ރާއްޖޭގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތްތަކުގެ ތެރޭން އެންމެ ބޮޑު ތަރުހީބެއް ލިބޭ އަދި މިފަދަ އެންމެ ބޮޑު މުބާރަތަކީ "ކްލަބް މޯލްޑިވްސް ކަޕް"އެވެ. މި އަހަރުވެސް މި މުބާރާތް ވަނީ ތަފާތު ކުލަތަކާއި ރަހަތައް ހިމެނިގެން ވަރަށް ފޯރިއާއެކު އަދި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފައެވެ.
ރޭ ކުޅުނު ފައިނަލް މެޗާ އެކު މުބާރާތް ނިމުމަކަށް އައިއިރު އެ މުބާރާތުން ގިނަ އޮފީސް އަދި ކުންފުނި ތަކަށް ވަނީ އުފާވެރި ކަމެއް ގެނެސްދީފައެވެ. މުބާރާތަށް ތައްޔާރުވުން ފޯރިގަދަ ކަމާ އެކު ކުރިއަށްދިޔައިރު މި މުބާރާތް ފެށިގެން ވެސް ހުރިހާ މެޗުތަކެއް ދިޔައީ އެހާ ފޯރިގަދަކޮށެވެ.
މާފަންނު ވެލިދަނޑުގައި ކުޅުނު އެ މުބާރާތް މިދިޔަ މަހުގެ އަށްވަަނަ ދުވަހު ފަށައިގެން ކުރިއަށްދިޔައިރު އެ މުބާރާތުގެ ފިރިހެން ބައިގައި ޖުމުލަ 32 ޓީމް ވާދަކުރިއެވެ. އެ ޓީމުތަކުން، އެންމެންވެސް ދަންނަ ފުޓްސަލްގެ މޮޅެތި ކުޅުންތެރިންނާއި އަދި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ހުނަރުން ފުރިގެންވާ ކުޅުންތެރިންތަކެއް އަލަށް މުބާރާތުން ތައާރަފް ވެގެންދިޔައިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އެމްއާރްޑީސީން ހޯދީ އެ ޓީމު ކުޅުނު އެއްވެސް މެޗުން ބަލި ނުވެ 100 އިންސައިތައިގެ ނަތީޖާއަކާއެކުއެވެ.
ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ބީއެމްއެލްއަށް ހިތްދަތި އަހަރެއް
މިދިޔަ އަހަރުގެ ޗެމްޕިއަން ބީއެމްއެލް ޔުނައިޓެޑަށް މި އަހަރަކީ އެހާ އުފާވެރި އަހަރަކަށް ވެގެނެއް ނުދިޔައެވެ. އެޓީމު، ގްރޫޕް އޭގައި ލައްވައިލިއިރު މުބާރާތް ފެށި މެޗުގައިވެސް އެޓީމުންވަނީ ފެންވަރު ދައްކާލާފައެވެ. ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ހިމނޭ އެމްއޭސީއެލްއާ ވާދަކޮށް 2-0 އެޓީމުން ފުރަތަމަ މެޗު ގެންދިޔުމާ ގުޅިގެން މި އަހަރުވެސް ބީއެމްއެލް ޗެމްޕިއަންކަން ހޯދުން ގާތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް އެެއްވެސް މެޗަކުން ބަލިނުވެ ސެމީ ފައިނަލާ ހަމައަށް އެޓީމު ދަތުރުކުރިއިރު މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ސެމީގައި އެމްޕީއެލް އަތުން ބަލިވެގެންނެވެ.
އެސްޓިއޯ މުބާރާތާ ވަކިވީ ކުއާޓާ ފައިނަލުން
ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ކާމިޔާބު އެއް ޓީމު އެސްޓިއޯ އިން މިފަހަރުގެ މުބާރާތް ނިންމާލަންޖެހުނީ ކުއާޓާ ފައިނަލާ ހިސާބުންނެވެ. ގުރޫޕް ސީގައި ހިމެނިގެން އެޓީމު މުބާރާތުގައި ވާދަކުރިއިރު ކުއާޓާ ފައިނަލާ ހަމައަށް ދިޔައީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ނަމަވެސް ކުއާޓާ ފައިނަލުން އެޓީމު ބަލިވީ އެމްޕީއެލް އަތުންނެވެ.
ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ޓީމްގެ ކޯޗް އަނިލްގެ އެމްއޭސީއެލް ކެޓީ ސެމީފައިނަލުން
ބީއެމްއެލްއަށް ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދައިދިން ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިއާ އަދި ފުރަތަމަ ޑިވިޝަނުގެ ޓީމްތަކަށް ކޯޗްކަންކޮށްދީފައިވާ އިސްމާއިލް އަނިލްގެ އިރުޝާދުގެ ދަށުން އެމްއޭސީއެލް އެ މުބާރާތާ ކުރިމަތިލިއިރު އެންމެ ފުރަތަމަ މެޗުން ބީއެމްއެލް އަތުންވަނީ ބަލިވެފައެވެ. ނަމަވެސް ދެން އައި ހުރިހާ މެޗަކުންވެސް މޮޅުވެ އެޓީމުވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލުގައި އެމްއާރްޑީސީއާ ދެކޮޅަށް އެ ޓީމު ކުޅެން ޖެހުނު އިރު ބަލިވީ 6-0 ގެ ތަފާރު ބޮޑު ނަތީޖާއަކުންނެވެ.
އެމްޕީއެލް އަށް ހިތްދަތި ފައިނަލެއް
އެއްވެސް މެޗަކުން ބަލިނުވެ އަދި އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް ބަލިކޮށް އެމްޕީއެލްއިން ފައިނަލާ ހިސާބަށް ދިޔުމުން ގިނަ ބަޔަކު މި ފަހަރުގެ ތަށި ގެންދާނީ އެމްޕީއެލް ކަމަށް ނިންމިއެވެ. އަދި ރޭގެ ފައިނަލް މެޗު ފެށިގެން 3 ލަނޑުގެ ބޮޑު ލީޑެއް އެމްޕީއެލްއިން ހޯދުމުން އެކަން މާބޮޑަށްވެސް ޔަގީން ކުރެވުނެވެ. ނަމަވެސް އެމްއާރްޑީސީން ފުލުފުލުގައި ކާމިޔާބުކުރި ލަނޑުތަކުން މެޗު އެއްވަރުކޮށް ޕެނަލްޓީން ކުރި ހޯދައިގެން އެމްއާރްޑިސީން ވަނީ އެމްޕީއެލް ހިތްދަތިކޮށްލައި ވޭތުވެ ދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން އެމްޕީއެލް އަތުންވީ ބަލީގެ ބަދަލު ހިފައިފައެވެ.
އެމްއާރްޑީސީ އަށް ފުރަތަމަ ފަހަރަށް ކްލަބް މޯލްޑިވްސް ގެ ޗެމްޕިއަންކަން
ވަރުގަދަ ސްކޮޑަކާ އެކު މި އަހަރުގެ މުބާރާތަށް ނުކުތް އެމްއާރްޑީސީން ތަށި ގެންދިޔުން ވެގެންދިޔައީ އެޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަށެވެ. އަދި އެ ތަށި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުލަބު އެމްޕީއެލް ބަލިކޮށް ހޯދުންވެސް ވެގެންދިޔައީ އެމްއާރްޑީސީ އަށް ލިބުނު ބޮޑު ކާމިޔާބީ އަކަށެވެ. އަލަށް މުބާރާތުގެ ތަށި އަތުކޮޅަށް އެމްއާރްޑީސީގެ ކުޅުންތެރިން ނެގިއިރު އެޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އެމްއޭސީއެލް އަދި އެލައިޑް ފަދަ ޓީމް ތަކާ ދެކޮޅަށް އެޓީމް ވަނީ ތަފާތު ބޮޑު ނަތީޖާއެއް ހޯދާފައެވެ.
ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) އަށް ބޮޑު ރެއެއް
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އިސްމާއިލް އީސަ (މެސީ) އަށް، ރެއަކީ ބޮޑުރެއެކެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ނުކުތް އެމްއާރްޑީސީއަށް ލިބުނު ފުރަތަމަ ތަށި އުފުލާލުމުގެ ޝަރަފާ އެކު އޭނާ އަކީ އެ މުބާރުތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާވެސް މެއެވެ. އަދި އެމްއާރްޑީީސީއިން ހޯދި ބޮޑު ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާ އަކީވެސް މެސީއެވެ.
ލިޔާހް ވަނީ އޭނާއަކީ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިއާކަން އަނެއްކާވެސް ސާބިތުކޮށްދީފައި
އެމްއާރްޑީސީގެ ޖާޒީ ނަންބަރު 9 މުހައްމަދު ލިޔާހް ވަނީ އެންމެ ތަޖުރިބާކާރު އަދި އެންމެ ވަރުގަދަ ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމް ހޯދައި އޭނާއަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިއާކަން ސާބިތުކޮށްދީފައެވެ. ގިނަ ފުޓްސަލް މުބާރާތް ތަކުން ފެނިގެންދާ ލިޔާހް އަކީ ފުޓްސަލްގެ ހުނަރުން ފުރިފައިވާ މޮޅު ކުޅުންތެރިއެކެވެ. އަދި މި ފަހަރުގެ މުބާރާތުގައިވެސް އޭނާ ވަނީ އެމްއާރްޑީސީއަށް މުހިންމު ލަނޑުތަކެއް ކާމިޔަބުކޮށްދީފައެވެ.
ި ޖުމުލަ ގޮތެއްގައި މުބާރާތް ވަރަށް ކާމިޔާބު
އަހަރަކަށް ވުރެ އަހަރެއް މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް ކްލަބް މޯލްޑިވްސް އިން މަސައްކަތް ކުރަމުންދާއިރު މި އަހަރުގެ މުބާރާތަކީވެސް ކާމިޔާބު މުބާރާތެކެވެ. އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފަރާތުން މުބާރާތުގެ ކަންކަމާ މެދު ހިތްހަމަޖެހޭއިރު މުބާރާތުގައި ފެނުނު ހުނަރުން ފުރިގެންވާ ކުޅުމަށް ގިނަ ބަޔަކު ވަނީ ަތައުރީފް ކޮށްފައެވެ. އަދި މަސްދުވަހަށް ދެމިގެން ދިޔަ އެ މުބާރާތް އަމާން އޮމާންކޮށް ނިމިގެންދިޔައިރު ހުރިހާ މެޗެއްވެސް ކުރިއަށް ގޮސްފައިވަނީ ތާވަލް ކުރި ގޮތާއި އެއްގޮތަށެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ފުޓްސަލް މުބާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.