ޖަސްޓިން ބީބާގެ ސެކިއުރިޓީ ކަންކަން މޮނިޓާ ކުރާނީ ސަލްމާންގެ ބޮޑީގާޑު

ދުނިޔޭގެ ޕޮޕް ސެންސޭޝަން، ޖަސްޓިން ބީބާ މި މަހު އިންޑިއާ އަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި، އޭނާގެ ސެކިއުރިޓީ ކަންކަމާ ހަވާލުވާނީ ސުޕަސްޓާ ސަލްމާން ޚާންގެ އެންމެ އިތުބާރު ކުރެވޭ ބޮޑީގާޑު، ޝެރާ ކަމަށް ނިންމައިފި އެވެ.

ޝެރާ އަކީ ސަލްމާންގެ އެންމެ ގިނަ ދުވަސްވީ އަދި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ އެންމެ އިތުބާރު ކުރެވޭ ބޮޑީގާޑެވެ. ޝެރާގެ އަސްލު ނަމަކީ ގުރްމީތު ސިންގް ޖޮލީ އެވެ.

ސަލްމާން ވަނީ ޝެރާ އާމެދު އޭނާ އާއި އޭނާގެ އާއިލާ އިން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށް ބުނެފަ އެވެ. އަދި ޝެރާ ހުއްޓައި އެއްވެސް މީހަކު ހާސްވާން ނުޖެހޭނެ ކަމަށާއި، އެއީ ވަރަށް އިތުބާރު ކުރެވޭ އަދި ގާބިލް މީހެއް ކަމަށް ސަލްމާން ބުންޏެވެ.

ޝެރާގެ ކުންފުނިން ވަނީ މީގެ ކުރިން ވެސް އިންޓަނޭޝަނަލް އާޓިސްޓުންގެ ސެކިއުރިޓީ ކަންކަން ބަލަހައްޓައިފަ އެވެ. އޭގެ ތެރޭގައި މައިކަލް ޖެކްސަން، ވިލް ސުމިތު، ޖެކީ ޗަން، ޕެރިސް ހިލްޓަން، ޝެގީ، ޑަޔާނާ ކިންގް، އަދި ވައިޓްފީލްޑް ފަދަ ފަންނާނުން ހިމެނެ އެވެ.

ޖަސްޓިން ބީބީ އިންޑިއާގެ މުމްބާއީ އަށް ދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. ދިހަ ވަނަ ދުވަހު މުމްބާއީގައި ޝޯ ދިނުމަށް ފަހު ނިއު ދިއްލީ، ޖެއިޕޫރު އަދި އާގްރާ އަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީބާގެ 'ޕާޕަސް ވޯލްޑް ޓުއާ'ގައި އޭނާ އާ އެކު ސްޓޭޖް މަތިން ދީޕިކާ ޕަދުކޯން، އާލިއާ ބަޓް އަދި ސަނީ ލިއޯނީ ވެސް ފެނިގެން ދާނެ އެވެ.

comment ކޮމެންޓް