އީގަލްސް ބަލިކޮށް ޓީސީން ތާވަލުގެ ތިންވަނައަށް ޖެހިލައިފި

މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗު 3-0 ލަނޑުން ކާމިޔާބުކުރީ ޓީސީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބުން އީގަލްސް މައްޗަށް ކުރި ހޯދައި ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މި މެޗުން ޓީސީ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔައީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. އެޓީމުން މެޗުގެ ކުރީކޮޅު މޮޅަށް ކުޅެ އީގަލްސްގެ ޑިފެންސް ލައިނަށް ވަނީ ބާރު ބޮޑުކޮށްފައެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން، ބިދޭސީ ކުޅުންތެރިއާ ސްޓެވާޓް ކޯނީއެވެ. އޭނާގެ އެ ލަނޑަށްފަހު ދެޓީމުގެ ފަރާތުންވެސް މާ ނުރައްކާތެރި ހަމަލާއެއް ގޯލަށް އަމާޒުކޮށް ފޮނުވާލާފައެއްނުއެވެއެވެ.

ދެވަނަ ހާފަށް ބަލާއިރު ޓީސީންވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ހޯދާފައެވެ. އީގަލްސްއިން މިހާފުގައި ފަހަތަށް ފައިބައިގެން ޑިފެންސް ކުރެވޭތޯ މަސައްކަތް ކުރިއިރު ޓީސީގެ އެންމެ ކުރިން ކުޅޭ ކުޅުންތެރިއާ އަދި ކެޕްޓަން އަލީ ނާފިއު (ކަޅޭ) އަށް ވަނީ ރަނގަޅު ފުރުޞަތު ތަކެއް ލިބިގެންގޮސްފައެވެ.އެގޮރުން މެޗުގެ 50 ވަނަ މިނިޓްގައި ލިބުނު ރަނުގެ ފުރުޞަތެއްވަނީ ބޭކާރުވެފައެވެ.

އަދި ދެވަނަ ހާފުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށްވެސް ވަނީ ގޯލެއް ކާމިޔާބުކުރުމަށް ރަނގަޅު ފުރުޞަތު ތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން 80 ވަނަ މިނިޓްގައި އިއްބެއަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މި ނަތީޖާއާ އެކު ޓީސީ ވަނީ 10 ޕޮއިންޓާ އެކު ލީގު ތާވަލްގެ ތިންވަނަ މަގާމަށް ޖެހިލާފައެވެ. ޓީސީ އާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ގޯލުގެ ތަފާތުން ގްރީން ސްޓްރީޓް ހަތަރުވަނައިގައި އޮތް އިރު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ނިއުރޭޑިއަންޓެވެ. ދެވަނައިގައި އެއްމެޗު މަދުން ކުޅެގެން މާޒިޔާ އޮތްއިރު މިއަދު ޓީސީ އަތުން ބަލިވި އީގަލްސް އޮތީ ހަތް ޕޮއިންޓާ އެކު ތާވަލްގެ ފަސްވަނަ މަގާމުގައެވެ.

comment ކޮމެންޓް