އެފްބީއައި އޭޖެންޓަކު އައިއެސްގެ ހަނގުރާމަވެރިއަކާ ކައިވެނި ކުރިކަން ހާމަވެއްޖެ

އެފްބީއައި އޭޖެންޓް ޑެނިއެލް ގްރީން، އައިއެސްގެ ހަނގުރާމަވެރިއަކާ ކައިވެނި ކުރުމާ ގުޅިގެން އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެތީ އޭނާގެ މޫނު ފުސްކޮށްފައި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (މޭ 2): އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އޭޖެންޓަކު އެބިއުރޯ އިން ތަހުގީގު ކުރަމުން ދިޔަ އައިއެސްގެ ހަނގުރާމަވެރިއަކާ ކައިވެނި ކުރިކަން ހާމަވެއްޖެ އެވެ.

ސީއެންއެންގައިވާ ގޮތުން އެފްބީއައި އޭޖެންޓް ޑެނިއެލާ ގްރީން ވަނީ އޭނާ ޖާސޫސު ކުރަމުން ދިޔަ އައިއެސްގެ ހަނގުރާމަވެރިއެއް ކަމަށްވާ ޑެނިސް ކަސްޕާޓްއާ ކައިވެނި ކުރަން 2014 ވަނަ އަހަރު ސީރިއާ އަށް ގޮސްފަ އެވެ.

ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ކަސްޕާޓް އަކީ ސީރިއާއަށް ދިޔުމަށް ފަހު އޭނާގެ ނަން އަބޫ ތަލްހާ އަލް އަލްމާނީ އަށް ބަދަލުކޮށްގެން ދިރިއުޅޭ މީހެއް ކަމަށް ސީއެންއެންގައިވެ އެވެ. އަދި އައިއެސްއިން އާއްމު ކުރި ކަސްޕާޓްގެ ވީޑިއޯތަކުން އޭނާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް އިންޒާރުދޭ މަންޒަރާއި ހަނގުރާމައިގެ މައިދާނުގައި ހުންނަ މަންޒަރު ފެންނަ ކަމަށް އެނޫހުން ބުންޏެވެ.

ސްކައިޕް ފަދަ އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކަސްޕާޓްއާ ގާތް ގުޅުމެއް އުފެއްދި ގްރީން ވަނީ އެފްބީއައި އިން ކަސްޕާޓް ތަހުގީގު ކުރަމުން ދިޔަކަން އޭނާއަށް އަންގާފަ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

އެފްބީއައި އޭޖެންޓް ކައިވެނި ކުރި އައިއެސްގެ ހަނގުރާމަވެރިޔާ ޑެނިސް ކަސްޕާޓް -- ފޮޓޯ: ގެޓީ

ނަމަވެސް ސީރިއާއަށް ދިޔަތާ އެއް މަސް ފަހުން ގްރީންއަށް ވަނީ އޭނާ އަށް ކުރެވުނީ ކުށެއް ކަން އިހުސާސުވެ އަނބުރާ އެމެރިކާއަށް ގޮސްފަ އެވެ. އަދި އެމެރިކާއަށް ދިޔުމަށް ފަހު ގްރީން ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، މައްސަލައިގެ ސިއްރު ތަހުގީގަށް އެއްބާރުލުންދީފަ އެވެ. އެ މައްސަލައާ ގުޅިގެން ގްރީން ވަނީ ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްފައި ކަމަށާއި އޭނާ މިނިވަންވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ކަމަށް ކޯޓުގެ ލިޔެކިޔުންތަކުން ދައްކަ އެވެ.

އެފްބީއައި އޭޖެންޓަކު އައިއެސްގެ ހަނގުރާމަވެރިއަކާ ކައިވެނި ކުރަން ސީރިއާއަށް ދިޔަކަން އެބިއުރޯއިން ފުރަތަމަ ހާމަ ނުކުރީ އެމައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމުމުން އެމައްސަލައާ ބެހޭ ބައެއް ކޯޓު ލިޔުންތައް އާއްމު ކުރަން ޕްރޮސިކިއުޓަރުން ނިންމީ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކަސްޕާޓްއާ ކައިވެނި ކުރަން ގްރީން ސީރިއާއަށް ދިޔަ އިރު އޭނާ އުޅުނީ އެމެރިކާގެ ރައްޔިތަކާ ކައިވެނިކޮށްގެންނެވެ. އޭނާ ސީރިއާއަށް ދިޔައީ ޖަރުމަނުގައި ތިބި އޭނާގެ އާއިލާގެ މެމްބަރުންނާ ބައްދަލު ކުރަން ދަނީ ކަމަށް ބުނެފަ އެވެ. ނަމަވެސް ޖަރުމަނަށް ދިޔުމުގެ ބަދަލުގައި ގްރީން ވަނީ ތުރުކީ މަގުން ސީރިއާއަށް ގޮސްފަ އެވެ.

އެމެރިކާގެ ހޮޓަލެއްގައި މިހާރު މަސައްކަތް ކުރަމުންދާ ގްރީންގެ ފުރާނައަށް ނުރައްކާވެދާނެތީ އޭނާއާ ބެހޭ އިތުރު މައުލޫމާތު ކޯޓުން ހާމަ ނުކުރެ އެވެ.

ގްރީން ކައިވެނި ކުރި ކަސްޕާޓް ވަނީ އެމެރިކާ އިން ސީރިއާ އަށް ދިން ވައިގެ ހަމަލާއެއްގައި މަރުވެފައި ކަމަށް ވައިޓް ހައުސްއިން 2015 ވަނަ އަހަރު އިއުލާން ކުރި އެވެ. ނަމަވެސް އޭގެ ނުވަ މަސް ފަހުން ވައިޓް ހައުސް އިން ވަނީ އެއީ އޮޅުމެއް ކަމަށާއި، އެހަމަލާއިން ކަސްޕާޓް ސަލާމަތްވި ކަމަށް ބުނެފަ އެވެ. (ސީއެންއެން)

comment ކޮމެންޓް