނަމަ އެވާގޮތެއް ބަލަން ޖެހެ އެވެ. އެކަންކަން ވާނީ ބެލިނިވެރިންނާއި ކުދިންނާއި އޮންނަ ގުޅުން ބޮޑުކޮށް ކުދިންގެ ކަންކަން އެނގޭ ބަޔަކަށް ބެލެނިވެރިން ވެގެންނެވެ. ގާތްގުޅުމެއް ބާއްވައިގެންނެވެ.

ހަމައެއާ އެކު އެފަދަ ކަންކަމަށް ކުދިން ހޭލުންތެރިކޮށްގެންނެވެ. މީހުންނަށް އަތްލެވޭނެ ތަންނަނާއި ދެއްކޭނެ ވާހަކަތަކާއި އުޅެވޭނެގޮތްތައް ބުނެދޭން ޖެހެއެވެ. މާޔޫސީ ބައްޔަށް ކުދިން ހޭލުންތެރިކުރުވަން ޖެހެއެވެ.

comment ކޮމެންޓް