އެހެން ގައުމެއްގެ ރައްޔިތުކަން އޮންނާތީ، ލަންކާގެ މަޖިލީސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ

ސްވިޓްޒަލެންޑްގެ ޑުއަލް ސިޓިޒެންޝިޕް އޮންނާތީ، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްރީލަންކާގެ އިސްތިއުނާފު ކޯޓުން ހުކުމް ކޮށްފި އެވެ.

ސްރީލަންކާގެ އިދިކޮޅު ޕާޓީ ހިމެނޭ އިއްތިހާދު ޔޫޕީއެފްއޭގެ ފަރާތުން، ގޯލް ޑިސްޓްރިކްޓުގެ ގޮނޑިއަކަށް ކުރިމަތިލައި، އެ ގޮނޑި ކާމިޔާބުކުރި ގީތާ ކުމާރަސިންހައަށް އެ ގޮނޑި ހައްގުނުވާ ކަމަށް ކޯޓުން ހުކުމްކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އޭނާ އެ ގޮނޑިއަށް އިންތިހާބުވީ 2015 ވަނަ އަހަރު އެވެ.

ކޯޓުން މިގޮތަށް ހުކުމްކުރީ، އެހެން ގައުމެއްގެ ރައްޔިތުކަން ގީތާ ކުމާރަސިންހައަށް އޮންނަ މައްސަލަ، ގޯލް ޑިސްޓްރިކްޓަށް ނިސްބަތްވާ ފަސް މީހަކު ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ބެލުމަށް ފަހު އެވެ.

މި ހުކުމް ކޯޓުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ރަސްމީކޮށް އަންގާފައިވާ އިރު، މަޖިލީހުން މިއަދު ވަނީ ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނަށް މި މައުލޫމާތު ރަސްމީކޮށް ހިއްސާ ކޮށްފަ އެވެ.

މަޖިލީހުގެ އަމީން އާންމު އިލެކްޝަންސް ކޮމިޝަނަށް މިއަދު އެންގި ގޮތުގައި، މިހާރު ގީތާ ކުމާރަސިންހަގެ ގޮނޑި ވަނީ ގެއްލިފަ އެވެ.

އުމުރުން 61 އަހަރުގެ ގީތާގެ ޑުއަލް ސިޓިޒެންޝިޕްގެ މައްސަލަ ފެންމަތިވުމުގެ ސަބަބުން، އޭނާ ވަނީ، ރައްޔިތުންގެ ހައްގުގައި ސްވިސް ސިޓިޒެންޝިޕް ދޫކޮށްލައިފި ކަމަށް ވެސް ބުނެފަ އެވެ. އަދި ސިޓިޒެންޝިޕް މިހާރު ނެތް ކަމަށް ސްވިސް އެމްބަސީ އިން އޭނާ އަށް އެންގި ކަމަށް ވެސް ގީތާ ބުނެފައިވެ އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ވަފާތެރި ގީތާ ކުމާރަސިންހަ ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވީ 2010 ވަނަ އަހަރު އެވެ. އަދި 2014 ވަނަ އަހަރު ސްރީލަންކާގެ ދެކުނު ޕްރޮވިންސްގެ ކައުންސިލަރު ކަމަށް ވެސް އޭނާ އިންތިޚާބުވި އެވެ.

ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ގީތާ ކުމާރަސިންހައަކީ ފިލްމީތަރިއެކެވެ. އެގޮތުން، 1975 އިން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ގީތާ ގެންދެވީ ސްރީލަންކާގެ ފިލްމީ ދާއިރާގައި، ގިނަ ފިލްމުތަކެއް ކުޅެމުންނެވެ.

comment ކޮމެންޓް