ކޯޓުގެ ހުކުރުމަތް ކަނޑުމުން، ދައްކަން ޖެހުނު ފައިސާ އަލީމް ދައްކައިފި

ކޯޓުގެ ހުރުމަތް ކެނޑުމުން ޖޫރިމަނާ ކުރި ފައިސާ ދެއްކުމަށް އަލީމް ކޯޓަށް ހާޒިރުވެ ---

ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް 85،000 ރުފިޔާއިން ޖޫރިމަނާ ކުރުމުން އެ ފައިސާ މިއަދު ދައްކައިފި އެވެ.

އަލީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ޕީޕީއެމާ ގުޅޭ ގޮތުން މީގެކުރިން އެ ކޯޓުންކޮށްފައިވާ ހުކުމަށް ތަބާވުމެއް ނެތި އަމަލުކޮށްފައިވާ ކަމަށް ބުނެ އެވެ.

އައްޑިހަފަސްހާސް ރުފިޔާ ދައްކަން އަލީމް މިއަދު ފުރަތަމަ ސިވިލް ކޯޓަށް ހާޒިރުވީ ވަކި ލާރި ހިފައިގެންނެވެ. ނަމަވެސް ވަކިލާރު ގިނަވުމުން އެ ފައިސާ ބަދަލުކޮށްގެން، އަނބުރާ ހުށަހެޅުމަށް ކޯޓުން އެންގި އެވެ.

އަލީމް ފައިސާ ދައްކައި ހަލާސްކޮށްފައި ވަނީ ފަސް ރުފިޔާގެ ނޫޓާއި ވިހި ރުފިޔާގެ ނޫޓުންނެވެ. އަދި ވަކި1000 ރުފިޔާ ފައިސާ ވަކިލާރިން ވެސް ދައްކާފައިވެ އެވެ.

ކޯޓުގެ ހުރުމަތް ކެނޑިކަން އަލީމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖޫރިމަނާ ކޮށްފައި ވަނީ "ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ" 13 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ.

ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާ

ތިރީގައިމިވާ ހާލަތްތަކުގައި ކޯޓެއްގެ ހުރުމަތް ކަނޑައިފި ނަމަ އެކަމާ ގުޅިގެން ފިޔަވަޅު އަޅާނީ ސީދާ އެ ކޯޓަކުންނެވެ.

  1. ކޯޓުތެރޭގއަި ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ކުރުުން
  2. ކޯޓުން ނެރޭ އަމުރެއް ނުވަތަ ކުރާ ހުކުމެއް ތަންފީޒު ނުކުރުން

އެ މާއްދާގައި ބުނާ އަމަލެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނީ އެ ކޯޓަކުން ކަމަށް ބުނެފައިވީ ނަމަވެސް އެ މާއްދާގެ ދަށުން ޖޫރިމަނާ ކުރެވޭނެ އުސޫލެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި އަލީމުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ މައްސަލާގައި ޖޫރިމަނާ ކުރީ ކޮން އުސޫލެއްގެ ދަށުން ކަމެއްވެސް ބަޔާންކޮށްފައެއް ނުވެ އެވެ.

އަލީމްގެ މައްސަލަ ބައްލަވާފައި ވަނީ، ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައި ގަންނަވަނީ އިސްގާޒީ އަބްދުﷲ އަލީ އާއި ދެން ގާޒީ މުހައްމަދު ހަލީމާއި ގާޒީ ހަސަން ފަހީމް އިބްރާހީމާއި ގާޒީ އަލީ ނަސީރުގެ އިތުރުން ގާޒީ އަލީ އަބްދުﷲ އެވެ.

comment ކޮމެންޓް