ޕާޓީއަށް ދާ ގަޑި ކައިރިވުމުން ޝާޢާ ފެންވަރަން ފާޚަނާއަށް ވަނެވެ. ޝަވަރު ދޮށުގައި ހުއްޓިލަމުން ޝަވަރަށް ދޫކޮށްލުމާއެކު އޮހިގެން އައި ފިނި ފެނުން ސިކުނޑިއާއި ޖިސްމަށް ފިނިކަން ގެނެސްދިނެވެ. އެގޮތުގެ މަތިން އިރުކޮޅެއް ފާއިތުވިތަނާ ކުއްލިޔަކަށް އަނެއްކާ ވެސް ބޮލާއެކު ހަށިގަނޑުގެ ވާތްފަރާތަށް ތޫނު ތަދެއް އަރަން ފެށިއެވެ. މިފަހަރު ތަދު އިހުނަށްވުރެ ގަދައެވެ. ވެއްޓިދާނެހެން ހީވާން ފެށުމާއެކު ޝާޢާއަށް އަވަސްއަވަހަށް މަދަދަށް އެދި އަތްދިއްކޮށްލެވުނީ މޫނުދޮންނަތައްޓަށެވެ. އެއް އަތުން މޫނުދޮންނަ ތަށީގައި ހިފަހައްޓާލަމުން އަނެއް އަތުން ނިތްކުރީގައި ޝާޢާއަށް އަތް ހިންގާލެވުނެވެ. އެވަގުތު އޭނައަށް އިސްއުފުލާ ކުރިމަތީ ކުރި ލޯގަނޑަށް ބަލާލެވުމާއެކު މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ.

އޭނަގެ ފުރަގަހުން ފެންނަމުން ދިޔައީ ހިޔަންޏެކެވެ. މޫނުބަލާ ލޯގަނޑުން ރީއްޗަށް އެމަންޒަރު ފެނެއެވެ. ހިތުގައި އުފެދިގެން އައި ނުތަނަވަސްކަމާއެކު ޝާޢާއަށް ނިކަން އަވަހަށް ފަސްއެނބުރި ބަލާލެވުނީ އޭނަގެ ހިތުގައި ސުވާލުތައް އުފެދުމުންނެވެ. ފަސްއެނބުރި ބަލާލެވުމާއެކު ޝާޢާއަށް ލިބުނީ އިތުރު ހާސްކަމާއި ހައިރާންކަމެކެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ލޯކުރިމަތިން ހިޔަނި ގެއްލުމުންނެވެ. ބިރުވެރިކަން އުފެދިގެން އައުމާއެކު ޝާޢާ އަވަސްވެގަތީ ފާޚަނާއިން ނިކުންނާށެވެ. އިތުރު މިނެޓަކަށް ވެސް އެތާނގައި ހުންނަން ބޭނުންނުވާތީއެވެ.

އަވަސްއަވަހަށް ފާޚަނާގެ ފާރުގައި ހަރުކުރެވިފައިވި ހަރުގަނޑުގައި އަޅުވާފައި އޮތް ތުވާލި ނަގައި ހަށިގަނޑުގައި އޮޅާލަމުން ދޮރުގެ ތަޅުގައި ހިފާލިއެވެ. ހަމަ އެވަގުތު ހޫނުކަމެއް އެކުލެވިގެންވި ރޯޅިއެއް އޭނަގެ ގައިގައި ބީހިލާފައި ދިޔައެވެ. އެފަދަ ކަމެއް އޭނައަށް ފުރަތަމަ އިހުސާސްކުރެވުނީ އިރާކޮޅުގެ ވަގުތުގައެވެ. ބޮލުގެ ރިހުން ވެސް ގަދަވެފައިވުމާއި ހިތުގައި އުފެދިފައިވި ބިރުވެރިކަމާއެކު ޝާޢާ އިހުނަށްވުރެ އޭނަގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ނަމަވެސް އޭނައަށް ފާޚަނާއިން ބޭރަށް ފިޔަވަޅެއް އެޅުނުތަނާ ހީވީ ހަށިގަނޑަށް ބާރެއް އަރައިގެން ދިޔަ ހެންނެވެ. ވޭނައި ތަދުގެ އިހުސާސްކުރެވުނު ހިނދު އޭނަގެ މޫނުމައްޗަށް އަނދިރިކަން ވެރިވެ އާރާއިބާރު ނެތިގެން ދިޔަ އޭނަގެ ހަށިގަނޑު ޓައިލްސްތަކުގެ މައްޗަށް ވެއްޓުނެވެ. ލޯ ވެސް މެރުނު ހިނދު ޝާޢާއަށް އޭނަގެ ކައިރީގައި ހަށިގަނޑުން ބިޔަ މީހަކު ހުރި ފަދަ އިހުސާސެއް ކުރެވުނެވެ.

*****

ޝާޢާ ބަލާ ގޭދޮށަށް އައިސްފައި ހުރި ޔޫނުސް އަނެއްކާ ވެސް ޝާޢާއަށް ގުޅަން މަސައްކަތްކުރިއެވެ. މިހާރު އޭނަ އެކަން ތަކުރާރުކުރަމުން ދާތާ ކިތަންމެ އިރެއް ވެއްޖެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ލިބެނީ އެއްޖަވާބެކެވެ. އޭރު ޝާޢާގެ ޚަބަރެއް ނުވުމުން އޭނަގެ ކެތެތްެރިކަން ކޮޅުންލައިފިއެވެ. ފޯނު ފަޓުލުނޫގެ ޖީބަށް ލަމުން ޔޫނުސް ބަލާލީ ފެންނަން ހުރި ދޮރާއްޓަށެވެ. އޭނަ އިނީ ދެފިކުރެއްގެ މަތީގައެވެ. ވިސްނަން ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ސައިކަލުގެ ހަރުޖައްސާލަމުން އޭނަ ސީޓު މަތިން ތެދުވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ކުރިއަށް ހިނގައިގަތެވެ. ޝާޢާއާ މެދު ހިތުގައި އުފެދިފައިވި ނުތަނަވަސްކަމަށް ނިމުމެއް ގެންނަން އޭނަ ހުރީ ބޭނުންވެފައެވެ. އެކަން ކުރެވެން އޮތީ އެންމެ ގޮތަކުންނެވެ.

*****

ޓީވީން ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމެއް ބަލަން ތިބި ޖާބިރާއި ހަދީޖާއަށް އެކީއެއްފަހަރާ މައިދޮރާއި ދިމާއަށް ބަލާލެވުނީ ސަލާން ގޮވާލި އަޑަށެވެ. ސަލާމުގެ ޖަވާބު ބަލައިގަންނަމުން ހަދީޖާ އޭނަ އިން ސޯފާއިން ތެދުވެލަމުން ދޮރާއި ދިމާއަށް ހިނގައިގަތެވެ. އޭނައަށް ފެންޑާގައި ހުރި ޒުވާނަކު ފެނުމާއެކު ލިބުނީ ހައިރާންކަމެވެ. ފަރުވާތެރިކަމާއެކު ބަލާލުމުން ހަދީޖާއަށް އެޒުވާނާއަކީ ކާކުކަން ދެނެގަންނަން ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. އެހެނަސް ސުވާލު އުފެދުނީ އެގަޑީގައި ޔޫނުސް އެގެއަށް އައުމުންނެވެ.

އެހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބިގެން ދިޔައީ ޔޫނުސް އައި ބޭނުން އޭނައަށް ވިސްނައިގަނެވުމުންނެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވީ ވެސް އެސަބަބާ ހުރެއެވެ.

ހަދީޖާއަށް ބަލަން ހުރި ޔޫނުސްގެ މޫނުމަތިން ހާސްކަން ފާޅުވެއެވެ. އޭނަ ނަފުސު ހަމައަކަށް އަޅުވަން ހަށިފުރާނޭވާއެއް ދޫކޮށްލަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ގެންނަން މަސައްކަތްކުރިއެވެ. އޮޅުންފިލުވަން އުޅޭ މަޢުލޫމާތުގެ ޒާތުން ހާޖަރާ ހީކޮށްފާނެ އެއްޗަކާ މެދު އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހެނަސް ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ ބުނާ ބީދައިން ޔޫނުސްއަށް ޖެހުނީ އެކަމާއި ކުރިމަތިލާށެވެ. ޝާޢާއަކީ އަބަދު ވެސް ފޯނު އަތަށް ލައިގެން އުޅޭ ކުއްޖެކެވެ. އޭނަ އެހާ ގިނައިން ގުޅުމުން ވެސް ޝާޢާ ފޯނަށް ޖަވާބު ނުދޭނީ ބޮޑުކަމެއް ދިމާވުމުންނެވެ. ޝާޢާގެ ހާލު ނޭގެނީސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

''ކީއްކުރާ ކުއްޖެއް؟...'' ހަދީޖާ އަހާލިއެވެ. އޭނަ ވާހަކަދެއްކީވެސް ރާގަކަށެވެ.

''ޝާޢާ...'' ޔޫނުސް އެންމެފަހުން ބުނެލިއެވެ. އޭނަގެ އަޑުގައި ޖެހިލުންވުން އެކުލެވިފައި ވިއެވެ.

''ކީއްކުރަން ޝާޢާ ހޯދަން ތިޔައީ؟...'' ޔޫނުސްއަށް ބަލަން ހުރެ ހަދީޖާ އެހި އެވެ. ހަދީޖާގެ ވާހަކަދެއްކުމުގެ ރާގުގައި އެކުލެވިގެންވި ހިތްހަމަނުޖެހުން ޔޫނުސްއަށް ފާހަގަކުރެވުނެވެ. އޭގެ ސަބަބުން އޭނަގެ ވާހަކައާއިގެން ކުރިއަށް ދާން އިތުރަށް އުނދަގޫވިއެވެ. އެމީހުންގެ ހިތުގައި އުފެދިގެންދާނެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނައަށް ޖެހުނީ ރޭވުންތެރިކަމާއެކު ފަރުމާ ކުރާށެވެ. އޭނައާއި ޝާޢާގެ ގުޅުމާމެދު ޝައްކު ނުއުފެދޭނެ ފަދައަކުންނެވެ.

''އޮފީހުން ބާއްވާ ހަފްލާއަކަށް ދާން ޖެހިފަ އޮތީމަ... ޝާ ބުނީ ބަލާ އައިސްދެއްޗޭ، މިހާރު ވަރަށް ގިނަ އިރު ވެއްޖެ ބޭރުގައި ހުންނަތާ ވެސް...... ގުޅީމަ ފޯނަށް ޖަވާބެއް ނުދޭ...'' ޔޫނުސް ބުނެލިއެވެ. ޔޫނުސްއަށް ސަމާލުކަން ދީގެން ހުރި ހަދީޖާއަށް ކުއްލިއަކަށް ޝާޢާ މަތިން ވިސްނާލެވުނެވެ. އިޝާ ނަމާދުގެ ވަގުތުގައި އޭނަ ކޮޓަރީގައި ވަނިކޮށް ޝާޢާ ވަނީ ހަފްލާއަކަށް ދާންޖެހޭ ވާހަކަ ބުނެފައެވެ. އޭގެ އިތުރު ތަފުސީލެއް ޝާޢާ ނުދެއެވެ. އޭގެ ފަހުން ގަޑިއިރުތަކެއް ފާއިތުވެގެން ދިޔަ އިރު ވެސް ޝާޢާގެ ޚަބަރެއް ވީކީ ނޫނެވެ. ސުވާލު އުފެދިގެން ދިއުމާއެކު ހަދީޖާ އަވަސްވެގަތީ ޝާޢާގެ ކޮޓަރިއަށް ދިއުމަށެވެ. ނަމަވެސް ދިއުމުގެ ކުރިން އޭނަ ޔޫނުސްއަށް ބަލާލިއެވެ.

''މަޑުކޮށްލާ...''

ޔޫނުސްއަށް އެތެރެއަށް ވަނުމުގެ ދަޢުވަތެއް ވެސް ހަދީޖާ ނުދިނެވެ. އޭނަ ބުނަންވާ އެއްޗެއް ބުނެލުމަށް ފަހު ހަދީޖާ އެތެރެއަށް ވަދެގެން ދިޔައީ އެވެ. ޔޫނުސް ވެސް މަޑުކޮށްލީ ފެންޑާގައެވެ. ފަނޑުއަލިކަމުގެ ތެރޭން ފެންނަމުން ދިޔަ ގަސްތަކަށް ސަމާލުކަން ދީގެން އޭނަ ހުއްޓުވެ.

*****

''ދަރިފުޅާ...''

ޝާޢާގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ހަދީޖާ ގޮވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. އޭނަ އަނެއްކާ ވެސް ގޮވާލިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. އަދިވެސް ދެތިން ފަހަރު ތަކުރާރުކޮށްލުމުން ވެސް ޝާޢާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެއާއެކު ހަދީޖާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އޭނައަށް ޝާޢަގެ ފަރާތުން ފެނިފައިވާ ސިފައަކަށް ނުވީތީއެވެ. ހާސްކަން ހިތަށް ވެރިވީ ވެސް އެހެން ވެއެވެ.

އަވަސްއަވަހަށް ހަދީޖާ ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އަލަމާރިތެރޭން ގޭގެ ތަޅުދަނޑިފަތި ހޯދާލިއެވެ. އެއަށްފަހު ތަޅުދަނޑިފަތި ހިފައިގެން އޭނަ މިސްރާބުޖެހީ ޝާޢާގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު ވެސް ޖާބިރު އިނީ ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމުގެ އަވާގައި ޖެހިފައެވެ. އޭނައަށް ހަދީޖާގެ އަވަސް ހަރާކަތްތައް ވެސް ފާހަގަނުކުރެވުނީ އެސަބަބާ ހުރެއެވެ.

ތަޅުދަނޑި ފަތިން އޭނަ ފާހަގަކޮށްލި ތަޅުދަނޑިނަގައި ތަޅަށް ކޮއްޕާލިއެވެ. އަދި އަނބުރާލުމާއެކު ތަޅުހުޅުވިގެން ދިޔަ އަޑުއިވުނެވެ. އެއީ ހަދީޖާގެ ހިތަށް ކުޑަވިޔަސް ލުއިކަމެއް ގެނެސްދިން ކަމެކެވެ. އެހެނަސް އޭނަ ކޮޓަރިއަށް ވަދެވުމާއެކު ފެނުނު މަންޒަރުން ހުރިހާކަމެއް ބަދަލުވެގެން ދިޔަ އެވެ. މަގޭ ދަރިޔޭ ކިޔައި ހަދީޖާއަށް ރޮވިއްޖެއެވެ. އޭނައަށް ވެއްޓިފައި އޮތް ޝާޢާއާ ދިމާއަށް ދެވުނު ގޮތެއް ވެސް ނޭގުނެވެ.

މޭމަތިން ތުވާލިގަނޑު ސޮހިގެން ގޮސް ޝާޢާގެ އައުރަ ފެނެއެވެ. ހަދީޖާ ފުރަތަމަ ވެސް އުޅުނީ ޝާޢާގެ ހަށިގަނޑުގައި ތުވާލި އޮޅައި ނިވާކުރާށެވެ. އޭނައަށް ޝާޢާގެ ވާއަތު ހިކަނދިމަސްގަނޑުން ފެންނަން ހުރި ރަތްކުލައިގެ ނިޝާން ފެނުމާއެކު ދެލޯބޮޑުވެގެން ދިޔައެވެ. ފަރުވާތެރިކަމާއެކު ބަލާލުމުން އެއީ އަތުގެ އިނގިލިތަކުގެ ނިޝާންތަކެއްކަން އެނގެއެވެ. ބިރުވެރިކަމާއި ހާސްކަން އައިސް ބޯސައިލެއް ފަދައިން ހަދީޖާ ވަށާލީ ދެނެވެ. އޭނަ ބިރުން އުޅުނު ދުވަސް ކުލިމަތިލައިފިކަމުގެ އަލާމާތްތައް ހަދީޖާއަށް ފެނުނެވެ. އަވަސްއަވަހަށް ޖާބިރަށް ގޮވަން އުޅެފައި ވެސް އެޚިޔާލު ހިނދުކޮޅަކަށް ވިޔަސް މަޑުޖައްސާލަން ޖެހުނީ ޝާޢާ އޮތް ހާލަތުގެ ގޮތުންނެވެ.

އަލަމާރިން އޭނަ ގެނައި ޝާޢާގެ ހެދުންތައް ލައްވައި ނިމުމާއެކު ޖާބިރަށް ހަދީޖާ ގޮވާލީ ނުހަނު ބާާރަށެވެ. އޭރު ވެސް ހަދީޖާއަށް ރޮވެމުން ދިޔައެވެ.

ޓީވީއަށް ގެއްލިފައި އިން ޖާބިރަށް ހޭވެރިކަންވީ ދެނެވެ. ހަދީޖާގެ އަޑަށް އޭނައަށް ސޯފާއިން ވަގުތުން ތެދުވެވުނެވެ. އޭނައަށް އެފަދަ ގޮތަކަށް ހަދީޖާ ހަޅޭއްލެވި އަޑުއިވުނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެދުވަސްތަކުހެ ހަނދާންތައް އެހަޅޭކާއި ގުޅިގެން ދިއުމާއެކު ޖާބިރަށް އަވަހަށް ހިނގައިގަނެވުނެވެ.

ބޭރުގައި ހުރި ޔޫނުސްއަށް ވެސް އަޑުއިވުނެވެ. އޭނައަށް ކައިރިވެލެވުނީ މައިދޮރާއެވެ. އެވަގުތު ކޮޓަރިއަކަށް ގޮސް ވަން ޖާބިރު އޭނައަށް ފެނުނެވެ. އޭނައަށް ހަދީޖާގެ ރުއިމިގެ އަޑު ވެސް އިވުނެވެ. ހިތުގައި އުފެދިގެން ދިޔަ ސުވާލުތަކުގެ ސަމުގާ ގޮސް ޝާޢާއަށް ހުއްޓުމާއެކު ޔޫނުސްގެ ހިތް އަވަސްވެލިއެވެ. އެތެރެއަށް އޭނައަށް ވަދެވުނީ ވެސް އެހެންވެއެވެ. ހާސްކަން ލިބުނު ވަރުންނެވެ.

*****

''ޝާޢާ...'' ކޮޓަރިއަށް ވަން ޖާބިރު ފެނި ޝާޢާ ގާތަށް ތިރިވެ އިން ހަދީޖާ ރޮވިފައިވި އަޑަކުން ބުނެލިއެވެ. ހަދީޖާ އޭރު ދިޔައީ ޝާޢަގެ މޫނުގައި ފެންލަމުންނެވެ. އެކަމަކު ޝާޢާއަށް އެކަމުގެ އަސަރުކުރާ ހެނެއް ހިޔެއް ނުވެއެވެ. ހިމޭންކަމާއެކު ލޯމަރައިގެން އޮތް އިރު ނޭވާގެ ހިނގުން ނިކަން ލަހެވެ.

ޝާޢާ ފެނި ޖާބިރަށް ހުރެވުނު ތަންވެސް ހަނދާން ނެތުނު ކަހަލައެވެ. ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ އައިސް ހުރީ ޝާޢާ ގާތުގައެވެ. އޭނައަށް ވެސް ނުބައެއް އުޅޭކަމުގެ ހިލަން ވެއްޖެއެވެ.

''ޖާބިރު...'' ހަދީޖާ ވާހަކަދައްކަން އުޅުނެވެ. ރޮވުމުގެ ސަބަބުން އޭނައަށް އެކަން ފުރިހަމައެއް ނުކުރެވުނެވެ.

ހަދީޖާ ގާތަށް ކުޑަކަކޫ މައްޗަށް ޖާބިރު ތިރިވެލިއެވެ. އަދި ހަދީޖާގެ ކޮނޑުގައި އޭނަ އަތްބާއްވާލިއެވެ. އެއާއެކު ކަރުނަތަކާ ހަނގުރާމަކުރަމުން ދިޔަ ހަދީޖާގެ ނަޒަރު ގޮސް ޖާބިރަށް ހުއްޓުނެވެ. އެދެލޮލުން ހަދީޖާގެ އިހުސާސްތައް ޖާބިރަށް ނަގައިގަނެވުނެވެ. އޭނައާއި އަހަން އުޅުނު ސުވާލުތައް ވެސް މެއެވެ. އެހެނަސް ދޭނެ ޖަވާބެއް އޭނައަކަށް ނޭގުނެވެ. ޚުދު އޭނަ ވެސް އެހުރީ ސުވާލުމާކުތަކެއްގެ ތެރޭގައި ވިއްޔާއެވެ. އޭނައަށް ޝާޢާގެ ފުރިހަމަ ރައްކާތެރިކަން ޔަޤީންވެފައި ވަނިކޮށް މިވީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭނަގެ އަދުއްވުން މާރިދުގެ މައްޗަށް ގަދަވެގަތީ ހެއްޔެވެ؟ އެހެން ކަންތައްވިކަމުގައި ވިޔަސް އެޖިންނީންތައް ޝާޢާގެ މައްޗަށް އަތްގަދަކުރީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ފަންޑިތައިގެ ބާރު ކެނޑިގެން ދިޔައީ ހެއްޔެވެ؟ އޭނަގެ ހިތުގައި ބިރުވެރިކަން އުފެދިފައި އޮތް ދުވަހަށް އިރުއަރަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށީ ހެއްޔެވެ؟

''ކިހިނެއް؟...'' ހަދީޖާއަށް އަހަލެވުނެވެ. ''ބުނީމެއްނު ޝާޢާ ރައްކާތެރިކުރާނަމޭ، ދެން ކީއްވެ؟...'' ހިތްދަތިކަން ހަދީޖާގެ އަޑުގައި ވިއެވެ. އޭނަ ކޯތާފަތުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

''އިހަށް ތިސުވާލުތައް ނުކޮށްބަލަ، މި މަންޖެ އެނދަށް ލާންވީ...'' ޖާބިރު ބުނެލިއެވެ. އެއަށްފަހު އޭނަ ޝާޢާ އަތްދަނޑިމައްޗަށް އުފުލަން އުޅުނެވެ. އޭނަގެ ހަށިގަނޑުގައި މިހާރު އެކަމަށް ހަކަތަ ނެތްކަން ޖާބިރަށް ތަސައްވަރުކުރެވުނީ އެވަގުތުއެވެ.

ސުވާލު އުފެދިފައި ކޮޓަރީގެ ދޮރުމަތީ ހުރި ޔޫނުސް ހަދީޖާއަށް ފެނުނީ އެދަނޑިވަޅުގައެވެ. ނުރުހެވުނުކަމުގައި ވިޔަސް ޔޫނުސްގެ އެހީއަށް އެމީހުން އެތިބީ ބޭނުންވެފައެވެ. އޭނައަށް ގޮވާލެވުނީ ވެސް އެހެންވެއެވެ. އެއާއެކު ހަލުވި ފިޔަވަޅުތަކުގައި އައި ޔޫނުސް ލުއި ފަތެއް ހެން ޝާޢާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. އޭނަގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފެނެއެވެ.

ލޯމަރަލާލައިގެން އޮތް ޝާޢާއަށް ޔޫނުސް ބަލާލިއެވެ. ނިއްކުރިން ތަންގަނޑެއް ދުޅަވެފައި ވާއިރު މޫނަށް ވަނީ ހުދުކަމެއް ސަވާރުވެފައެވެ. ލަސްކަން ވެރިވެފައިވި ޝާޢާގެ ނޭވާގެ ހިނގުން އިހުސާސްކުރެވި ޝާޢާ ވަގުތުން ހޮސްޕިޓަލަށް ގެންދަން ޔޫނުސް ބޭނުން ވިއެވެ. އޭރުން ޝާޢާއަށް ރަގަޅު ފަރުވާއެއް ލިބޭނެ ވިއްޔާ އެވެ. އެފަދަ ހާލަތެއް މެދުވެރިވާން ޖެހުނު ސަބަބު ވެސް ހޯދައިގަނެވޭނެ ވިއްޔާ އެވެ.

ޝާޢާ އެނދުގައި ބާއްވަމުން އިރުކޮޅެއް ވަންދެން އެމޫނަށް ޔޫނުސް ބަލާލިއެވެ. އެއަށްފަހު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ގާތުގައި ތިބި ހަދީޖާއާއި ޖާބިރަށެވެ.

''އެމްބިއުލާންސަށް މިގުޅާލަނީ...'' ޝާޢާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ޔޫނުސް ބުނެލިއެވެ. އަދި އޭނަގެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގައި އެމްބިއުލާންސަށް ގުޅަން އުޅުނެވެ. އެކަމަކު އޭގެ ކުރިން ޔޫނުސްއަށް ޖާބިރު ހުރަސް އެޅި އެވެ.

''ގުޅާނެ ކަމެއް ނެތް... ހާދީޖާ، ދޭބަލަ ފިނިފެން ތަށްޓެއް ހިފައިގެން އަންނަން...'' ހަދީޖާއާއި ނަޒަރު ސީދާކޮށްލަމުން ޖާބިރު ވާހަކަދެއްކިއެވެ. ހައިރާންވެ އަންތަރީސްވެފައި ޔޫނުސްއަށް ހުރެވުނެވެ. ފަހުން އޭނަ ހިތްހަމަ ވެސް ނުޖެހުނެވެ. ޝާޢާގެ ހާލަތާ މެދު އެމީހުން ފިކުރުބޮޑުނުވަނީ ހެއްޔެވެ؟ ޝާޢާއަށް ބޭނުންވަނީ ސިއްހީފަރުވާކަން ނޭގެނީ ހެއްޔެވެ؟ ހާލަތުގެ ނާޒުކުކަން ހަނދާންކޮށްދޭން ޔޫނުސް މަސައްކަތްކުރިއެއްކަމަކު އެއަޑު ޖާބިރަށް ނީވޭ ކަހަލައެވެ. އޭނަ ޝާޢާގެ މަގަތުގައި އިށީދެ ހިމޭންކަމުގެ ދުލުން ކިޔަވަން ފެށިއެވެ. އަދި ޔޫނުސްއަށް ޝައްކެއް ނުވާނެހާ ސިއްރުން ޝާޢާގެ މޫނަށް ފުމެލިއެވެ.

ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އާދެވުމުން ޔޫނުސް ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އޭނަ ނަފުސު ކޮންޓްރޯލްކުރަން އުޅޭ ހާލު ޖާބިރުމެންގެ ނުރުހުމުގައި ވެސް އެމްބިއުލާންސަށް ގުޅަން އުޅުނެވެ. އޭނަ ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ޖައްސާލަން އުޅުނު ތަނާ ޝާޢާގެ ހަށިގަނޑަށް ވަރުގަނޑެއް އަރައި ލޯހުޅުވާލިއެވެ. އެއީ ހަދީޖާ ވެސް ފިނިފެންތަށި ހިފައިގެންއައި ވަގުތެވެ.

''ފެންތަށި...'' ޖާބިރު ބުނެލިއެވެ. އެއާއެކު ހަދީޖާ ގޮސް ޖާބިރު އަތަށް ފެންތަށިދިނެވެ.

ޖާބިރު ފެންތައްޓަށް ފުމެލިއެވެ. އަދި ފުންނޭވާތަކެއް ދޫކުރަމުން ދިޔަ ޝާޢާ ގާތު ތަށިން ފެންބުއިމަށް އެދުނެވެ. ދެލޯބޮޑުކޮށްލައިގެން ކޮޓަރިތެރެ ހޯދަމުން ދިޔަ ޝާޢާއަށް އެއަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނަގެ ވަށައިގެން މީހުން ތިބި ކަމެއް ވެސް ޝާޢާއަށް ރޭކާއެއް ނުލައެވެ.

އަނެއްކާ ވެސް ޖާބިރު އޭނަގެ ޖުމްލަ ތަކުރާރުކޮށްލިއެވެ. ތިންވަނަ ފަހަރަށް އޭނަ ބުނެލީ ޝާޢާގެ އަތުގައި ހިފާލަމުންނެވެ.

ޖާބިރާއި ހަތަރިކަޅި ހަމަކޮށްލި ޝާޢާގެ ތުންފަތުގައި ޖާބިރު ފެންތަށިޖައްސާލިއެވެ. އެއާއެކު ދެ ކޯވަރު ޝާޢާ ބޯލިއެވެ. އޭނަގެ ހަށްޓަށް އަރާފައިވި ހޫނުކަން ފިލައި ފިނިކަމުގެ ރާހަތު ލިބުނީ ދެނެވެ. ލަސްލަހުން ފުންނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ހަށިގަނޑަށް ލުއިވެފައިވާ ހާލުގައެވެ.

މަންޒަރު ބަލަން ހުރި ޔޫނުސްއަށް ހައިރާންކަން ލިބިފައި ވިއެވެ. ޝާޢާ ހޭއެރުމުން އޭނަގެ ހިތަށް ކުޑަ ވިޔަސް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އޭގެ ފަހުން ވެދިޔަ ކަންތަކުން އޭނަގެ ސިކުނޑިވީ ސުވާލުމާކެއްގެ ތެރޭގައެވެ.

''އަޅުގަނޑަށް ފެންނަނީ ޝާޢާ ހޮސްޕިޓަލަށް ގެންދަން...'' މާހައުލު ހަމައަކަށް އެޅިފައިވުމުން ޔޫނުސް ބުނެލިއެވެ.

''ޝާޢާ ހޭއަރައިފިއެއްނު... ދެން ޔޫނުސް ވެސް ދިއުން ރަގަޅުވާނީ... ހިޔެއް ނުވޭ ޝާޢާއަށް ހަފުލާއަށް ދެވޭނެހެނެއް...'' ހާޖަރާ އުޅުނީ ޔޫނުސް އެތަނުން ފޮނުވާލާށެވެ. އެކަން ޔޫނުސްއަށް ނަގައިގަނެވުނެވެ. ދެކޮޅު ހަދަން ބޭނުންވިއެއް ކަމަކު އޭނައަށް އެބާރު ލިބިފައި ނުވާތީ ޖެހުނީ ހަދީޖާގެ ބަސް ޤަބޫލުކުރާށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު