ހަރުކަށި ދީނީ މީހުންނާއި ދީނާ ދެކޮޅު މީހުނަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ފަށައިފި

ރިޔާސީ ބަޔާން ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު -- ސަން ފޮޓޯ/ފަޔާޒު މޫސާ

ހަރުކަށި ދީނީ ފިކުރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި އިސްލާމް ދީނާއި ދެކޮޅަށް އުޅޭ ދިވެހިންނަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީން މަސައްކަތްތަކެއް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދި ޒިޔާދު ބާގިރު މިއަދު ސަން އަށް ވިދާޅުވީ ދީނީ އެކި ވިސްނުންތައް ރާއްޖެ އިން ނައްތާލުމަށް ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރުމަށް ނިންމައި އެކަން ފަށާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން ފާސްކޮށްފައިވާ ޖިހާދާއި، ކާފަރު ކުރުމުގެ އިތުރުން ބައިބައިވުން ފަދަ މައުލޫތަކަށް އިސްލާމް ދީނުގެ އިލްމުވެރިން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ އިރު ވަރަށް އަވަހަށް އެފޮތްތައް ނެރޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންހެނުންނަށް ހާއްސަކޮށް އިސްލާމްދީނުގައި އަންހެނުންގެ ހައްގުތައް ބުނެދިނުމަށް ޖެންޑާ މިނިސްޓްރީއާ އެކު ތަފާތު މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސުކޫލް ކުދިންނަށް އަމާޒުކޮށްގެން ވެސް ތަފާތު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް އަދި ހާމަ ކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދީނީ ތަފާތު ވިސްނުންތަކުގެ މީހުން ރާއްޖޭގައި މަސައްކަތް ކުރާއިރު އެމީހުންގެ މެދުގައި ހިޔާލްތަފާތުވެ މަސްލަހަތު ގެއްލޭ ފަހަރު ގިނައިން އާދެ އެވެ.

comment ކޮމެންޓް