ޗައިނާގެ ޕްރޮވިންސެއްގައި އަލަށް އުފަންވާ ކުދިންނަށް އިސްލާމީ ބައެއް ނަން ދިނުން މަނާކޮށްފި

ޝިންޖަންގު ޕްރޮވިންސަކީ ޗައިނާގައި މުސްލިމުން އެންމެ ބޮޑު އާބާދީ އޮންނަ ޕްރޮވިންސް -- ފޮޓޯ: އޭޕީ

ބެއިޖިން (އޭޕްރިލް 25): ޗައިނާގައި މުސްލިމުންގެ އެންމެ ބޮޑު އާބާދީ އޮންނަ ޝިންޖަންގް ޕްރޮވިންސުގައި އަލަށް އުފަންވާ ކުދިންނަށް އިސްލާމީ ބައެއް ނަންތައް ދިނުން މަނާކޮށްފި އެވެ.

ޗައިނާގައި އާބާދީ މަދު ނަސްލުތަކަށް ނިސްބަތްވާ މީހުން ނަން ކިޔުމުގައި އަމަލު ކުރަން ޖެހޭ ގަވާއިދުތައް ކަމަށް ބުނެ ޝިންޖަންގުގައި އާއްމު ކުރި ލިޔުމެއްގައިވާ ގޮތުން "މާބޮޑަށް ދީންވެރި" ނަންތައް އަލަށް އުފަންވާ ކުދިންނަށް ދިނުމަކީ މަނާ ކަމެކެވެ.

އެގޮތުން ސައްދާމް، މަދީނާ، އިސްލާމް، އަދި އިމާމް ފަދަ މަނާ ނަންތައް ހިމެނޭ ލިސްޓެއް ވެސް އެލިޔުމާ އެކު އާއްމުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އަދި މަނާ ނަންތައް ދީފައިވާ ކުދިން ރެޖިސްޓާ ނުކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން އެކުދިންނަށް ސިއްހީ އަދި ތައުލީމީ ފުރުސަތުތައް ގެއްލޭނެ ކަމަށް ޝިންޖަންގުގެ ފުލުހުން ބުންޏެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ވެސް ޝިންޖަންގުގައި މަނާ ނަންތަކުގެ ލިސްޓެއް އާއްމުކޮށްފައިވެ އެވެ. ނަމަވެސް އޭރު އެގަވާއިދު ހަދާފައި އޮތީ އެޕްރޮވިންސުގެ ވަކި ސަރަހައްދަކަށް އެކަންޏެވެ.

މީގެ އިތުރުން، މިދިޔަ މަހު ޗައިނާއިން ވަނީ ޝިންޖަންގުގައި މޫނު ބުރުގާ އެޅުމާއި "އާދަޔާ ހިލާފަށް ތުނބުޅި ދިގު ކުރުން" މަނާކޮށްފަ އެވެ. ޝިންޖަންގު ޕްރޮވިންސުގައި ގާތްގަނޑަކަށް 10 މިލިއަން މުސްލިމުން ދިރިއުޅޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗް އިން ވަނީ އެ ގަވާއިދުތަކަކީ "ދީނީ ގޮތުން ހައްދުފަހަނައަޅާ ދިޔުން ހުއްޓުވުމުގެ ނަމުގައި ދީނީ މިނިވަންކަމަށް އަރައިގަތުން" ކަމަށް ބުނެފަ އެވެ. (އިންޑިޕެންޑެންޓް)

ގުޅޭ ޓެގު
comment ކޮމެންޓް