ޔާމީން އާރަށަށް ގެންދިޔައީ އަމީންގެ އަމުރަކަށްކަން އެނގޭނެ ކާފީ ހެއްކެއް ނެތް: ދިފާއީ ވަކީލު

21 ފެބްރުއަރީ 2017 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އަމީން ފައިސަލް ކްރިމިނަލް ކޯޓަށް ހާޒިރުވަނީ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ޚިލާފަށް ހައްޔަރުކޮށް އާރަށަށް ގެންދިއުމަށް އަމުރުކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ކަން އެނގޭނެ އެއްވެސް ކާފީ ހެއްކެއް ނެތް ކަމަށް އޭނާގެ ވަކީލް ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަމީން ފައިސަލްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، އަމީންގެ މައްޗަށް ކުރެވޭނެ ދައުވާ އެއް ނޫން ކަމަށެވެ.

އަމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ، އަމީން ފައިސަލް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެ ޖުލައި 14، 2010، ވަނަ ދުވަހުގެ މެންދަމު 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހިމާޔަތްދޭނެ ކަމަށް ބުނެ، އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއަށްފަހު ޖުލައި 23 ވަނަ ދުވަހާ ހަމައަށް ޔާމީނު އާރަށުގައި ހައްޔަރުކޮށްފައި ބަހައްޓާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

ދައުލަތުގެ ވަކީލު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ، ޔާމީން އާ ރަށަށް ގެންދިއުމަށް ނިންމާފައި ވަނީ ނޭޝަނަލް ކައުންސިލް ބައްދަލުވުމުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އަމީން ފައިސަލް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އަދި ޔާމީނަށް ހިމާޔަތްދޭން ކަމަށް ބުނެ، އާ ރަށުގައި ބަހައްޓާފައި ވަނީ އިހްތިޔާރީ މިނިވަން ކަމެއް ނެތި ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އަމީން ފައިސަލްގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވެފައި ވަނީ އަމީނަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށެވެ. އަދި އެ ބައްޔަކީ ފަރުވާ ނުކުރެވޭނެ ބައްޔެއް ކަމަށާއި، ބައެއް ޓެސްޓު ތަކަަކީ ރާއްޖެއިން ހެދޭނެ ޓެސްޓުތަކެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެފައި ވާތީ، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެދި ވަޑައިގެންފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ޑޮކްޓަރުންގެ ލިޔުންތައް ލިބިފައިވާ ކަމަށާއި، ނަމަވެސް އަމީން އޭޑީކޭގެ އައިސީޔޫއިން ފަރުވާ ހޯދި ކަމަށް ބުނެފައިވީ ނަމަވެސް، އޭގެ ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ ލިޔުން ހުށަހެޅުއްވުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 21 ވަނަ ދުވަހު އޮންނާނެ ކަމަށް ގާޒީ ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެ ދުވަހުގެ އަޑުއެހުމުގައި، އަމީން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދިނުމާ މެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ދުވަހު ދައުވާއާ ގުޅިގެން ދައުލަތުންނާއި، ދިފާއުގައި ހެކި ހުށަހެޅުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް