މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމް ކުރާ މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މެއިން ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ކުންފުނި ހަމަޖައްސައި، އެކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެލައިޑް ކޯޕަރޭޓް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ހުސެއިން މަނިކުއެވެ. އަދި އެލައިޑް އިންޝުއަރަންސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަހުމަދު އަމީލެވެ.
މިމަހުގެ 11 ވަނަ ދުވަހު ކުރުނބާ މޯލްޑިސް ރިސޯޓުގައި ބާއްވާ އެ ފޯރަމަކީ ދިވެހިރާއްޖޭގެ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރައްވާ ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތައް ހިމަނައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފޯރަމެކެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި ފައިނޭންސް ފޯރަމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފައިނޭންސް ދާއިރާގައި ހުރި ދަތިތައް ހޯދައި، އެކަންކަން ހައްލުކޮށް ދާއިރާ އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކާ މެދު ހިޔާލު ހޯދޭނެ ގައުމީ ޕްލެޓްފޯމެއް ގާއިމު ކުރުމެވެ. އެގޮތުން މިއަހަރުގެ ފޯރަމުގައި ވެސް ފައިނޭންސް ދާއިރާއަށް އެކި ރޮނގު ރޮނގުން ހިދުމަތް ކުރައްވާ އިލްމީ ތަޖުރިބާކާރުން ބައިވެރި ކުރުމަށްވަނީ ހަމަޖެހިފައެވެ.
ފައިނޭންސް ފޯރަމްގެ މެއިން ޕާޓްނަރަކަށް އެލައިޑު އިންޝުރެންސް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރަންސްގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފު ވިދާޅުވީ، ރަމްގެ ޕާޓްނަރެއްގެ ހައިސިއްޔަތުން މިފޯރަމް ކާމިޔާބުކަމާ އެކު ނިންމާލުމަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން އެލައިޑް އިންޝުއަރަންސްގެ ފަރާތުން ލިބޭނެ ކަމަށެވެ. އަދި އެ ފުރުސަތު ދެއްވީތީ ޕެންޝަން އޮފީހަށް އޭނާ ޝުކުރު ދެންނެވި އެވެ.