ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ މައްސަލަ އިތުރުވެ، އޭގެ ތެރެއިން ވެސް ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަ އިތުރުވަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށް އެޓެންޑް ކޮށްފައިވާ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 279 މައްސަލައެއް ވަނީ އެ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައެވެ. މިއީ މިދިޔަ ފެބްރުއަރީ މަހާއަޅާބަލާއިރު 39 މައްސަލަ އިތުރުވުމެކެވެ.
މިދިޔަ މަހު ރިޕޯޓް ކުރި މައްސަލަތަކުގެ ތެރެއިން ވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 142 މައްސަލަ އެއް ރިޕޯޓް ކޮށްފައިވާއިރު، މިއީ މާރިޗް މަހު ރިޕޯޓް ކުރި މައްސަލަ ތަކުގެ 50 ޕަސެންޓެވެ.
ޖެންޑާ މިނިސްޓްރީން ބުނާ ގޮތުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ.
އެގޮތުން ކުޑަކުދިންނަށް ޖިންސީ އަނިޔާގެ 50 މައްސަލަ މިދިޔަ މަހު ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 40 މައްސަލަ އަކީ ޖިންސީ އަނިޔާގެ ޝިކާރަ އަކަށް ވެފައިވާ އަންހެން ކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މި އަދަދަކީ މިދިޔަ ފެބްރުއަރީ މަހާ އަޅައިބަލާއިރު 20 މައްސަލަ އިތުރު އަދަދެކެވެ. މިދިޔަ ފެބްރުއަރީ މަހު ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން 30 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ވަނީ ރިޕޯޓް ކޮށްފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރެއިން ކުޑަކުދިންނަށް އިހުމާލުވުމުގެ 41 މައްސަލަ، ޖިސްމާނީ އަނިޔާގެ 26 މައްސަލަ، ނަފްސާނީ އަނިޔާގެ 23 މައްސަލައެއް އަދި ހަނގާކުރުމުގެ އެއް މައްސަލަ އެއް މިދިޔަ މަހު ޖެންޑާއަށް ރިޕޯޓް ކޮށްފައިވެއެވެ.
ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި ކުށްކުރާ ކުޑަކުދިންގެ ތަފާސް ހިސާބަށް ބަލާއިރު، އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލަ އަކާއި ވައްކަން ކުރުމުގެ މައްސަލަ އަކާއި ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެއްގެ އިތުރުން މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމާ ގުޅޭ މައްސަލައެކެވެ.
މިދިޔަ މަހުގެ ތެރޭގައި ކުޑަކުދިންގެ އަހުލާގީ މައްސަލަތަކުގެ 17 މައްސަލަ އަކާއި ހައްގުތަކުން ކުޑަކުދިން މަހްރޫމްކުރުމާ ގުޅޭ އަށް މައްސަލައެއް ވެސް ވަނީ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ހަތަރު މައްސަލަ، ސާފު ބޯފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ ދެ މައްސަލަ، ތައުލީމް ފޯރުކޮށްދިނުމާ ގުޅޭ އެއް މައްސަލައެއްގެ އިތުރުން އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ އެއް މައްސަލައެކެވެ.
މިދިޔަ މަހުގެ ތަފާސް ހިސާބަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓްކުރި މިންވަރު މިއަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ވަނީ މަދު ވެފައެވެ.
އެގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 24 މައްސަލައެއް ފެބްރުއަރީ މަހު ރިޕޯޓް ކުރިއިރު، މިދިޔަ މަހު އެފަދަ 44 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މިއީ މާރިޗް މަހު ރިޕޯޓްކުރި ޖުމްލަ މައްސަލަތަކުގެ 15 ޕަސެންޓެވެ.
މިދިޔަ މާރިޗް މަހުގެ ތެރޭގައި ރިޕޯޓްކުރި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އޭގެ ތެރެއިން ވެސް 21 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.
އޭގެ އިތުރުން އެ ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 10 މައްސަލަ އަކާއި ޖިންސީ އަނިޔާގެ ހަތަރު މައްސަލައެއް އަދި އިހުމާލުވުމުގެ ދެ މައްސަލައަކާއި ބިރުދެއްކުމުގެ ދެ މައްސަލަ އެއް ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މިދިޔަ މަހުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ހަ މައްސަލަ އެއްވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.