ފެނަކައިން ވެސް ކަރަންޓުގެ އަގު ހެޔޮކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ސްޓެލްކޯ އިން ކަރަންޓުގެ އަގު ހެޔޮކޮށްފައި ވަނިކޮށް، ފެނަކައިން ވެސް ކަރަންޓުގެ އަގު ހެޔޮކޮށްފި އެވެ.

ފެނަކަ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އިގްބާލް އާދަމް ވިދާޅުވީ ފެނަކަ ލިބެމުން އައި ޑީސަލް އަގުހެޔުވުމާ ގުޅިގެން ކުންފުނީގެ ބޯޑުން ކަރަންޓުގެ އަގުހެޔޮކުރުމަށް ނިންމީ ކަމަށެވެ.

"ފަހަރެއްގެ ކަރަންޓް ބޭނުންކުރައްވާ ފަރާތްތަކުން ޑީސަލްގެ އަގަށް އައި ބަދަލާއި ގުޅިގެން އަޅުގަނޑުމެންނަަށް މި ހެޔޮކުރެވޭ ކުރެވުން އެ ނިސްބަތުން ކުޑަ އެއްޗެއް ކަމަށް ފަހަރެއްގައި ހީފުޅު ކުރެއްވަފާނެ ކަންނޭންގެ،" އޭނާ ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ މިފަހަރު ތިން ލާރި ހެޔޮކުރި ނަމަވެސް ތެލުގެ އަގުހެޔޮ ކުރައްވާ ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ދެވެން އޮތް ވަރަކުން ލުއި ދެއްވާނެ ކަމަށެވެ.

ފެނަކައިން ތެލުގެ އަގުހެޔޮކުރުމަށް ނިންމާފައިވާ އިރު އިގްބާލް ވިދާޅުވީ ތެލުގެ އަގުހެޔޮކުރި ދުވަހުން ފެށިގެން އެ ކުންފުނިން ތައްޔާރު ކުރާ ބިލްތައްވެސް އަގުހެޔޮކުރި ރޭޓުން ހަދަމުންދާނެ ކަމަށެވެ.

ސްޓެލްކޯ އިން އެ ކުންފުނިން ވިއްކާ ކަރަންޓުގެ އަގު ހެޔޮކުރީ، ޑީސަލް ގަންނަން ލިބޭ އަގު 9.18 ރުފިޔާއަށް ކުޑަވުމުންނެވެ. އަދި ފިއުލް ސާޗާޖަށް ނަގާ މިންވަރުން ގާތްގަނޑަކަށް ހަތަރު ލާރި ހެޔޮވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

comment ކޮމެންޓް