ތާލިބާނުން ކުއްލި ހަމަލާތަކެއްދީ އަފްޣާނިސްތާނުގެ 50 އަށް ވުރެ ގިނަމީހުން މަރާލައިފި

ތާލިބާނުން ހަމަލާދިން އަސްކަރީ ބޭސް

މަޒާރޭޝަރީފް (އެޕްރީލް 22) : އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާނުން ދިން ކުއްލި ހަމަލާތަކެއްގައި އެގައުމުގެ 50 އަށް ވުރެ ގިނަމީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ތާލިބާނުން ހަމަލާދިނީ އެގައުމުގެ އުތުރުގެ އެންމެ ބޮޑު ސިޓީކަމަށްވާ މަޒާރޭ ޝަރީފްގެ ކައިރީގައިވާ އަފްޣާން ސިފައިންގެ އަސްކަރީ ބޭހަކަށެވެ. ތާލިބާނުންގެ ބަޔަކު އެތަނަށްވަދެ ބަޑިންނާއި އަތުބޮމުން ދިން މިހަމަލާތަކުގައި މަރުވެފައި ވަނީ އަފްޣާން ސިފައިންނާއި އެގައުމުގެ އާންމުންކަމަށް ޚަބަރުތައް ބުނެ އެވެ. އަފްޣާން ދިފާއީ ވުޒާރާ އިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ތާލިބާނުންގެ ތަރްޖަމާނަކު ބުނީ މިހަމަލާތަކުގައި އަފްޣާން ސިފައިންގެ 100 މީހުން މަރުވެފައިވާ ކަމުގަ އެވެ. ތާލިބާނުން މިހަމަލާދިނީ އެޖަމާއަތުގެ ބާރު އަފްޣާނިސްތާނުގައި ވަރުގަދަވަމުންދާ ދުވަސްވަރެއްގަ އެވެ. ތާލިބާނުންނަކީ އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިންގެ އެތައް ލައްކަ ބަޔަކު އަފްޣާނިސްތާނަށް އަރައި 12 އަހަރު ހަނގުރާމަކޮށްގެން ވެސް ބަލިނުކުރެވުނު ޖަމާއަތެކެވެ.

އަފްޣާނިސްތާނުގައި މިހާރު ވެސް އެމެރިކާގެ އަސްކަރީ ބާރުތައް އޮވެ އެވެ. އަދި ތާލިބާނުންނާ ހަނގުރާމަ ކުރުމަށް ޓަކައި އެމެރިކާގެ ބާރުތައް ފުޅާދާއިރާއެއްގައި ބަރުހަތިޔާރާ އެކު ހަރަކާތްތެރިވެސް ވެ އެވެ. ނަމަވެސް އަފްޣާނިސްތާނުގެ 55 ޕަސެންޓް ބިން ވަނީ ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެމެރިކާ ދާދިފަހުން ވަނީ އެގައުމުގައި އުފައްދާ އެންމެ ބޮޑު ބޮންކަމަށްވާ މަދާ ބޮން ވެސް އަފްޣާނިސްތާނަށް އަޅާފަ އެވެ. އެބޮން އަމާޒުކުރީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އަމާޒުތަކަށް ކަމަށް އެމެރިކާ ބުނެ އެވެ.

އައިއެސް އަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ވަނީ ތުހުމަތުކުރެވިފަ އެވެ. ނަމަވެސް މިކަން އެމެރިކާ ދޮގުކުރެ އެވެ.

މަޒާރޭ ޝަރީފްގެ ކައިރީގައިވާ އަފްޣާން ސިފައިންގެ އަސްކަރީ ބޭހަށް ރޭ ތާލިބާނުން ދިން ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ މީހަކު މަރުވިކަން އެނގިފައިނުވާ ކަމަށް އެމެރިކާ ބުނެ އެވެ. (ރޮއިޓާސް)

comment ކޮމެންޓް