ފެން ލިބުން ދަތިވެ ފިހާރަތަކުން ފެން ލިމިޓްކޮށްގެން ވިއްކަނީ

މާލޭގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ތާޒާ ފެން ފުޅިއެއް --- ސަންފައިލް ފޮޓޯ

މާލޭގެ ފިހާރަތަކަށް ފެން ލިބުން ދަތިވުމުގެ ސަބަބުން ކޭސް ކޭހުން ފެން ވިއްކުން ފިހާރަތަކުން ހުއްޓާލައިފި އެވެ.

މާލޭގެ ބައެއް ފިހާރަކަށް ފެން ކޭސް ގަންނަން ދާ މީހުންނަށް ލިބޭ ޖަވާބަކީ މިހާރު ފެން ނުލިބޭތީ ކޭހުން ފެން ވިއްކެއް ނެތް ކަމަށެވެ.

ލައިފް ފެން އުފައްދާ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރު އަލީ އިހުސާން 'ސަން 'އަށް ވިދާޅުވީ އެ ކުންފުނީގެ ފެން އުފެއްދުމަށް ކުޑަ ޓެކްނިކަލް މައްސަލައެއް ދިމާވެ، ފެން އުފެއްދުން ކޮންމެވެސް ވަރަކަށް ލިމިޓްވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ފެން އުފެއްދުން އެއްކޮށް ހުއްޓާނުލާ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ މީގެކުރިން ވެސް މިދުވަސް ވަރަކީ އާންމުކޮށް ވެސް ކޮންމެ އަހަރަކު ފެނުގެ ޑިމާންޑް ބޮޑުވާ ދުވަސްވަރެއް ކަމަށާއި އެހެން އެވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މާލޭގައި ފެން އުފައްދާ ތާޒާ ކުންފުނިން ބުނީ ފެނުގެ ޑިމާންޑް ބޮޑުވުމުން ފެން އުފައްދާ މިންވަރު ކުރިއަށް ވުރެ އެކުންފުނިން އިތުރުކޮށްފައިވާ ކަމަށެވެ.

ބެލެވޭ ގޮތުން ފެނުގެ ޑިމާޑް ބޮޑުވި ސަބަބެއް ކަމަށް ތާޒާ ކުންފުނިން ބުނަނީ މިދުވަސް ވަރަކީ ހޫނު ދުވަސްވަރަކަށް ވެފައި ފެން އުފައްދާ އެހެން ކުންފުނިތަކުން ފެން ސަޕްލައި ކުރުމުގައި ދަތިތަކެއް އުޅޭތީ ކަމަށެވެ.

މާލޭގެ ފިހާރަތަކުން ފެން ލިބުން ދަތިވުމުގެ ސަބަބުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ކޭހުން ފެން ގަންނަން ނުލިބޭތީ އެވެ. ބައެއް ފިހާރަތަކުން ފެން ވިއްކަނީ ކޮންމެ މީހަކަށް 1.5 ލިޓަރުގެ ދެ ފުޅީގެ ރޭޓުންނެވެ.

comment ކޮމެންޓް