ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު 108.7 މިލިއަން ޑޮލަރު ބޭރުކުރި: އެމްއެމްއޭ

16 މާޗު 2016: މާލޭ މަގުމަތީގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު 108.7 މިލިޔަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ބޭރަށް ފޮނުވާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން އިއްޔެ ނެރުނު އެ އިދާރާގެ 2016ގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދެމުން ދިޔައީ ހަ ކުންފުންޏަކުންނެވެ.

އެ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު 108.7 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 13 ޕަސަންޓު ދަށް އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ ތެރެއިން 83 ޕަސެންޓަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާއެވެ.

އެ ފައިސާގެ ތެރެއިން އެންމެ ގިނަ ފައިސާ ފޮނުވާފައި ވަނީ ބަންގާޅަށެވެ. އެއީ 69.6 މިލިޔަން ޑޮލަރެވެ. އިންޑިއާއަށް 14.1 މިލިޔަން ޑޮލަރު ފޮނުވާފައިވާ އިރު، ނޭޕާލަށް 6.5 މިލިޔަން، އަދި ސްރީލަންކާއަށް 4.4 މިލިޔަން ޑޮލަރު، ރެމިޓަންސް ޚިދުމަތް ދޭ ކުންފުނިތައް މެދުވެރިކޮށް ފޮނުވާފައިވެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ފައިސާ ރެމިޓުކުރަމުން ދިޔަ އަދަދު، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދިޔައީ ދަށް ވަމުންނެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ބިދޭސީ ވިޔަފާރިވެރިން ރެމިޓުކުރާ ފައިސާއިން ތިން ޕަސަންޓު، ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަން ފެށުމުގެ ސަބަބުން، މިދިޔަ އަހަރުގެ ފަހު ދެ މަހުގައި ފައިސާ ރެމިޓުކުރި މިންވަރު ދަށް ވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

comment ކޮމެންޓް