އެސްޓީއޯ ރަމަޟާން ބާޒާރު: 25،000 ރުފިޔާގެ ވައުޗަރާއި ބޮޑެތި ޑިސްކައުންޓްތަކެއް

އެސްޓީއޯ ރަމަޟާން ބާޒާރު 2017 ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ 25،000 ރުފިޔާގެ ގިފްޓު ވައުޗަރަކާއި، ގިނަ ޑިސްކައުންޓްތަކަކާ އެކު އެސްޓީއޯ ރަމަޟާން ބާޒާރު މިއަދު ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއިން ކުރިޔަށް ގެންދާ ރަމަޟާން ބާޒާރަކީ އަގުހުރި އިނާމުތަކާއި ގިނަ ޑިސްކައުންޓްތަކެއް ލިބޭ ސޭލެކެވެ.

އެސްޓީއޯ ސުޕަމާޓުގައި މިއަދު މި ސޭލް ފަށައިދެއްވީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާނެވެ.

މިއަހަރު އެސްޓީއޯގެ ރަމަޟާން ބާޒާރު ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.

އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން ވިދާޅުވީ މިއަހަރުގެ ރަމަޟާން ބާޒާރުގައި، 300 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި ގިފްޓު ވައުޗަރުތަކެއް ލިބޭނެ ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެން އަމާޒު ކުރަނީ ގިފްޓު ވައުޗަރުތަކެއް ދިނުމަށް. އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ބޭނުންކުރެވޭނެ ވައުޗަރުތަކެއް މިއީ. އެއްވަނަ އިނާމަކަށް 25،000 ރުފިޔާގެ ވައުޗަރެއް ލބިޭނެ. ދެވަނައަށް 15،000 ރުފިޔާ، އަދި ތިންވަނައަށް 12،000 ރުފިޔާގެ ވައުޗރެއް ލިބޭނެ،" އާޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއެއްގައިވެސް ތިން ނަސީބުވެރިއަކު ހޮވައި، އެ ތިން ފަރާތަށް 400 ރުފިޔާގެ ގިފްޓު ވައުޗަރު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މި ވައުޗަރުތަކަކީ ރަމަޟާން ބާޒާރު ކުރިޔަށް ދާ މުއްދަތުގައި ބޭނުންކުރެވޭނެ ވައުޗަރުތަކެކެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު 2017 ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާޝާން ވިދާޅުވީ ރަމަޟާން ބާޒާރަށް ޚާއްސަކޮށްގެން އެސްޓީއޯ ސުޕަމާޓުގެ ޝެލްފުތަކުގައި ކާބޯތަކެތި މިހާރު އަރތުާފައިވާނެ ކަމަށާއި، އާ ޕްރޮޑަކްޓުތަކެއްވެސް ތައާރަފު ކުރާނެ ކަމަށެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުން، ސުޕަމާޓުން ވިއްކާ 100 އަށް ވުރެ ގިނަ ބާވަތުގެ މުދަލުގެ އަގު ވަނީ ރަމަޟާން ބާޒާރު ސޭލަށް ހެޔޮކޮށްފައެވެ.

comment ކޮމެންޓް