އިސްލާމިކް ބޭންކުގެ ބްރާންޗެއް ހުޅުމާލޭ ސެންޓްރޯ މޯލްގައި

ހުޅުމާލޭގެ ސެންޓްރޯ މޯލްގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފްރޭމްޑް ޑޮޓް އެމްވީ ފޭސްބުކް ފޭޖު

ހުޅުމާލޭގެ ސެންޓްރޯ މޯލްގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް ހުޅުވައިފި އެވެ.

އެ މޯލްގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔަތެއްގައި، އެމްއައިބީގެ ބްރާންޗު ހުޅުވައި ދެއްވީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ.

މިއީ ރާއްޖޭގައި ހުޅުވި، އިސްލާމިކް ބޭންކުގެ ފަސް ވަނަ ބްރާންޗެވެ. އެ ބޭންކުގެ ބްރާންޗުތައް މާލެ، އައްޑޫ ސިޓީ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި މިހާރު ވެސް ހުރެއެވެ.

ސެންޓްރޯ މޯލްގައި ހުންނަ މި ބްރާންޗުން އިސްލާމީ ބޭންކުގެ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. އޭގެ ތެރޭގައި ޑިޕޮސިޓް ކުރުން، އިންވެސްޓްމެންޓް އެކައުންޓްސް، ވިޔަފާރިތަކާއި ފަރުދުންނަށް ފައިނޭންސިންގް ފެސިލިޓީސް، ޓްރޭޑް ފައިނޭންސް، ރެމިޓެންސް އަދި އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން އެ ބޭންކުގެ އޭޓީއެމްއެއް ވެސް ސެންޓްރޯ މޯލްގައި ހުރެއެވެ.

ހުޅުމާލޭގެ ސެންޓްރޯ މޯލްގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފްރޭމްޑް ޑޮޓް އެމްވީ ފޭސްބުކް ފޭޖު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗެއާމަން ނަޖުމުލް ހަސަން ވިދާޅުވީ، މި އަހަރުގެ ތެރޭގައި އެ ބޭންކުގެ ހަ ވަނަ ބްރާންޗު، ރާއްޖޭގެ ރަށެއްގައި ހުޅުވަން އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ރަށެއްގައި ކަމެއް ޗެއާމަން ވިދާޅެއް ނުވެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ބެހިގެންވާ ގޮތް.

  • އައިސީޑީ (70 ޕަސަންޓު ހިއްސާ)
  • ދިވެހި ސަރުކާރު (25 ޕަސަންޓު ހިއްސާ)
  • އަމާނާ ތަކާފުލް ޕލކ (ފަސް ޕަސަންޓު ހިއްސާ)
comment ކޮމެންޓް