އިމްރާން 12 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި

ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ޖަލަށް ގެންދިޔުމަށް ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އިމްރާން އަރުވަނީ ---- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި "މޭޑޭ" މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ހައިކޯޓުން ވެސް އިމްރާން ޖަލަށްލުމަށް ހުކުމްކޮށްފައިވާ އިރު، އޭނާ މިއަދާ ޖެހެންދެން ވެސް ހުންނެވީ ގޭބަންދުގަ އެވެ.

އިމްރާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އިމްރާނުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަސް ހުކުމުގައި ވަނީ ރިއާޔަތް ކޮށްފަ އެވެ.

ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި އިމްރާނުގެ މައްސަލަ ފުރަތަމަ ބަލަން ފެށިއިރު ބެންޗުގައި ތިއްބެވި ފަނޑިޔާރުން މައުލޫއީ ގޮތުން އެމައްސަލަ ބަލާފައި ނުވާތީ ހައިކޯޓުގައި އެމައްސަލަ ބަލާ ބެންޗުގައި އެ ފަނޑިޔާރުން ތިބުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން އެކެއް މޭ 2015 "މޭޑޭ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާގައި އިމްރާނު ދައްކާފައިވާ ވާހަކަތަކުގެ ތެރޭން "އެހެންގޮތަކަށް ތެދުވުމަށް" ވިދާޅުވެފައިވާ ކަމަށާއި، އޭގެ ފަހުން މަޣުރިބް ނަމާދަށް ފަހު ަބައިވެރިން އަނިޔާވެރި ގޮތްތަކަށް އަމަލުކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެގޮތުން ފުލުހުންގެ ރިކޯޑު ތަކާ ހަވާލާދީ ހުކުމުގައި ބުނެފައި ވަނީ 17 ފުލުހަކަށް އެކިވަރުގެ އަނިޔާވެ ދެ ފުލުހަކު ރާއްޖޭން ބޭރަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

އެހެންކަމުން އިމރާން ދެއްކެވި ވާހަކަތަކަކީ އަނިޔާވެރި ކަމަށް ހިއްވަރު ލިބޭގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި މަޣްރިބް ނަމާދަށް ފަހުވެސް މުޒާހަރާ ނިމުންކަން އިއުލާނުކޮށްފައި ނުވާތީ ބައިވެރިން އަމަލުތަށް ބެހެއްޓީ އިމްރާނު ދެއްކެވި ވާހަކަފުޅުތަކާ ގުޅުވައިގެން ކަން ސާބިތުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުން އަފްރާޝީމްގެ މަރާ ގުޅިގެން ދައުލަތުގެ އިސްވެރިންތަކެއްގެ މައްޗަށް ތުހުމަތުތަކެއް ކޮށް އިމްރާން ވާހަކަފުޅު ދައްކަވާފައިވާކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހުރިހާ ކަމަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް