އެމްއައިބީގައި ދިވެހީންގެ ހިއްސާ ބޮޑުކުރަންޖެހޭ: މުނައްވަރު

ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު --- ސަން ފައިލް ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކުގައި ބޮޑަށް އޮންނަން ޖެހޭނީ ދިވެހީންގެ ހިއްސާ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އުފެއްދީ އިސްްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 85 ޕަސަންޓު ހިއްސާ، އަދި ދިވެހި ސަރުކާރުގެ 15 ޕަސަންޓު ހިއްސާއާ އެކުގައެވެ.

ނަމަވެސް މިދިޔަ އަހަރު އަމާނާ ތަކާފުލް މޯލްޑިވްސްއިން ވަނީ އައިސީޑީގެ އަތުން އެމްއައިބީގެ ފަސް ޕަސަންޓު ހިއްސާ ގަނެފައެވެ. އަދި މިއަހަރުގެ ތެރޭގައި ދިވެހި ސަރުކާރުންވެސް ވަނީ އެމްއައިބީގެ އިތުރު 10 ޕަސަންޓު ހިއްސާ ގަނެފައެވެ.

ހުޅުމާލޭގެ ސެންޓްރޯ މޯލްގައި އިސްލާމިކް ބޭންކުގެ ބްރާންޗެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މިއަދު ވިދާޅުވީ އިސްލާމިކް ބޭންކަކީ ދިވެހި ސަރުކާރަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، އެ ބޭންކުގައި ގޮތް ކިޔުމުގެ ބޮޑެތި ފުރުސަތުތައް ރާއްޖެއަށް ލިބެންޖެހޭ ކަމަށެވެ.

މުނައްވަރު ވިދާޅުވީ 2020 ވަނަ އަހަރަށް އިސްލާމިކް ބޭންކު 20 ޕަސަންޓުން ކުރިއަރައި، އަދި އާމްދަނީ ހަތަރު ގުނަ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުންފުނީގެ ހިއްސާއަކަށް ޖެހޭ ފައިދާ ތިން ގިނަ އިތުރުވާނެ ކަމަށްވެސް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން މި ފުރުސަތުގެ ބޭނުންކޮށް، ބޭންކުގެ ހިއްސާ އިތުރަށް ގަތީ. ސަރުކާރުން އުންމީދުކުރަނީ ހިއްސާ އިތުރަށް ގަތުމަށް. ސަރުކާރުން ގަބޫލުކުރަނީ ބޭންކު ކުރިއަރަމުން ދަނީ ރަނގަޅު މަގުން ކަމަށާއި، މިއީ ސަރުކާރުގެ އިންޕުޓް އިތުރުކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް،"

މުނައްވަރު ވިދާޅުވީ ސަރުކާރުގެ ކުންފުންޏަކަށް ހަދައިގެން، ނުވަތަ ދިވެހި އާންމު ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ނަމަވެސް، މޯލްޑިވްސް އިސްލާމިކް ބޭންކުގައި ދިވެހީންނާއި ރާއްޖޭގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

"މުސްތަގުބަލުގައި އެމްއައިބީގެ ކަންކަމުގައި ގޮތް ކިޔުމުގައި ރާއްޖޭގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ބޭނުންވޭ،" މުނައްވަރު ވިދާޅުވިއެވެ.

comment ކޮމެންޓް