ސިޔާސީ ހަމަނުޖެހުމަކުން ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެތީ ހުޝިޔާރުވާން ޖެހޭ: މިނިސްޓަރު

ސިފައިންގެ 125ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހިންގާ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމާމެދު ހުޝިޔާރުވެ ތިބެންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 125 އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިންނަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ ސުލްހަވެރިކަން ގާއިމްކުރުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ތާރީހަށް ބަލާއިރު ރާއްޖޭގައި މަދުން ނަމަވެސް ހިނގާފައިވާ ޓެރަރިޒަމްގެ އަމަލުތަކަކީ ސިޔާސީ ކަންކަމާ ގުޅުވައިގެން ހިންގާފައިވާ ކަންތައްތައް ކަމަށާއި އެކަން ހިންގާފައިވަނީ ކޮން ބައެއް ކޮން ބޭނުމެއްގައިކަން ވެސް އެނގެން އެބަ އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އޭޕްރީލް 23، 2017: ސިފައިންގެ 125ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމާމެދު ދިވެހި ސިފައިން އަބަދުވެސް ހުޝިޔާރުވެ ތިބެންޖެހޭ،" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މާޒީން އިބްރަތް ހާސިލްކޮށް މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ކުރި މަގުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ދުރާލާ ވިސްނާ ރޭވުންތަކެއް ރޭވުމަކީ މިއަދު ސަލާމަތީ ބާރުތަކުން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ، ރާއްޖޭގައި ކުރާ ކުށްތަކާއި ޖަރީމާތައް ހުއްޓުވުމަށް ދިވެހި ފުލުހުންނާއެކު ދިވެހި ސިފައިން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށެވެ.

comment ކޮމެންޓް