ގޮންޖެހުންތަކެއް ހުރި ނަމަވެސް މާޒިޔާގެ އަމާޒަކީ ތިން ޕޮއިންޓު: ސެކުލޮވްސްކީ

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ސަން ފޮޓޯ

އިންޑިއާގެ ފުޓްބޯޅައިގެ ގަދަ ބާރު މޯހަން ބަގާންއާ ދެކޮޅަށް އޭއެފްސީ ކަޕްގައި މާދަމާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނައިރު އެޓީމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް ދަނޑުމައްޗަށް ނުކުންނަ 11 ކުޅުންތެރިންނާ އެކު މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެޓީމުގެ ކޯޗް މާރްޔަން ސެކުލޮވްސްކީ ބުނެފިއެވެ.

މިއަދު ހެނދުނު ގައުމި ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ތަޖުރިބާކާރު ކޯޗް ބުނީ 20 ދުވަސްތެރޭ ވާދަވެރި ފަސްމެޗު ކުޅެން ޖެހުމަކީ ކިހާވަރެއްގެ ޗެލެންޖެެއްކަން އެންމެންނަށްވެސް އެނގޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ޓީމުގެ ކުޅުންތެރީން ދެއްކި ހިތްވަރަށް ފަހުރުވެރިވާކަމަށް އޭނާ ބުންޏެވެ.

"ޗެލެންޖްތަކެއް އެބަހުރި. ނަމަވެސް އުންމީދަކީ ދަނޑުމައްޗަށް އަރާ 11 ކުޅުންތެރިންނާ އެކު ނަތީޖާނެރުން،" މާޒިޔާއަށް ރަނގަޅު ކާމިޔާބީތަކެއް މިހާތަނަށް ހޯދައިދީފައިވާ ކޯޗް ބުންޏެވެ.

މިހާތަނަށް މާލޭ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ކޯޗް ބުނީ އިދިކޮޅު ޓީމާ ދޭތެރޭގައި އޭނާ ނުވިސްނާ ކަމަށާއި އަބަދުވެސް ވިސްނަނީ އަމިއްލަ ޓީމު މެޗަށް ތައްޔާރުކުރުމަށް ކަމަށެވެ. މޯހަން ބަގާންއަކީ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމުކަމަށް ވާއިރު މާޒިޔާއިން ކުޅޭނީ އެކަން ވަރަށް ރަނގަޅަށް ދަނެގެން ކަމަށްވެސް ކޯޗު ބުންޏެވެ.

"މޯހަން ބަގާން އަކީ ތަޖުރިބާ ހުރި ޓީމެއް. އެޓީމުގެ 25 ކުޅުންތެރިންނަކީ ހަމައެކަނީ ފުޓްބޯޅައަށް ހުސްވެގެން ތިބޭ ކުޅުންތެރިން. އެހެންވީމަ މާޒިޔާއަށް މާބޮޑު އެޑްވާންޓޭޖެއްނެތް،"

ސެކުލޮވްސްކީީ ބުނީ މާދަމާގެ މެޗުގައި އެންމެ ބޮޑު އެހީތެރިކަމެއް ޓީމަށް ދެވޭނީ ސަޕޯޓަރުންނަށް ކަމަށާއި ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ހިތްވަރު ދިނުމަށް އެދޭ ކަަމަށެވެ.

މާޒިޔާ ހިމެނޭ ގުރޫޕަށް ބަލާއިރު އެ ގުރޫޕްގެ އެއްވަނައިގައި އޮތީ ބެންގަލޫރު އެފްސީއެވެ. ދެވަނައިގައި މާޒިޔާ އޮތްއިރު ތިންވަނައިގައި އޮތީ މޯހަން ބަގާންއެވެ.

މާޒިޔާ މީގެ ކުރިން އިންޑިއާގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅުނުއިރު މެޗު ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. މާޒިޔާ އަދި މޯހަން ބަގާން ބައްދަލުކުރާ މެޗް ފަށާނީ މާދަމާ ހަވީރު 16:00ގައެވެ.

comment ކޮމެންޓް