ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އަތުން ތިން މިލިއަން ޑޮލަރު ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާ ކޮށްފި އެވެ.
މީރާއިން މިދިޔަ މަހުގެ 19 ވަނަ ދުވަހު، ޔޮޓް ޓުއާސްގެ އަތުން ތިން މިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފައިވަނީ، ހއ. ބީނާފުށްޓާއި އެ ރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖުރިމަނާ ފައިސާ ދައްކާފައި ނުވާތީ އެވެ.
ބީނާފުށްޓާއި ކަނޑާލި ފިނޮޅު ޔޮޓް ޓުއާޒް އަތުން ދައުލަތަށް ނަގާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިވިލް ކޯޓުން ވަނީ، އެ ރަށާއި ފިނޮޅު ދައުލަތަށް ނަގާފައިވަނީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފަ އެވެ.
ޖޫރިމަނާގެ ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ދައުވާކޮށްފައިވާއިރު، ކުއްޔާއި ޓެކްސްގެ މައްސަލާގައި ޔޮޓް ޓުއާސްެ ބޭންކް އެކައުންޓުތައް ވަނީ ފްރީޒްކޮށްފަ އެވެ.
އެކަމާ ގުޅިގެން މިދިޔަ މާޗް މަހު ޖާބިރު ވިދާޅުވެފައިވަނީ، މީރާއަށް ދައްކަން ޖެހޭ އެއްވެސް ޓެކްސް އެއް ނޯންނާނެ ކަމަށެވެ. އަދި އެކައުންޓުތައް ފްރީޒް ކުރީ އޭނާ ސަރުކާރާ ދެކޮޅަށް މަސައްކަތް ފެށުމުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.