އޭޝިޔަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝީޕްގައި ވާދަކުރާ ދިވެހި ގައުމީޓީމު ހިމެނިފައި ވަނީ ވަރުގަދަ ގުރޫޕެއްގައި ކަމަށާއި ނަަމަވެސް އުންމީދަކީ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިޔުން ކަމަށް ޓީމުގެ ތަޖުރިބާކާރު ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނެފި އެވެ.
ދެކުނު ކޮރެޔާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތުގައި ދިވެހި ޓީމް ހިމެނުނީ ނެޓްބޯޅައިގައި އޭޝިޔާ ސަރަހއްދުގައި ފާހަގަކޮށްލެވޭ ވަރުގަދަ ގައުމުތައް ކަމަށްވާ ސްރީލަންކާ، ހޮންކޮންގް ތައިލެންޑްގެ އިތުރުން ޕާކިސްތާނާއި އެކު ގުރޫޕް އޭގަ އެވެ.
ދިލް ބުނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސްރީލަންކާ އަދި މިދިޔަ މުބާރާތުގެ ރޭންކިންގެ ހަތަރުވަނާގައި ހިމެނުނު ހޮންކޮންގް ކަހަލަ ޓީމުތަކާ އެކު އެއް ގުރޫޕެއްގައި ލައްވާލުމަކީ މުބާރަތުގައި ކުރިއަށް ދިޔުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި ނަމަވެސް އަމާޒަކީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ގޮސް ވޭތުވެދިޔަ އަހަރަށް ވުރެ ރޭންކިންގައި ރަނގަޅު ހިސާބެއްގައި ހިމެނުން ކަމަށެވެ.
"ވަރަށް އައު ކުޅުންތެރިންތަކެއް ޓީމުގައި މިތިބީ. މެޗް އެކްސްޕީރިއަންސް ވެސް ނެތް ކުދިން މިތިބީ . ނަމަވެސް ކުދިންގެ ހުނަރު އެބަހުރި. އުންމީދަކީ ރަނަގަޅު ނަތީޖާއެއް ހޯދައިގެން ވޭތުވެ ދިޔަ އަހަރަށް ވުރެ ރެންކިންގައި ކުރިއެރުމެއް ހޯދުން،" ދިލް ބުންޏެވެ.
ދިހަ ގައުމު ވާދަކުރާ އެ މުބާރާތް އަންނަ މަހުގެ ހަވަނަ ދުވަހު ފަށާއިރު ގުރޫޕް ބީގައި ލައްވާލީ މެލޭޝީޔާ، ސިންގަޕޫރު، ޗައިނީސް ތައިޕޭ، އިންޑިޔާ އަދި މުބާރާތް ބާއްވާ ދެކުނު ކޮރެޔާ އެވެ.
އަންނަ މަހުގެ ދެވަނަ ދުވަހު ރާއްޖެ ޓީމް މުބާރަތުގައި ވާދަކުރުމަށް ސައުތު ކޮރެއާއަށްދާން ހަމަަޖެހިފައިވާ އިރު ރާއްޖެ އިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ހަވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ތައިލެންޑާ ދެކޮޅަށް ގައުމީ ނެޓްބޯޅަ ޓީމު ނުކުންނަ އިރު ތިން ވަނަ މެޗުގައި ވާދަކުރާނީ ހޮންކޮންގްއާ އެވެ. ފަހު މެޗުގައި ރާއްޖެ ނުކުންނާނީ އަވަށްޓެރި ލަންކާއާ ދެކޮޅަށެވެ.