މޯލްޑިވިއަން އައިޑޮލްއަށް ހާއްސަ ސްޓިކާޕެކެއް ދިރާގުން ތައާރަފްކޮށްފި

ދިރާގުން ތައާރަފްކުރި މޯލްޑިވިއަން އައިޑަލްގެ ހާއްސަ ސްޓިކާ ޕެކްގެ އިސްތިހާރެއް ---

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑަލް އަށް ހާއްސަ ވައިބާ ސްޓިކާޕެކެއް ދިރާގުން ތައާރަފްކޮށްފި އެވެ.

މެސެޖު ކުރުމަށާއި އޯޑިއޯ އަދި ވީޑިއޯ ކޯލު ކުރުމަށް ދިވެހިން އެންމެ ގިނައިން ބޭނުން ކުރާ ވައިބަރ ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ދިރާގުން ނެރުނު އެ ސްޓިކާ ޕެކަކީ އެ ކުންފުނިން މިފަދަ ގޮތަކަށް ތައާރަފުކުރި ފުރަތަމަ ސްޓިކާ ޕެކެވެ.

ދިރާގަކީ މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް އަދި ސީޒަން ދޭއްގެ ވެސް ޓައިޓަލް ސްޕޮންސަރެވެ.

އެ ސްޓިކާ ޕެކުގައި މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް އަދި ސީޒަން ދޭއްކުން ވިދާލި ބައެއް ފަންނާނުންނާއި އެ ޝޯގެ ތިން ޖަޖުން އަދި ޝޯގެ ޕްރެޒެންޓަރުންގެ ކެރެކްޓާތައް ހިމަނާފައިވެ އެވެ. އަދި ލިޔުންތަކުގެ ގޮތުގައި ވެސް ބޭނުންކޮށްފައި ވަނީ އައިޑޮލްގެ އެކި ޝޯތަކުން އާއްމުންގެ ތެރެއަށް މަޝްހޫރުވެގެންދިޔަ ބައެއް ބަސްބަހެވެ.

ދިރާގުން ބުނީ، އެންޑްރޮއިޑް އަދި އައިއޯއެސްގެ ފޯންތައް ގެންގުޅުއްވާ ފަރާތްތަކަށް އެ ސްޓިކާ ޕެކް މިހާރު ޑައުންލޯޑްކޮށްގެން ބޭނުންކުރެވޭނެ ކަމަށެވެ.

ދިރާގުން އެ ސްޓިކާޕެކް ތައާރަފް ކުރިތާ ފަސް ގަޑިއިރުގެ ތެރޭގައި 25،000 މީހުން އެ ސްޓިކާޕެކް އިންސްޓޯލް ކޮށްފައިވާ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް