ހަރުކަށި ފިކުރަށް ވުރެ ދީނާ ދެކޮޅު ފިކުރުގެ ނުރައްކާ ބޮޑުވެފައި

އެމްޑީޕީ ސަރުކާރުން އިޒުރޭރުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނައުމުން، އެކަމާ ދެކޮޅަށް މާލޭ އިރުމަތީފަރާތު ސުނާމީ ބިނާ ސަރަހައްދަށް އެއްވެ ކުރި މުޒާހަރާގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު

ސީރިއާ ފަދަ ގައުމުތަކަށް ޖިހާދަށް ދިވެހިން ދާ ވާހަކަ އެވެ. ދަރިންނަށް ވެކްސިން ނުދޭ ވާހަކަ އާއި ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ނުދޭ ވާހަކަ އެވެ. ހަނގުރާމަވެރިން އުފެދޭ ވާހަކަ އެވެ. މިއީ ހައްތަހާ ވެސް ރާއްޖޭގައި ދީނީ ހަރުކަށި މީހުން އުޅޭކަން ހާމަކުރަމުންދައްކާ ވާހަކަ އެވެ. އެއީ ބޮޑު މައްސަލައެކެވެ. ހަމައެއާ އެކު ނުދައްކާ އެހެން ވާހަކައެއްއެބައޮތެވެ. އެއީ އޭގެ އަނެއް ކޮޅެވެ. އިސްލާމް ދީން ގަބޫލް ނުކޮށް އުޅޭ ދިވެހިންގެ ވާހަކަ އެވެ. އެ ނުރައްކާ އަންނަނީ މާބޮޑަށް އިތުރުވަމުންނެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު އިސްލާމްދީނާއި ހިލާފަށް އުޅޭ މީހުންނަކީ ނުފޫޒެއް އޮތްބައެއް ނޫނެވެ. ނަމަވެސް މިއަދު ގައުމުގައި ބަސް ކިޔާ ނުވަތަ ހިދުމަތްތަށް ދޭ މަގާމުތަކުން އެ މީހުން އެބަ ފުރުސަތު ހޯދަ އެވެ. ނަތީޖާއަކީ އެބައި މީހުންގެ ބާރު ގަދަވުމެވެ.

މީގެ ކުރިން ސިއްރުގައި އިސްލާމްދީނާ ހިލާފު ހަރަކާތްތައް ހިންގި ނަމަވެސް މިއަދު އަންނަނީ ފާޅުގައި ނުކުންނަމުންނެވެ. ސޯޝަލް މީޑިއާގައި މިއަދު ހިންގަނީ "ފޭކު" ޕޭޖްތަކެއް ނޫނެވެ. ފާޅުގައި އަމިއްލަ އައިޑީތަކުން އިސްލާމްދީނަށް ފުރައްސާރަ ކުރަން ފަށައިފި އެވެ.

ނަތީޖާ ވަރަށް ވެސް ހިތި

އެއް ޖިންސުން ގުޅުން ހިންގުމާއި ބަދުއަހުލާގީ އަމަލުތައް ފާޅުގައި ހިންގަން ފަށައިފި އެވެ. ނަހަމަ ޖިންސީ ގުޅުންތައް ގިނަވެ ޖިންސީ އެކިއެކި ބަލިތަކާއި ސިއްހީ މައްސަލަތައް ބޮޑުވާން ފަށައިފި އެވެ. މީހުން ކަތިލުން އިތުރުވެއްޖެ އެވެ. އީމާންތެރިކަން ދަށްވުމުން އަމިއްލައަށް މަރުވުމާއި "އެބޯޅެމިބޯޅޭ" ދިރިއުޅުން އުޅޭ ޒުވާނުން ގިނަވަނީ އެވެ.

އިސްލާމީ އުސޫލްތަކާއި ހިލާފަށް ދެމަފިރިންގެ ހައްގުތައް އަދާނުކުރުމާއި ސިއްރު ނަހަމަ ގުޅުންތަކުގެ ސަބަބުން އާއިލާތައް ރޫޅި ދަރިން ނިކަމެތިވަނީ އެވެ. ރަނގަޅު ތަރުބިއްޔަތެއް ނުލިބި މަގުތަކަށް ނުކުންނަ ކުދިން އިތުރުވަނީ އެވެ.

މަސްތުވުން އިތުރުވެ ޒުވާނުންގެ އުފެއްދުންތެރިކަން ދަށްވާން ފަށައިފި އެވެ. ބިދޭސީންގެ އަތް ދަށަށް ގައުމުދާއިރު ގައުމުގެ ހުންގާނުގައި ހިފާނެ ގާބިލް ރަނގަޅު އަހުލާގެއްގެ ދިވެހި ޒުވާނުން ހަމަ މަދީ އެވެ. ފާހިޝްކަންކަމަށް ދެވިހިފާފަ ހުންނަލެއް ބޮޑުކަމުން ރަނގަޅު އުފެއްދުންތެރިކަމެއް ޒުވާނުންގެ ކިބައިން ފެންނަލެއް މަދީ އެވެ.

ދީނާއި ދުރަށް ކީއްވެ؟

ހަގީގަތް ގަބޫލްކުރަންޖެ އެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ކިޔައިގެން ތިބެވޭކަށްނެތެވެ. މިގައުމަށް ނިސްބަތްވާ އިސްލާމްދީނަށް ފުރައްސާރަ ކުރާ އެތައް ބަޔަކު އެބައުޅެ އެވެ. އެހެންވާ ސަބަބުތައް ވަރަށް ވެސް ގިނަ އެވެ.

*އިސްލާމްދީން ނޭނގެނީ

މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް އިސްލާމު ދީނާއި ދުރުކުރުމަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ހިންގާ ހަރަކާތްތަކާއި އެއްވަރުގެ ހަރަކާތްތަކެއް ދީނަށް އަހުލުވެރިކުރަން ނުހިންގެނީ އެވެ. ނަތީޖާއަކީ އިސްލާމްދީނާއި ގުޅޭ ގޮތުން ނުބައި ސުވާލުތަކެއް ހިތުގައި އުފެދި އެސުވާލުތަކަށް ޖަވާބް ނުލިބުމުން މީހާ ދީނާ ދުރަށް ދަނީއެވެ.

ޑރ. ޒާކިރް ނައިކް ރާއްޖޭގައި ދަރުސް ދެނިކޮށް ދީން ގަބޫލްނުކުރާކަން އިއުލާންކުރި އަދި މިހާރު ތައުބާވެ ހައްޖު ކޯޕަރޭޝަންގައި މަސައްކަތް ކުރަމުންދާ މުހައްމަދު ނާޒިމް އޭނާގެ ތަޖރިބާ ހިއްސާކުރަމުން ވިދާޅުވި ގޮތުގައި ދިވެހިން އިސްލާމް ދީން ގަބޫނުކޮށް އުޅޭ މައިގަނޑު ސަބަބަކީ އެމީހުންގެ ހިތުގައި އުފެދޭ ދީނާ ގުޅޭ ތަފާތު ސުވާލުތަކަށް ޖަވާބު ނުލިބޭތީ ކަމަށެވެ.

"ދީނީި ސުވާލުތައް ކުރަން ބޭނުންނުވޭ، އެލަދު ބޮޑު، އޮޅުން ފިލުވާކަށް ނޫޅޭ، އެހެންވެ އެސުވާލްތަކަށް ޖަވާބު ނުލިބިވަނިކޮށް އެކަން ނެކަޓިވްވެ ދީން ގަބޫލް ނުކުރަނީ،" ނާޒިމް ވިދާޅުވި އެވެ.

އެހެން އެގޮތަށް ދިމާވާއިރު އެފަދަ މީހުންނަށް ވިސްނައި ދެވޭނެ ވަރުގެ ދީނީ އިލްމުވެރިން ރާއްޖޭގައި މަދުވުމަކީ އެކަން ހައްލުނުވާ މައްސަލަ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ސުކޫލް ތަކުގައި އިސްލާމްދީން ރަނގަޅަށް ކިޔައިނުދެވޭކަން ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

ނާޒިމްގެ ވާހަކަތަކަށް ބާރު ލިބެނީ ސޯޝަލް މީޑިއާއިން ފެންނަ މަންޒަރުތަކުންނެވެ. ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދީނަށް ލޯބިކުރާ މީހުންނާއި ދޭތެރޭ ހިނގާ ހަނގުރާމަ އެވެ. އޭގެ ބަދަލުގައި ދީން ގަބޫލްނުކުރާ މީހުންނަކީ ހާއްސަ އެހީތެރިކަމެއް ބޭނުންވާބައެއްކަން ގަބޫލް ކުރަންޖެހެ އެވެ.

"އެންމެ ރަނގަޅު ގޮތަކީ އެކަހަލަ މީހުންނަށް [ދީން ގަބޫލްނުކުރާ] އެޓޭކް ނުކޮށް ސަބަބު ބަލައި ފަރުވާ ދިނުން، އަދި ހަމައެހެންމެ ތައުލީމީ ދާއިރާ މަންހަޖު އިސްލާހު ކުރަމުންދާ ދުވަސްވަރެއްގައި ދީނީ ތައުލީމް މަންހަޖްގެ ތެރޭގައި ބޮޑަށް ހިމެނުމަށް މަސައްކަތް ކުރަންޖެހޭ،" ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވި އެވެ.

*މައިންބަފައިންގެ ޒިންމާ ބޮޑު

ތައުލީމީ ދާއިރާ ގޯސް ކަމަށް ބުނެވެން ނެތް ކަމަށާއި ނަމަވެސް ތައުލީމީ ދާއިރާގެ ތެރެއިން ވެސް ކުދިންގެ އަގީދާ ވަރުގަދަ ކުރަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ. ސުކޫލުގައި ހޭދަ ކުރާ ފަސް ހަ ގަޑިއިރަށް ވުރެ ދެން ހިނގާ ކަންކަމުން ކުރާ އަސަރު މާބޮޑުއިރު ބެލެނިވެރިންގެ ޒިންމާ ބޮޑުކަމަށް ޝެއިހް ވިދާޅުވި އެވެ.

"ރާއްޖެއަކީ 100 ޕަސެންޓް އިސްލާމީ ގައުމަކަށް ހެދުމަށް އެންމެންގެ ޒިންމާއެއް އެބައޮތް، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ މައިންމަބަފައިން، ރަސޫލާގެ ހަދީސްގައި ވޭ ކުއްޖާ އުފަންވަނީ ފިތުރަތުގައެވެ، އެކުއްޖާ ވަކި ގޮތަކަށް ބަދަލުކުރަނީ މައިންބަފައިންނޭ، ސުކޫލަކަށް ކުއްޖާ ދަނީ އުމުރުން ކުއްޖާ ވަކި ވަރެއް ވީމަ،" ޝެއިހް ވިދާޅުވި އެވެ.

*ބޭރުގެ ނުފޫޒުތައް ފޯރާ

ރާއްޖޭގެ ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭގޮތުގައި ދިވެހިން އިސްލާމް ދީނުން ބޭރުކުރުމަށް ރޭވިގެން އެތައް ކަމެއް ހިންގަމުންދާއިރު، ދީނުން ބޭރުކުރުމަށް އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ ޒުވާނުންނަށެވެ. އެގޮތުން ޒުވާނުންނަށް ސުކޮލަޝިޕްތައް ދީ ބޭރަށް ކިޔަވަން ގެންގޮސް ދީން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝެއިހް ވިދާޅުވި އެވެ.

"އިސްލާމްދީން ނޫން އެހެން ދީންތަކަށް މީހުން ވެއްދުމުގެ ކަންކަމީ މީގެ ހައެއްކަ އަހަރު ކުރިން ވެސް މިގައުމުގައި ހިންގަމުންދާ ކަމެއް. އޭގެ ތެރޭގައި ބައެއް ދީންތަކަށް މީހުން ބަދަލުކުރަން އުޅޭއިރު އެއްވެސް ދީނެއް ގަބޫލު ނުކުރާ ބަޔަކަށް މީހުން ހެދުމަށް ވެސް މަސައްކަތް ކުރޭ،" ކަމާބެހޭ މަސްދަރަކުން މައުލޫމާތު ދިނެވެ.

އެކަމަށް ބާރު ލިބޭ ހެކިތައް އެބަހުއްޓެވެ. މީގެ އަހަރުތަކެއް ކުރިން ވަނީ ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބައެއް ޓީޗަރުންނާއި ޑޮކްޓަރުން ފަދަ މީހުންގެ ފަރާތުން އެފަދަ ކަންކަން ކުރާކަން ފާހަގަވެފަ އެވެ. އޭގެ ސަބަބުން އެފަދަ މީހުން ޑީޕޯޓްކޮށްފައިވެސްވެ އެވެ.

އެކި ދީންތަކަށް ފުރުސަތު ނުދޭނަމަ ރާއްޖެއިން އެކްސްޕޯޓްކުރާ މަސް ގަތުމަށް ކުރިމަތިކުރި ހުރަސްތަކާއި ޒުވާނުންނާއި އަމާޒުކޮށްގެން ހިންގާ އެކިއެކި ފެއާތަކުގައި ގުރުއާނާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ކުރެހުންތައް ކުރަހާއި ދީނާއި ހިލާފް ހަރަކާތްތައް ކުރިއަށް ގެންދާގެންދިއުމަކީ އޭގެ ހެކިތަކެވެ.

"ސީދާ ދައްޖާލް ޕުރޮމޯޓް ކުރުމުގެ ކަންކަން ކުރަނީ، ހުރިހާ ސުޓޯލެއްހެން ހުންނަނީ އެހެން، ކުރެހުންތަކުން ދައްކުވައިދެނީ އެކަންކަން، އެމީހުން އެކަން ކުރަނީ ބަޖެޓް ލިބިގެން، އަޅުގަނޑުމެން ކުންފުނިން ނިންމައިފިން ދެން ބައިވެރި ނުވާން،" ޒުވާނުންނަށް އަމާޒުކޮށްގެން އަހަރަކު އެއް ފަހަރު ބާއްވާ ފެއާއެއްގައި ވޭތުވެ ދިޔަ ދެ އަހަރު ބައިވެރި ފަރާތަކުން ބުންޏެވެ.

ޝެއިހް ފަހުމީ ވިދާޅުވީ ކްރިސްޓިއަން ދީން ފެތުރުމަށް ގިނަ މަސައްކަތް ކުރާކަން ފާހަގަކުރެވޭއިރު ކުރިސްޓިއަކުން ދީން ގަބޫލް ނުކުރާ މީހުން އިސްލާމް ދީނާއި ބޭރު ކުރާ ކަމަށެވެ.

"ދީނުގައި ހުންނަ ހަމަތަކާއި އުސޫލްތަކާއި ބޭރުވީމަ އަހުމަދު، މުހައްމަދު، ފާތުމަ، ކީނަމަވެސް ނުހުންނާނެ ނުވާނެ ނޫންތޯ މުސްލިމުންނަށް،" ޝެއިހް ވިދާޅުވި އެވެ.

ގުޅިގެން މިދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ

އިސްލާމްދީނާއި އިދިކޮޅަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ގުޅިގެން މަސައްކަތްތަކެއް ކުރަމުން، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ހާލަތު ވަރަށް ވެސް ގޯހެވެ. ދިިވެހިންގެ ފަހުރަކަށް ވެފައިވާ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ނަސީބު ނެތިކޮށްލުމަށް އެތައް ބަޔަކު އެބަ މަސައްކަތް ކުރެއެވެ. އެމީހުން ފާޅުގައި ނުކުންނަން ފަށާފައިވާއިރު އެކަން ހުއްޓުވޭނީ ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ތައުލީމީ ނިޒާމްގެ ތެރެއިން ހައްގާއި ބާތިލް ރަނގަޅަށް ބުނެދީގެންނެވެ. ފަސާދައަށް މުޖުތަމައުއިން ޖާގަ ނުދީ ބެލެނިވެރިންގެ ޒިންމާ އަދާކޮށްގެންނެވެ.

comment ކޮމެންޓް